އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާގެ ރަފާހުގެ ހުޅަނގު އުތުރުގައި އޮންނަ އަލް-މަވާސީގައި ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުންގެ ޓެންޓުތަކަށް ބޮން އަޅައި، ހަތް މީހުން ޝަހީދުވެ އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ވަފާ ނިއުސް އެޖެންސީން ބުނެފިއެވެ.

އަލްމަވާސީއަކީ ޣައްޒާގެ އެހެން ހިސާބުތަކަށް ދިން ހަމަލާތަކުގައި ގެދޮރު ގެއްލިފައިވާ އާންމުންނަށް "އިންސާނީ އެހީތެރިކަން ފޯރުކޮއްދޭ" ސަރަހައްދެއްގެ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާއިން މީގެ ކުރިން ކަނޑައަޅާފައިވާ ސަރަހައްދެކެވެ، އަދި އާންމުން ދިރިއުޅެން ރައްކާތެރި ތަނެއްކަމަށް ވަނީ ބުނެފައެވެ. މިހަމަލާތަކާ ގުޅިގެން ޓެންޓުތަކުގައި އަލިފާން ރޯވިކަމަށްވެސް ވަފާއިން ބުނެއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނުސް ސިޓީގެ ހުޅަނގު ދެކުނުގައި ހުންނަ ޓެންޓުތަކަށް ވެސް ބޮން އަޅާފައެވެ. މިހަމަލާގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވަފާ ރިޕޯޓުކުރެއެވެ.

މީގެ އިތުރުން، އިސްރާއީލުން ވަނީ ރަފާހުގެ ހުޅަނގުން އޮންނަ އަވަށެއް ކަމައްވާ ސައުދީ އަވަށަށާއި ޣައްޒާގެ މެދުތެރޭގައި އޮންނަ ނުސީރަތު ރެފިއުޖީ ކޭމްޕްގެ އުތުރުގައި އޮންނަ އަލް މުޣުރާކާގެ ބައެއް ގެތަކަށް ވެސް ބޮން އަޅާފައެވެ.