މި އަހަރުގެ ޔޫރޯގައި "ގްރޫޕު އޮފް ޑެތު" ގެ ނަން ދެވިފައިވާ ގްރޫޕު "ބީ" ގެ ފުރަތަމަ މެޗުގައި ސްޕެއިންއާ ކްރޮއޭޝިއާ މިރޭ ބައްދަލުކުރާނެއެވެ.
ގްރޫޕު "ބީ" އަށް މަރުގެ ގްރޫޕުގެ ގޮތުގައި ނަން ދެވުނީ އެ ގްރޫޕުގައި ހިމެނިފައިވާ ޓީމުތައް ވަރުގަދަކަމުންނެވެ. މި ގްރޫޕުގައި ހިމެނެނީ, އެންމެ ފަހުގެ ޔޫރޯގެ ޗެމްޕިއަނުން އިޓަލީ, 2022 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ސެމީ ފައިނަލިސްޓުން ކަމުގައިވާ ކްރޮއޭޝިއާ, ޔޫރަޕުގެ ގަދަ ބާރެއް ކަމުގައިވާ ސްޕެއިން އަދި ޔޫރޯ ކޮލިފައިއާސްގައި ތަފާތު ކުޅުމެއް ދައްކާފައިވާ އަލްބޭނިއާއެވެ.
މި ފޯރިގަދަ ގްރޫޕުގެ ފުރަތަމަ މެޗަށް ސްޕެއިން ނިކުންނައިރު އެ ޓީމު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ.
ޒުވާން ޓީމަކާއެކު ޔޫރޯއަށް ނިކުންނަ ސްޕެއިން ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ދެ މެޗުގައި ވެސް ފަސް ލަނޑު ކާމިޔާބު ކޮށްފައެވެ. އެންމެ ފަހުން ކުޅުނު ދިހަ މެޗުގެ ތެރެއިން އަށް މެޗު ކާމިޔާބު ކޮށްގެން ޔޫރޯއަށް ނިކުންނަ ސްޕެއިންއަކީ މުބާރާތް ކާމިޔާބު ކުރުމުގެ ރަނގަޅު ފުރުސަތެއް އޮތް ޓީމެކެވެ.
ކްރޮއޭޝިއާއަކީ ފުޓުބޯޅައިގެ ދުނިޔޭގައި ފަހު ޒަމާނުގައި އެންމެ ބާރަށް ކުރިއަރައިގެން އައިސްފައިވާ ޓީމެވެ. މަޝްހޫރު ގިނަ ކުޅުންތެރިންނެއް ޓީމުގައި ނެތް ކަމުގައިވިއަސް ކްރޮއޭޝިއާއަކީ ފަހަކަށް އައިސް މުބާރާތްތަކުގައި ތަފާތު ދައްކަމުން އަންނަ ޓީމެކެވެ.
މި އަހަރުގެ ޔޫރޯއަށް ނިކުންނައިރު ގިނަ ބަޔަކު ލަފާ ކުރަމުން އަންނަނީ މި ފަހަރު ވެސް ކްރޮއޭޝިއާ ފުޓުބޯލަ ދުނިޔެ އާޝޯހުކޮށްލާނެ ކަމަށެވެ. ކްރޮއޭޝިއާގެ ފަހުގެ މެޗުތަކަށް ބަލާލާއިރު, އެ ޓީމު ވަނީ ދާދި ފަހުން ރޮނާލްޑޯގެ ވަރުގަދަ ޕޯޗުގަލް 2-1 އިން ބަލިކޮށްފައެވެ. ސްޕެއިންއާ އެއްފަދައިން ކްރޮއޭޝިއާ ވެސް ވަނީ އެ ޓީމު އެންމެ ފަހުން ކުޅުނު ދިހަ މެޗުން އަށް މެޗު ކާމިޔާބު ކޮށްފައެވެ.
ވަރަށް ރަނގަޅު ފޯމެއްގައި އޮތް މި ދެ ގައުމު ބައްދަލު ކުރާ ފޯރިގަދަ މެޗު އޮތީ ރާއްޖެ ގަޑިން މިއަދު 21:00 ގައެވެ. ގްރޫޕު "ބީ" ގެ ދެވަނަ މެޗުގައި އިޓަލީއާ އަލްބޭނިއާ ބައްދަލުކުރާ މެޗު އޮތީ ދަންވަރު 00:00 ގައެވެ. މި ދެ މެޗުގެ ކުރިން މިއަދު 18:00 ގައި ގްރޫޕު "އޭ" ގައި ހަންގޭރީ އަދި ސްވިޓްޒަލޭންޑް ބައްދަލު ކުރާ މެޗު އޮންނާނެއެވެ.