ރާއްޖެއިން މިހާތަނަށް 27،000 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ދީފިއެވެ.

އެޗްޕީއޭ އިން ބުނީ ރާއްޖެއިން މިއަދު 1،902 މީހަކަށް ވެކްސިން ދީފައިވާ ކަމަށެވެ. އޭގެތެރޭގައި ހިމެނެނީ މާލެއިން މިއަދު ވެކްސިން ދިން 14،96 މީހުންނާއި އަތޮޅުތެރެއިން ވެކްސިން ދިން 406 މީހުންނެވެ.

މާލެ ސަރަހައްދުން މިހާތަނަށް 22،456 މީހަކަށް ވެކްސިން ދީފައިވާއިރު އަތޮޅު ތެރެއިން މިހާތަނަށް 4،911 މީހަކަށް ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ. އެހެންކަމުން މިހާތަނަށް ޖުމްލަ 27،367 މީހަކަށް މިވަނީ ވެކްސިން ދީފަ އެވެ.

ރާއްޖޭގައި މިހާރު ޖަހަމުންދަނީ އިންޑިއާ އިން ހަދިޔާކުރި ކޮވިޑް ވެކްސިންގެ 100،000 ޑޯޒެވެ. އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި ވެކްސިނަކީ އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީއާއި އަސްޓްރާޒެނީކާ ކުންފުނި ގުޅިގެން ތަރައްގީކޮށް، ސީރިއަމް އިންސްޓިޓިއުޓް އިންޑިއާއިން އުފައްދާފައިވާ ވެކްސިނެވެ.