އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހަ މެމްބަރުންގެ މައްޗަށް އެކުލެވޭ ހަނގުރާމައިގެ ކެބިނެޓް އުވާލައްވައިފި ކަމަށް އިޒްރޭލުގެ އޮފިޝަލަކު ބުނެފިއެވެ.

މިއީ ކުރީގެ ޖެނެރަލް ބެނީ ގަންޓްޒް ސަރުކާރާ ވަކިވުމާ ގުޅިގެން އެޅި ފިޔަވަޅެއްކަމަށް ބެލެވެއެވެ.

ނަތަންޔާހޫ މިހާރު ޣައްޒާގެ މައްސަލައާ ގުޅޭ ގޮތުން އިސްރާއިލުގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓާއި ސްޓްރެޓެޖިކް އެފެއާޒް މިނިސްޓަރު ރޮން ޑާމަރ ފަދަ ވަޒީރުންގެ ކުޑަ ގުރޫޕަކާ މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައެވެ.

މިކަން ހާމަކޮށްފައިވަނީ އިޒްރޭލާއި ލުބްނާން ބޯޑަރުގައި އުފެދިފައިވާ ނުތަނަވަސްކަމަށް ލުޔެއް ދިނުމުގެ ގޮތުން އެމެރިކާގެ ހާއްސަ މަންދޫބު އަމޯސް ހޮޗްސްޓެއިން ގުދުސްއަށް ކުރައްވާ ދަތުރާ ގުޅިގެންނެވެ. އިސްރާއިލުން ވަނީ ހެޒްބުالله ލަޝްކަރާ އެކު ހަމަނުޖެހުންތައް އިތުރުވެ، އެ ސަރަހައްދު ބޮޑު ހަމަނުޖެހުމެއްގެ އައްސޭރިއަށް ވެއްޓިފައިވާ ކަމަށް ބުނެފައެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ ލުބުނާނުގެ ދެކުނުގައި ހެޒްބުاللهގެ އިސް އޮފިޝަލަކު ޝަހީދުކޮށްލާފައިވާކަމަށްވެސް ބުނެފައެވެ.

މީގެ އިތުރުން، ހަނގުރާމައިގައި ނަތަންޔާހޫ އަމަލުކުރައްވާ ގޮތާއި ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި މީހުން މިނިވަން ނުކުރެވުމާ ގުޅިގެން ގުދުސްގައި އިސްރާއީލުގެ ޔަހޫދީން މުޒާހަރާތަކެއްވެސް ދަނީ ކުރަމުންނެވެ. މުޒާހަރާގެ ބައިވެރިން ވަނީ ނެސެޓާއި ނަތަންޔާހޫ ދިރިއުޅުއްވާ ގެކޮޅުގެ ބޭރުގައި ފުލުހުންނާ ކުރިމަތިލައި އާ އިންތިހާބެއް ބޭއްވުމަށް ގޮވާލައިފައެވެ.