މިހާރު ކުރިއަށްދާ ޔޫރޯގެ ގްރޫޕު "ޑީ" ގައި އޮސްޓްރިއާ އަދި ފްރާންސް ބައްދަލުކުރާ މެޗު މިރޭ އޮންނާނެއެވެ.

މަތިމަތިން ބަލާލާނަމަ ފްރާންސްއަށް ފަސޭހަ މޮޅެއްގެ ގޮތުގައި މި މެޗު ފެނިގެންދިޔަ ކަމުގައިވިއަސް, އޮސްޓްރިއާއަކީ ފަހަކަށް އައިސް މޮޅު ކުޅުންތެރިންތަކެއް އުފައްދާ, ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޓީމެކެވެ.

އޮސްޓްރިއާގެ އެންމެ ފަހު ދިހަ މެޗަށް ބަލާލާއިރު އެ ޓީމުން ވަނީ އެ ދިހަ މެޗުގެ ތެރެއިން ހަތް މެޗު ކާމިޔާބު ކޮށްފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ މޮޅަކީ މި ދިޔަ އަހަރުގެ ނޮވެންބަރު މަހު 2-0 އިން ޖަރުމަނު އަތުން ހޯދި މޮޅެވެ. އޮސްޓްރިއާއަށް މުބާރާތުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ތަޖުރިބާ ނެތުމެވެ. މިއީ, އެ ޓީމު 2008 ވަނަ އަހަރަށް ފަހު ޔޫރޯގައި ބައިވެރިވާ ފުރަތަމަ ފަހަރެވެ.

އޮސްޓްރިއާއާ ހިލާފަށް ފްރާންސްއަކީ ޔޫރޯގައި ތާރީހު ހަދާފައިވާ ޓީމެކެވެ. ފްރާންސް ވަނީ މިހާ ތަނަށް ޖުމްލަ ދިހަ ޔޫރޯގައި ބައިވެރިވެ, ދެ ފަހަރަށް މުބާރާތް ކާމިޔާބު ކޮށްފައެވެ. އެއީ, 1984 ވަނަ އަހަރުގެ މުބާރާތާއި 2000 ވަނަ އަހަރުގެ މުބާރާތެވެ. 2016 ވަނަ އަހަރު ފްރާންސް ވަނީ ޔޫރޯގެ ރަނަރ އަޕް ކަން ވެސް ހާސިލުކޮށްފައެވެ.

ފޯމުގެ ގޮތުން ބަލާލާނަމަ ފްރާންސް މި ވަގުތު އޮތީ އެހާ ރަނގަޅު ހާލަތެއްގައެއް ނޫނެވެ. ފްރާންސް އެންމެ ފަހުން ކުޅުނު ދިހަ މެޗަށް ބަލާލާއިރު, އެ ޓީމަށް މޮޅުވެވިފައި ވަނީ އެންމެ ހަ މެޗުންނެވެ. ފްރާންސްގައި ވަރުގަދަ ތަރިންތަކެއް ހިމެނޭ އިރު މިއީ އެހާ ރަނގަޅު ނަތީޖާތަކެއް ނޫނެވެ. ނަމަވެސް ފްރާންސްގެ ޓީމުގައި ހިމެނޭ ހުނަރުވެރި ކުޅުންތެރިންނަށް މި މުބާރާތުގައި ޓީމުގެ ނުރައްކާތެރިކަށް ދައްކާލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.

މުބާރާތް އެއްކޮށް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ލަފާ ކުރަމުން އަންނަ ފްރާންސްއާ އޮސްޓްރިއާ ބައްދަލު ކުރާ މެޗު އޮތީ, ރާއްޖެ ގަޑިން މިރޭ ދަންވަރު 00:00 ގައެވެ. މި މެޗުގެ ކުރިން ރޮމޭނިއާ އަދި ޔޫކްރެއިން ބައްދަލުކުރާ މެޗާއި ބެލްޖިއަމް އަދި ސްލޮވޭކިއާ ބައްދަލު ކުރާ މެޗު އޮންނާނެއެވެ.