(4 ވަނަ ބައި)
"ބައްޕައާ އައިޝާ ދަނީ ސައިކުގަ!"
ނަވާރު ގަޑިއަށް ބަލައިލިއެވެ. ނުވައެއް ޖަހަނީއެވެ.
'އައިޝާ ފެންވަރުވަނީ ކާކު!" ނަވާރު ބޭނުންވީ ފާޒިލްގެ އިޚުލާސްތެރިކަން އަމިއްލަ ދަރިފުޅާމެދު ހުރިވަރެއް ބަަލައިލުމެވެ. އެވަރު ކުޑަކުއްޖަކު ދޮގެއް ނަހަދާނެއެވެ.
"ކުރިން ފެންވެރުވީ މުނާ ދައްތަ! މިހާރު ކޮއްކޮ އަމިއްލައިން ފެންވަރަނީ! ދެން ބައްޕަ ކޮއްކޮ ރީތިކޮށްދެނީ!" ނަވާރުގެ ހިތުގައި އަނެއްކާވެސް މައްސުނި ޚިޔާލުތަކެއް އެނބުރިގަތެވެ.
"ހަގީގަތުގައި ވެސް ފާޒިލް އެއީ ކުށެއް ނެތް މީހެއްހެއްޔެވެ!"
އައިޝާ ގޮވައިގެން ނަވާރު ހިނގައިގަތީ އައިޝާގެ ސްކޫލާ ދިމާއަށެވެ. އޭރު ގަޑިޖެހެން އަދި ދިހަ މިނިޓް ހުއްޓެވެ. ސްކޫލްގެ ގޭޓުން އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ނަވާރަށް ފެނުނީީ އާޝިޔާއެވެ. އެއީ ރަށު ސުކޫލުން ކިޔެވި އިރު އެއްކުލާހެއްގައި ކިޔެވި އޭރު ވަރަށް ގާތް ދެ އެކުވެރިންނެެވެ. އެތައް އަހަރެއް ފަހުން ފެނުނު އިރުވެސް އާޝިޔާއަކަށް މާބޮޑު ބަދަލެއް އައިސްފައެއް ނެތެވެ. އޭރަށްވުރެ ތަންކޮޅެއް ހަރުވައްތަރު ޖަހައިލާ ކުޑަކޮށް ފަލަވެލީއެވެ.
އާޝިޔާއަށް ގޮވައިލަން ނަވާރު ބޭނުމެވެ. ހާލުއަހުވާލު އަހައިލާ ސަލާން ކޮށްލަން ވެސް ބޭނުމެވެ. އެކަމަކު އާޝިޔާގެ ސުވާލުތަކާ ކުރިމަތިލާކަށް ނަވާރު ބޭނުމެއް ނޫނެވެ.
އައިޝާގެ ކުލާސް ޓީޗަރ ފެނުމުން ނަވާރުގެ އިނގިލިން ދޫކޮށްލުމަށްފަހު އައިޝާ ދުއްވައިގަތެވެ. ނަވާރަށް ބަލަހައްޓައިގެން ހުރެވުނީ އައިޝާއަށެވެ. ކުލާސް ސަފުގެ ފަހަތަށް ވަނުމުގެ ކުރިން އައިޝާ އޭނަގެ ކުލާސްޓިޗަރ ކައިރީ މަޑުކޮށްލިއެވެ. ނަވާރަށް ދެލޯ ބޮޑުކޮށްގެން ބަލަން ހުރެވުނެވެ. އައިޝާގެ ކުލާސްޓީޗަރަކީ އާޝިޔާ ހެއްޔެވެ!
