އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ކުރިއެރުވުމުގައި އިސްކޮށް ހަރަކާތްތެރިވާ ކެލިފޯނިއާގެ ޗިޕް އުފައްދާ ކުންފުނި އެންވީޑިއާ އިން މައިކްރޮސޮފްޓް ވައްޓާލައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުންޏަށް ވެއްޖެއެވެ. މި ކާމިޔާބީ އަކީ މީގެ ދުވަސްކޮޅެއް ކުރިން އެޕަލް ފަހަތަށް ޖައްސާލައި، އެންވީޑިއާ ހަލުވި ކަމާއެކު ހޯދި ކާމިޔާބީއެކެވެ.

ހިއްސާގެ އަގު 3.5 އިންސައްތަ އުފުލުމާ ގުޅިގެން އަންގާރަ ދުވަހު އެންވީޑިއާގެ މާކެޓް ކެޕިޓަލައިޒޭޝަން ވަނީ 3.335 ޓްރިލިއަން ޑޮލަރަށް އަރާފައެވެ.

އެ ކުންފުނީގެ ގްރެފިކްސް ޕްރޮސެސިން ޔުނިޓް (ޖީ.ޕީ.ޔޫ) އަކީ އޭއައި ޑިވެލޮޕްމަންޓަށް ވަރަށް މުހިންމު ޔުނިޓްތަކެކެވެ. މައިކްރޮސޮފްޓް، މެޓާ އަދި ގޫގުލް ފަދަ ޓެކްނޮލޮޖީގެ ބޮޑެތި ކުންފުނިތަކުގެ ޑިމާންޑް ބޮޑުވުމާ އެކު، 2023 ވަނަ އަހަރު ތިން ޑިޖިޓްގެ ބޮޑު ކުރިއެރުމަކާ އެކު، 2024 ވަނަ އަހަރު އެކަނި ވެސް އެންވީޑިއާގެ ހިއްސާގެ އަގު ގާތްގަނޑަކަށް 182 ޕަސެންޓް މައްޗަށް ގޮސްފައިވެއެވެ.

އެންވީޑިއާގެ މި ބާރުވެރިކަން ޑޭޓާ ސެންޓަރު އޭއައި ޗިޕް މާކެޓަށް ފެތުރި، މި ދާއިރާގެ ގާތްގަނޑަކަށް 80 ޕަސެންޓް ކޮންޓްރޯލް ކުރެއެވެ. މި ޗިޕްތަކަކީ އޯޕަންއޭއައިގެ ޗެޓްޖީޕީޓީ ފަދަ އޭއައި މޮޑެލްތަކަށް ބާރުދޭ ޗިޕްތަކެކެވެ.

އެންވީޑިއާގެ ސީއީއޯ ޖެންސެން ހުއާންގް ސްޓްރެޓެޖިކް ގޮތުން އިސްނަގައިގެން ނޮން ގޭމިން އެޕްލިކޭޝަންތަކަށް ބަދަލުވުމުން، އޭއައިގެ މަޝްހޫރުކަން ކެޕިޓަލައިޒް ކުރުމަށް އެ ކުންފުންޏަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިއެވެ. ޖެންސެން ހުއާން ގެ މި ވިސްނުންތަކުގެ ސަބަބުން އޭނާ ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނުމަށް މަގުފަހިވެފައިވާއިރު، އޭނާގެ މިލްކިއްޔާތު 117 ބިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރައެވެ.