ޔޫރޯގެ ގްރޫޕު "ބީ" ގައި ކުޅުނު މެޗުގައި ކްރޭޝިއާ 3-0 އިން ބަލިކޮށް, ސްޕެއިން މޮޅަކުން މުބާރާތް ފަށައިފިއެވެ.
އޮލިމްޕިއާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް ނިކުތްއިރު، މިއީ މިދެޓީމު ޖެހިޖެހިގެން ޔޫރޯގައި ބައްދަކު ކުރި ހަތަރުވަނަ ފަހަރެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ދެ ޓީމު އެންމެ ފަހުން 2021 ވަނަ އަހަރު ބައްދަލު ކުރި މެޗު 5-3 އިން ސްޕެއިން ކާމިޔާބު ކުރިއިރު މިއީ, ޔޫރޯގެ ތާރީހުގައި ދެވަނައަށް އެންމެ ގިނަ ލަނޑު ފެނިގެންދިޔަ މެޗު ކަމެވެ.
މިރޭ ކުޅުނު ފޯރިގަދަ މެޗު ސްޕެއިންއިން ފަށާފައިވަނީ ވަރުގަދަ ކޮށެވެ. އެ ގޮތުން މެޗު ފެށިގެން ސްޕެއިން ވަނީ ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ފުރަތަމަ ހާފުގައި ސްޕެއިން އުފައްދަމުން ދިޔަ ފުުރުސަތުތަކުން އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވުނީ މެޗުގެ 29 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ފަބިއަން ރުއިޒް ފޮނުވާލި ރީތި ޕާހަކުން އަލްވާރޯ މޮރާޓާ ކާމިޔާބު ކުރި ލަނޑެކެވެ.
ސްޕެއިނަށް މޮރާޓާ ލީޑު ނަގައިދިންތާ ތިން މިނެޓު ފަހުން ފަބިއަން ރުއިޒް ވަނީ ލަނޑު ޖަހާ ސްޕެއިންގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. ސްޕެއިންގެ ތިންވަނަ ލަނޑު ފެނިގެންދިޔައީ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައެވެ. މި ލަނޑަކީ, ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ނަގައިދިން ހުރަހަކުން ޑެނީ ކަވަހާލް ކާމިޔާބު ކުރި ލަނޑެކެވެ. ކަވަހާލްގެ ލަނޑާއެކު ސްޕެއިން ފުރަތަމަ ހާފު ނިންމާލޯ 3-0 އިން ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ކްރޭޝިއާގެ ފަރާތުން ފެނިގެންދިޔައީ ތަފާތު ކުޅުމެކެވެ. ފުރަތަމަ ހާފާ ހިލާފަށް ކްރޭޝިއާގެ ވަނީ ބޯޅަ ހިފަހައްޓާ, މެޗު ކޮންޓްރޯލްކޮށް, ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ.
ސުން ކަނޑާލަން ކްރޮއޭޝިއާއަށް ލިބުނު އެންމެ ރަނގަޅު ފުރުސަތަކީ މެޗުގެ 80 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީއެކެވެ. ކްރޮއޭޝިއާއަށް ބްރޫނޯ ޕެޓްރޮވިޗް ފޮނުވާލި ޕެނަލްޓީ ސްޕެއިންގެ ގޯލްކީޕަރު މަތަކުރި ކަމުގައިވިއަސް އައި ރީބައުންޑް އޭނާ ވަނީ ގޯލަށް ފޮނުވާލާފައެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު ރެފްރީ ވަނީ, އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.
މެޗުގެ ފަހު ހާފުގައި ކްރޮއޭޝިއާގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ ކަމުގައިވިއަސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ. އެހެންކަމުން މެޗުގެ ފުރަތަމަ ހާފުގައި ކާމިޔާބު ކުރި ތިން ލަނޑާއެކު ސްޕެއިން ވަނީ މެޗުން މޮޅުވެ, ގްރޫޕު "ބީ" ގެ އެއްވަނައަށް ވަގުތީ ގޮތުން ޖެހިލައިފައެވެ. ސްޕެއިންއަށް ގްރޫޕުގެ އެއްވަނައިގައި އޮވެވޭނެތޯ ޔަގީންވާނީ އެ ގްރޫޕުގައި ދެން އޮތް ދެ ޓީމު ކަމުގައިވާ އިޓަލީއާ އަލްބޭނިއާ ވާދަކުރާ މެޗަށް ފަހުއެވެ.