"ޓީޗަރ ބަލާބަލަ!" އައިޝާ އޭނަގެ ޓީޗަރުގެ އަތުގެ އިނގިލި ތަކުގައި އެލިގަންނަމުން ޓީޗަރަށް ނަވާރު ދެއްކިއެވެ. އެހާ ހާސްވެފައި ހުރި ދަނޑިވަޅުގައި ވެސް ނަވާރުގެ ހިތް އައިޝާއަށްޓަކައި ލޯބިން ފުރިގެން އައެވެ. އައިޝާގެ މޫނުމަތިން ފެންނަ އުފާވެރިކަން ފެނުމުންނެވެ. އައިޝާ އޭނަގެ ޓީޗަރ ސަމާލުކުރުވަން އިތުރަށްވެސް މަސައްކަތް ކުރަން ޖެހުނެވެ. އެއީ ހުރިހާ ކުދިންވެސް ސަފަށް އަންނަމުން ދިޔަ ގަޑިކަމަށްވާތީއެވެ. އައިޝާ އުޅުނުގޮތުން އާޝިޔާއަށް ނުފެނި އެނބުރި ދާކަށް ނަވާރަކަށް ނުކެރުނެވެ. އަޅާުނުލާ ދާތަން އައިޝާއަށް ފެނުނީމަ ކިހާ ދެރަވާނެހެއްޔެވެ!
އައިޝާ ގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށް އާޝިޔާ ސަމާލުކަން ދިނެވެ. އާޝިޔާއަށް ފެނުނީ އަދި މާ ހައިރާން ކުރުވަނިވި މަންޒަރެކެވެ. އިރުކޮޅަކު ނަވާރަށް ބަލަަހައްޓައިގެން ހުރުމަށްފަހު ތެޅިގެންފައި އަތުން ހަނާ އަޅައިލިއެވެ. ކައިރިއަށް އައުމަށެވެ.
އައިޝާ ގޮސް އާޝިޔާގެ އިނގިލީގައި ހިފި ހިސާބުން ނަވާރު ވިސްނަމުން ދިޔައީ މުޅިން އެހެންގޮތަކަށެވެ. ފެހި ސިގުނަލެއް ނަވާރުގެ ލޮލުގެ ކުރިމަތީ ތަސްވީރުވެގެން އައެވެ.
އާޝިޔާއަށް ހިނިތުން ވަމުން ނަވާރު ގޮސް އާޝިޔާގެ އަތުގައި މަޑުމަޑުން ޖަހައިލިއެވެ. އަދި ހާލުއަހުވާލު އަހާ އޮޅުން ފިލުވުމަށްފަހު ވަގުތުގެ ގޮތުން ނުހުރެވޭނެ ވާހަކައާ ފަހުން ގުޅާނެ ވާހަކަ ނަވާރު ބުންޏެވެ.
"އޭ ކީއްވެ އައިޝާ ގޮވައިގެން އަންނަން ޖެހުނީ! މަ ވަރަށް ސަރޕްރައިޒް އިނގޭ!... އަނެއްކާ!..." އާޝިޔާ މަޖާވެލާފައި ވާހަކަ ހުއްޓައިލިއެވެ. ގަސްތުގައި ޖުމުލަ ފުރިހަމަ ނުކޮށެވެ.
"އަހަރެން ގުޅާނަން! ދީ ނަމްބަރ! ވަރަށް ވަރަށް މުހިންމު ކަމަކު!" ނަވާރުު އަވަސް ރާގެއްގައި ވާހަކަދެއްކުމުން އާޝިޔާ ވެސް ވަރަށް އަވަސް އަވަސްކޮށް އޭނަގެ ނަމްބަރު މަޑުމަޑުން ކިޔައިލިއެވެ. އަދި ހަނދާންކޮށް ގުޅާށޭ ބުނަމުން ކުލާސް ސަފާ ދިމާއަށް ސަމާލުކަން ދިނެވެ. ނިމޭނެގަޑި އަހަމުން ނަވާރު ހިނގައިގަތީ ސްކޫލް ގޭޓުން ނިކުތުމަށެވެ.
