ކޮޕާ އެމެރިކާގެ އެންމެ ފަހުގެ ތައްޔާރީގެ ގޮތުގައި ގުއަޓެމާލާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު 4-1 އިން އާޖެންޓީނާ ކާމިޔާބު ކޮށްފިއެވެ.
އެމެރިކާގެ ފެޑްއެކްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. ނަމަވެސް ކުޅުމުގެ އޮއިވަރާ ހިލާފަށް, މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ ގުއަޓެމާލާއެވެ. މި ލަނޑަކީ, އާޖެންޓީނާގެ ޑިފެންޑަރު ލިސަންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ.
ގުއަޓެމާލާއަށް މެޗުގެ ލީޑު ހިފެހެއްޓުނީ އެންމެ އަށް މިނެޓަށެވެ. މެޗުގެ 12 ވަނަ މިނެޓުގައި އާޖެންޓީނާގެ ސުޕާސްޓާ ލިއޮނަލް މެސީ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އާޖެންޓީނާއިން މެޗުގެ ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ލައުޓާރޯ މާޓިނޭޒް ކާމިޔާބު ކުރި ލަނޑެކެވެ.
އާޖެންޓީނާގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފުގެ 66 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އާޖެންޓީނާއަށް ލީޑު ނަގައިދިން މާޓިނޭޒް ކާމިޔާބު ކުރި ލަނޑެކެވެ. މެޗުގެ 77 ވަނަ މިނެޓުގައި މެސީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ އާޖެންޓީނާގެ ލީޑު ތިން ގޯލަށް އިތުރުކޮށްފައެވެ. މެޗުގައި މޮޅު ކުޅުމެއް ދެއްކި މެސީ ވަނީ ދެ ލަނޑާއި އެސިސްޓެއް ހާސިލުކޮށްފައެވެ.
މި މެޗުން ލިބުނު މޮޅާއެކު އާޖެންޓީނާ ދެން ނިކުންނާނީ ކޮޕާ އެމެރިކާގައި ކެނެޑާއާ ދެކޮޅަށެވެ. ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުގައި މި ދެ ޓީމުން ވާދަކުރަން ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 21 ޖޫން ވާ ހުކުރު ދުވަހުގެ ފަތިހު 5:00 ގައެވެ.