ޔޫރޯގެ ގްރޫޕު "ސީ" ގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު 1-0 އިން ކާމިޔާބު ކޮށް, އިނގިރޭސި ވިލާތް އެ ގްރޫޕުގެ އެއްވަނައަށް ޖެހިލައިފިއެވެ.
ވެލްޓިންސް އެރީނާ ސްޓޭޑިއަމްގައި ކުޅުނު މެޗަށް އިނގިރޭސި ވިލާތުން ނިކުތީ ހެރީ ކޭން, ބުކާޔީ ސާކާ އަދި ފިލް ފޯޑެން ކުރިއަށް ލައިގެންނެވެ. ޗެލްސީގެ ކޯލް ޕާމާއަށް ފުރަތަމަ އެގާރައިން ފުރުސަތެއް ނުލިބެއެވެ. އަނެއްކޮޅުން ސާބިއާ ރޭގެ މެޗަށް ނިކުތީ އެލެކްސެންޑާ މިޓްރޮވިޗް އަދި ޔުވެންޓަސްގެ ޑޫސާން ވްލަހޮވިޗް ފޯވާޑުންގެ ގޮތުގައި ކުރިއަށް ލައިގެންނެވެ.
ރޭގެ މެޗު ފެށިގެން އިނގިރޭސި ވިލާތުން ވަނީ ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. އެ ގޮތުން މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑަކީ, ބުކާޔޯ ސާކާ ނަގައިދިން ހުރަހަކުން ޖޫޑް ބެލިންހަމް ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގައި ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ ކަމުގައިވިއަސް އެ ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. މެޗުގެ 78 ވަނަ މިނެޓުގައި އިނގިރޭސި ވިލާތުގެ ހެރީ ކޭން ބޮލުން ފޮނުވާލި ބޯޅަ ވަނީ ދަނޑިއަށް އަރާފައެވެ. މެޗުގެ 83 ވަނަ މިނެޓުގައި ސާބިއާގެ ވްލަހޮވިޗް ދުރުން ފޮނުވާލި ބޯޅައެއް އިނގިރޭސި ވިލާތުގެ ގޯލްކީޕަރު ޖޯޑަން ޕިކްފޯޑް ވަނީ މަތަކޮށްފައެވެ.
މެޗުގެ ވަގުތު ހަމަވެގެންދިޔަ އިރު ވެސް ސާބިއާއަށް ލަނޑެއް ކާމިޔާބު ނުކުރެވުމުން އިނގިރޭސި ވިލާތް ވަނީ މެޗު ކާމިޔާބު ކޮށް, ގްރޫޕު "ސީ" ގެ އެއްވަނައަށް ޖެހިލައިފައެވެ. އެ ގްރޫޕުގައި ދެން އޮންނަ ދެ ޓީމު ކަމުގައިވާ ސްލޮވޭނިއާ އަދި ޑެންމާކް ރޭގައި ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވެފައިވާތީ, އެ ގްރޫޕުގައި ތިން ޕޮއިންޓު ލިބުނު ހަމައެކަނި ޓީމަކީ އިނގިރޭސި ވިލާތެވެ.