ރާއްޖޭގެ ދެކުނު ސަރަހައްދުތަކުގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ދަނީ ހަލުވިކަމާއެކު ކުރަމުންނެވެ.

މިގޮތުން ލ. ގަމުގެ 2 ވަނަ ފިޔަވަހި، ގއ. ވިލިނގިލީގެ 2 ވަނަ ފިޔަވަހި އަދި ގދ. ގައްދޫގެ މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް އެބަ ކުރިއައްގެންދެއެވެ.

ލަ. ގަމުގެ 2 ވަނަ ފިޔަވަހީގައި ކުރިއައްދާ މަސައްކަތަތަކަށް ބަލާލައިރު، އިހުމާމަގުގައި ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުން އަދި ހޮޅިތައް ގުޅުވުމުގެ މަސައްކަތުގެ އިތުރުން ސައިޓް ސާފުކުރުމާއި ސައިޓުގެ ވަށާ ފާރާއި ފެންސު ޖެހުމުގެ މަސައްކަތް އަންނަނީ ކުރަމުންކަމަށް އާރްޑީސީއިން ބުނެއެވެ.

ގދ. ގައްދޫގެ އޯކިޑް މަގުގައި ކީވޯލް ކާސްޓިންގ ގެ މަސައްކަތާއި އޯކިޑުމަގު އެއްވަރުކުރުމާއި އަދި އެމަގުގެ ކަރބް ސްޓޯން ޖެހުމުގެ މަސައްކަތް އެބަ ކުރިއަށްދެއެވެ، މީގެ އިތުރުން، ވަތަބަނޑޭރިމަގު ފާރކިން ސަރަހައްދު ސާފުކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް އާރްޑީސީއިން ބުނެއެވެ.

ގއ. ވިލިނގިއްޔަަށް ބަލާލާއިރު އެރަށު ކަތްދަގޭމަގު ކޮނުމާއި އެމަގު ހޮޅި އެޅުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ކަތްދަގޭމަގުގެ ސްޓޯރމް ވޯޓަރ ޓެންކް ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ.

އާރްޑީސީން އަންނަނީ މާލެގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތްތައްކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންނެވެ.