ސަހްޔޫނީ އިޒްރޭލުން ޣައްޒާގެ ރަފަހުގެ ޝާތީ ރެފިއުޖީ ކޭމްޕަށް ރޭ ވައިގެ މަގުން ހަމަލާދީ އެތައް ބަޔަކު ޝަހީދުކޮށް އެތައްބަޔަކު ޒަޚަމް ކޮށްލައިފި ކަމަށް އަލްޖަޒީރާއިން ބުނެފިއެވެ.

ޝާތީ ރެފިއުޖީ ކޭމްޕަކީ 1948 ވަނަ އަހަރު، ފަލަސްތީން ބިމުގައި އެމެރިކާ އާއި އިނގިރޭސިން އިސްވެ އޮވެ އިޒްރޭލުގެ ދައުލަތް އުފެއްދުމަށް ފަލަސްތީނުގެ ބިން ފޭރިގަތުމުން، އެބިމުން ނިކުންނަން މަޖުބޫރުވި ފަލަސްތީނުގެ ރައްޔިތުން އުޅެމުން އަންނަ ރެފިއުޖީ ކޭމްޕެކެވެ. މީގެ 8 ކޭމްޕް ޣައްޒާގައި އެބަހުއްޓެވެ.

ހައްދުފަހަނައެޅި އިޒްރޭލުން ރޭ ދިން ހަމަލާތަކުގައި ޝަހީދުވި މީހުންގެ އަދަދު މިހާތަނަށް ޔަގީންވެފައެއް ނުވެއެވެ. އަލްޖަޒީރާއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ޝަތީ ކޭމްޕަކީ އިމާރާތްތަކުން ތޮއްޖެހިފައިވާ ތަނަކަށްވުމުން އިމާރާތްތަކުގެ ދަށުން މީހުން ހޯދުމަށް ގިނަ ވަގުތުތަކެއް ހޭދަވާނެއެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ޝަހީދުވެފައިވާ 39 މީހެއްގެ ހަށިގަނޑު މިހާތަނަށް ވަނީ ފެނިފައެވެ.

މީގެ އިތުރުން ޖަބްލިޔާ ރެފިއުޖީ ކޭމްޕުގައި ރޭ ފަލަސްތީނުގެ 6 މީހަކަށް ބަޑިން ހަމަލާދީ އިޒްރޭލުން ޝަހީދު ކޮށްލާފައިވާ ކަމަށްވެސް އަލްޖަޒީރާއިން ރިޕޯޓް ކުރެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ސަހްޔޫނީ އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ޢުދުވާންތައް ހިންގައި މިހާތަނަށް 40،000 އަށްވުރެ ގިނަ ފަލަސްތީން ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.