މިހާރު ކުރިއަށްދާ ޔޫރޯ 2024 ޕޯޗުގަލްއަށް ހައްގު ކަމަށް އެ ޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފިއެވެ.

ޔޫރޯއާ ބެހޭ ގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުނީ ޕޯޗުގަލްގައި މިހާރު އޮތް ޖީލުގެ ހުނަރުވެރި ކުޅުންތެރިންނަށް ޔޫރޯ ކާމިޔާބު ކުރުން ހައްގު ކަމުގައެވެ. ރޮނާލްޑޯ ހާމަކުރި ގޮތުގައި ޕޯޗުގަލް ޓީމު މި ފަހަރުގެ ޔޫރޯއަށް ނިކުންނާނީ މުބާރަތް ކާމިޔާބު ކުރުމުގެ ވަރުގަދަ އަޒުމާއެކު ކަމުގައެވެ.

"އަހަރެން ގަބޫލު ކުރާ ގޮތުގައި ޕޯޗުގަލްގައި މިހާރު އޮތް ޖީލުގެ ހުނަރާ ބަލާފަ އެ ޓީމަށް ޔޫރޯއެއް ލިބުން ހައްގު. އަހަރަމެން މި ފަހަރު ޔޫރޯއަށް ނިކުންނަ އިރު އެންމެ މުހިއްމު ކަމަކީ މުބާރާތް ކާމިޔާބު ކުރެވޭނެ ކަން ގަބޫލު ކުރުން. ޕޯޗުގަލް ޓީމު އޮތީ ޔޫރޯއަށް ފުރިހަމައަށް ތައްޔާރަށް" ޔޫރޯއާ ބެހޭ ގޮތުން ވާހަކަދައްކަމުން ރޮނާލްޑޯ ބުންޏެވެ.

ރޭގައި ފަށާފައިވާ ޔޫރޯ 2024 އަށް ޕޯޗުގަލް ޓީމާއެކު ރޮނާލްޑޯ ނިކުންނައިރު އޭނާއަކީ މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެފައިވާ (25) އަދި އެންމެ ގިނަ ލަނޑު ކާމިޔާބު ކޮށްފައިވާ (14) ކުޅުންތެރިޔާއެވެ. މި ޔޫރޯގައި ރޮނާލްޑޯ މެޗެއްގައި ކުޅެފިނަމަ އެންމެ ގިނަ ޔޫރޯގައި ބައިވެރިވި ކުޅުންތެރިޔާއަށް އޭނާއަށް ވެވޭނެއެވެ.

ޕޯޗުގަލް ޔޫރޯއަށް ނިކުންނައިރު މިއީ, އެ ޓީމުގައި މިހާރު ކޯޗަކަށް ހުރި ރޮބާޓޯ މާޓިނޭޒްއާއެކު ޓީމު މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރެވެ. ޔޫރޯގައި ޕޯޗުގަލްގެ ފުރަތަމަ މެޗު އޮތީ 19 ޖޫން ވާ ބުދަ ދުވަހުއެވެ. މި މެޗުގައި ޕޯޗުގަލަ ނިކުންނާނީ ޗެކް ރިޕަބްލިކްއާ ދެކޮޅަށެވެ.