މާލެ ސަރަހައްދުގައި އެއްފަހަރާ 10 މީހުންނަށް ވުރެ ގިނައިން މަގުމަތީގައި އެއްވުން އެޗްޕީއޭ އިން މަނާކޮށްފި އެވެ.

މިފަދަ އެންގުމެއް އަންގާފައި ވަނީ މާލޭގައި ސިލްސިލާކޮށް އިދިކޮޅު ޕީޕީއެމް، ޕީއެންސީން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެފަދަ މުޒާހަރާތަކަކީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ބާއްވާ މުޒާހަރާތަކެއް ކަމުން، އެކަމުގެ ސަބަބުން ކޮވިޑް ފެތުރުމުގެ ބިރު އޮތް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއިކުރައްވައި މިރޭ ނެރުއްވި އެންގުމެއްގައި ވަނީ އާންމު ސިއްހަތު ރައްކާތެރި ކުރުމުގެ ގާނޫނުގެ 34 ވަނަ މާއްދާގެ (ރ) އާއި، އެ ގާނޫނުގެ 12 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އެކަމަނާއަށް ލިބިދޭ ބާރުގެ ދަށުން ކަމަށެވެ.

އެ އެންގުމަށް އަމަލު ކުރަންޖެހޭނީ މާދަމާ އިން ފެށިގެން އެޗްޕީއޭ އިން ވަކިގޮތެއް އަންގަންދެނެވެ. މާލެ ސަރަޙައްދަކީ މާލެއާއި، ހުޅުމާލެއާއި، ވިލިމާލެއާއި، ގުޅީފަޅާއި، ތިލަފުށް ޓާއި، ހުޅުލެ އެވެ.

މަގުމަތީގެ އިތުރުން އާންމު ތަންތަނަށް ވެސް 10 މީހުންނަށް ވުރެ ގިނަ މީހުން އެއްވެ އުޅުން ވަނީ މަނާކޮށްފަ އެވެ.

އެ ފިޔަވަޅު ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިއާޔަތްކޮށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސާވިސް އިން ކަމަށް އެ އެންގުމުގައިވެ އެވެ.

ކޮވިޑްގެ ކޭސްތައް ދުވަހެއް ދުވަހަކަށް އިތުރުވަމުން އަންނައިރު، މިއީ ކޮވިޑްގެ އެންމެ ނުރައްކާތެރި ރާޅު ކަމަށް ޑޮކްޓަރުން އަންނަނީ ވިދާޅުވަމުންނެވެ.