ނަވާރު އާޝިޔާއަށް ގުޅީ އެރޭ އައިޝާ ނިދިފަހުންނެވެ. ރަނގަޅަށް ހަމަޖެހިލާ އޮޅުންފިލުވަންވީ ކަންކަން ސިކުނޑީގައި ރާވައިލިއެވެ. އެއަށްފަހު ކުޑަދޮރު ކައިރިއަށް ޖެހިލާ ކުޑަދޮރު ހުޅުވައިލިއެވެ. އަދި ޖެހެމުންދާ ފިނި ވައިރޯޅިން ހިތަށް ހަމަޖެހުން ލިބެންދެން މަޑުކުރިއެވެ. އެއަށްފަހު ފޯނު ހުޅުވައިލާ އާޝިޔާއަށް ގުޅައިލިއެވެ. ކިތަންމެ ހަމަޖެހެން ބޭނުންވިޔަސް ސުވާލުކުރަން ރޭވި ތަރުތީބު އޭރުވެސް ނަވާރު ހަނދާންނެތިއްޖެ ކަހަލައެވެ.
އާޝިޔާ ފޯނު ނެގުމުން ވެސް ދައްކާނެ ވާހަކައެއް އަދި ވާހަކަ ފަށާނެ ގޮތެއް ނަވާރުގެ ދުލަކަށް ނައެވެ.
"އަސްލު ކިޔައިދީބަލަ! ކީއްވެ އައިޝާ ގޮވައިގެން މިއަދު އެ ދިޔައީ! އަނެއްކާ!..." މިފަހަރު އާޝިޔާ ގަސްތުގައި ވާހަކަ ހުއްޓައިލީއެވެ. އެ ސުވާލުގައި ވަނީ ސަމާސާ ރާގެވެ.
"އަސްލު ތެދަށް ބުނަންތަ!... އަހަންނަކަށް ނޭނގެ މިވާހަކަ ފަށާނެ ގޮތެއް އަދި އަހާނެ އެއްޗެއް ވެސް!" ކަރުތެރެ ސާފުކޮށްލަމުން ނަވާރު ވާހަކަ ދައްކަން ފެށިއެވެ.
"އެއީ؟ ... ނުލާހިކް ސްމާޓް ސޮރެއްނު!" އާޝިޔާއަށް ލިބުނީ ހައިރާންކަމެކެވެ. ނަވާރު ބުނަން އުޅޭއްއްޗެއް ނޭނގިގެންނެވެ.
"އަހަރެން ބޭނުން މިކަމުގައި އާޝިޔާއަށް ކޮށްދެވެން އޮތްކަމެއް އަހަންނަށް ކޮށްދިނުން! މި ބުނީ އެހީތެރިކަން!"
"އޯކޭ! ތީ ޔަގީންކަމެއްނު! ... ދެން ކިޔާބަލަ!" ކެތްތެރިކަން ކުޑަރާގަކަށް އާޝިޔާ ވާހަކަ ދެއްކިއެވެ.
އެ ހިސާބުން ފާޒިލް އަދި އައިޝާއާ ދިމާވި ގޮތް ނަވާރު ކިޔައިދިނެވެ. އަދި ފާޒިލްއާ ބެހޭގޮތުން އޭނަ އޮޅުންފިލުވަން ބޭނުން ހުރިހާ ސުވާލެއް ވެސް ނަވާރު އޮއްސައިލިއެވެ. އެކަމަކު އެއީ ރަސްމީ ސުވާލުތަކެވެ.
"އަސްލު ބުނަންތަ!" އާޝިޔާ ވާހަކަ ދައްކަން ތައްޔާރުވިއެވެ.
"އައިޝާ އަކީ އަސްލު ފާޒިލްގެ ދަރިއެއް ނޫން!"
"ކީކޭ! ފާޒިލްގެ ދަރިއެއް ނޫނޭ! ދެން ... ދެން ކީއްވެ ބައްޕައަށް!" ނަވާރަށް ގާތްގަނޑަކަށް ހަޅެއްލަވައިގަނެވުނެވެ.
"މަޑުކޮށްލަބަލަ! އަހަރެން އަދި ނުނިމެޔޭ!" ކުޑަކޮށް ހީނލަމުން އާޝިޔާ ވާހަކަ ދެއްކިއެވެ.
