ޔޫރޯގެ ގްރޫޕު "އޭ" ގައި ހަންގޭރީއާ ދެކޮޅަށް ކުޅުނު މެޗު 2-0 އިން ކާމިޔާބުކޮށް ޖަރުމަނުން މުބާރާތުގެ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.

ސްޓުޓްގާޑް އެރީނާގައި ކުޅުނު މެޗަށް ދެ ޓީމުން ނިކުތްއިރު މިއީ, މި ދެ ޓީމު ބޮޑު މުބާރާތެއްގައި ބައްދަލުކުރާ ހަތަރު ވަނަ ފަހަރެވެ. ހަންގޭރީ ރޭގެ މެޗަށް ނިކުތްއިރު އެ ޓީމު އެންމެ ފަހުން ޔޫރޯގައި ކުޅުނު ހަތް މެޗުން ވެސް މޮޅުވެވިފައެއް ނުވެއެވެ. ދެވަނަ ބުރަށް ދަތުރުކުރަން ބޭނުން ނަމަ ހަންގޭރީއަށް މި މެޗުން ރަނގަޅު ނަތީޖާއެއް ނެރުން މުހިއްމެވެ.

ރޭގެ މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ހަންގޭރީއަށް ވަނީ ލަނޑު ޖަހާނެ ފުރުސަތެއް ލިބިފައެވެ. ޖަރުމަނުގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގަައިގެން ހަންގޭރީގެ ފޯވާޑް ރޮލާންޑް ސަލައި ފޮނުވާލަން އުޅުނު ބޯޅަ ޖަރުމަނުގެ ގޯލްކީޕަރު މެނުއަލް ނޯޔާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.

މެޗުގެ ފެށުން ރަނގަޅު ނޫން ކަމުގައިވިއަސް ޖަރުމަނުން ވަނީ މަޑު މަޑުން މެޗުގެ ތެރެއަށް ވަދެ, ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެ ގޮތުން މެޗުގެ 22 ވަނަ މިނެޓުގައި ޖަރުމަނުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ޖަރުމަނުގެ އަރަމުން އަންނަ ތަރި, ޖަމާލް މުސިއާލާއެވެ.

ޖަރުމަނުން ލީޑު ނެގުމާއެކު ހަންގޭރީ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް, މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. ހަންގޭރީއަށް ލަނޑު ޖަހަން ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ ނަތީޖާއަކަށްވީ, މެޗުގެ 67 ވަނަ މިނެޓުގައި އިލްކާއީ ގުންޑޮގަން ކާމިޔާބު ކުރި ލަނޑާއެކު ޖަރުމަނުގެ ލީޑު ދެ ގޯލަށް ފުޅާވުމެވެ.

ދެ ލަނޑުން ފަހަތަށް ދިޔަ ކަމުގައިވިއަސް ހަންގޭރީ ވަނީ ހިތްވަރާއެކު ލަނޑެއް ޖެހުމަށް މަސައްކަތް ކޮށްފައެވެ. އެ ގޮތުން މެޗުގެ 90 މިނެޓުގައި ޖަރުމަނުގެ ގޯލްކީޕަރު ނޯޔާއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހަންގޭރީގެ އެޑަމް ފޮނުވާލި ބޯޅަ, ޖަރުމަނުގެ ޑިފެންޑަރު ޖޯޝުއާ ކިމިޗް ވަނީ ގޯލު ރޮނގު މަތިން ދިފާއުކޮށްފައެވެ. ލަނޑު ޖަހަން ލިބުނު ހުރިހާ ފުރުސަތެއް ބޭކާރު ވެގެން ދިޔުމާއެކު މެޗު ނިމިގެންދިޔައީ 2-0 އިން ހަންގޭރީއަށް ސުން ކަނޑާނުލެވިއެވެ.

މެޗުން މޮޅުވުމާއެކު ޖަރުމަނު ވަނީ ކުޅުނު ދެ މެޗުން ލިބުނު 6 ޕޮއިންޓާއެކު ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައެވެ. މެޗުން ބަލިވި ހަންގޭރީ ވަނީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ގްރޫޕު "އޭ" ގެ ފުލަށް ވެއްޓިފައެވެ. ހަންގޭރީއަށް ދެން ދެވަނަ ބުރަށް ދަތުރު ކުރެވޭނީ އެންމެ މޮޅު ތިންވަނައަށް ދާ ހަތަރު ޓީމުގެ ތެރެއިންނެވެ.