ށ. މިލަންދޫ ސްކޫލުން މިއަހަރު އޯލެވެލް ނިންމި ދަރިވަރުންނަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މިލަންދޫ ފުލުހުން ހިންގި މި ޕްރޮގްރާމުގައި ދަރިވަރުންގެ ބެލެނިވެރިންވެސް ވަނީ ބައިވެރިވެ ވެފައެވެ. މި ޕްރޮގްރާމުގައި، ސްކޫލް ނިންމައި ކުދިން މުޖުތަމައަށް ނުކުމެ އުޅެމުންދާއިރު، ކުދިންގެ ފަރާތުން އާންމު ގޮތެއްގައި ފެންނަ ކަންބޮޑުވުންތަކާ ގުޅޭގޮތުންނާއި ކުދިންގެ އުޅުމާއި އަހުލާގު ބައްޓަންކުރަންޖެހޭ ގޮތުގެ މައުލޫމާތުދީފައިވެއެވެ. އަދި މުޖުތަމައު ބަލައިގަންނަ ރިވެތި އާދަތަކާއި ސިފަތަކަކީ ކޮބައިކަމާއި ދިރިއުޅުމުގައި އެ އާދަތަކާއި ސިފަތަށް ފުރިހަމަގޮތުގައި ބޭނުންކުރުމަށް މައުލޫމާތުދީފައިވެއެވެ.

މީގެއިތުރުން ގައުމަށް ބޭނުންތެރި އަދި ހިދުމަތްތެރި ކުއްްޖެއްގެ ގޮތުގައި ކުރިއަށް ދިއުމަށާއި ހާއްސަ ސަމާލުކަންދީ އަދި ވިސްނަންވީ ކަންކަމާ ގުޅޭގޮތުން މައުލޫމާތުދީފައިވެއެވެ. މި ޕްރޮގްރާމުގައި، މުޖުތަމައުން ފެންނަ ނޭދެވޭ ކަންތައްތަކުން ދަރިން ރައްކާތެރިކޮށް ހެޔޮގޮތުގައި ދަރިން ތަރުބިއްޔަތު ކުރުމުގައި ސަމާލުވާންޖެހޭ ކަންތައްތަކާ ގުޅޭގޮތުން ބެލެނިވެރިންނަށް މައުލޫމާތުދީފައިވެއެވެ.