"އައިޝާ އެއީ ފާޒިލް ބަލަހައްޓާ ކުއްޖެއް! ... ފާޒިލްގެ ކޮއްކޮއެއްގެ ކުއްޖެކޯ!"
"ދެން ކޮބާ އެ ކުއްޖާގެ މައިންބަފައިން... މިބުނީ ... މަންމައާ ބައްޕަ!" ނާވާރަކަށް މަޑަކުން ނުހުރެވުނެވެ. ހައްތާހާ ވެސް ސުވާލު ގިނަވަނީއެވެ.
"މައިންބަފައިން މަރުވެސް ވޭނު! އެކަމަކު އައިޝާގެ މަންމަ މަރެއް ނުވޭ!... ބައްޕަ... ބައްޕަ!" އާޝިޔާއަށް ބުނަން އުދަނގޫވިއެވެ.
"މަންމަ ޖަލުގަ؟" ފާޒިލް ގޮތަށޭ ބުނަން ބޭނުންވިޔަސް ނަވާރަކަށް އެބަސް ދުލާހަމައަށް ގެންނާކަށް ނުކެރުނެވެ.
"ދެން ކޮބާ ބައްޕަ!" ނަވާރު ކުރީ އެހެން ސުވާލެކެވެ. މަޑުމަޑުންނެވެ. ހިތަށް އައި ޖަވާބު ލިބިދާނެތީއެވެ. އާޝިޔާއަށް ޖެހުނީ އައިޝާގެ މުޅި ހިސްޓްރީ ނަވާރަށް ކިޔައިދޭށެވެ.
"އައިޝާގެ ބައްޕައެއް ނުހުރޭ!" ބަލަހައްޓައިގެން އިތުރު މީހަކު ނެތަސް އެހެން ބުނެވުނުއިރު އާޝިޔާ ހުރީ އިސްޖެހިފައެވެ. އަދި އެހެން ބުނަން އުދަނގޫވި ވަރު އާޝިޔާގެ އަޑުން އެކަނިވެސް އެތައް ހިސާބެއްގެ ދުރުގައި ހުރި ނަވާރަށް އިހުސާސްކުރެވުނެވެ.
"އޯހް!'' ނަވާރަށް ބުނެވުނީ އެހާވަރަށެވެ. އެ ތުއްތުތުއްތު އައިޝާގެ ހާލު ހިތަށް އައުމުން ނަވާރުގެ ހިތް ހަމްދަރުދީއިން ފުރިގެން އައެވެ. އަދި ފާޒިލް އެނބުރި އަންނަންދެން އައިޝާ ބަލަހައްޓަން ހިތުގެ އަޑިން އަޒުމުކުރިއެވެ. އިންސާނިއްޔަތަށްޓަކައެވެ. އެ ކުޑަކުޑަ އަންހެންކުއްޖާގެ ސަލާމަތަށްޓަކަައެވެ. އެހެންނޫނީ އިންސާނުންގެ ސިފާގައި ކުޑަކުޑަ އަންހެންކުދިންގެ އަބުރަށް އަރައިގަންނަ އެތައް ބަޔަކު އައިޝާގެ ފައިދާ ނަގާނެއެވެ. އަނެއްކާވެސް މުޖުތަމަޢަށް އެފަދަ އެތައް ކުއްޖަކު ގިނަވާނެއެވެ.
"އަހަރެން ގުޅާނަން ފަހުން!" ނަވާރު ބޭނުންވީ ހަމަޖެހިލައިގެން ވިސްނާލާށެވެ! އެހެންކަމުން އާޝިޔާގެ ޖަވާބަކަށް އިންތިޒާރުކުރުމެއް ނެތި ފޯނު ކަނޑައިލިއެވެ.
އެކަމަކު ދެވަނަ ސިކުތުގައި އަނެއްކާވެސް ގުޅައިލިއެވެ.
"ތިބުނީނު ފާޒިލް އެއީ ގޯސްމީހެއް ނޫނޭ! ... އެހެންވިއްޔާ އަހަރެމެނަށް އޭނަ ސަލާމަތްކުރަން މަސައްކަތް ކުރެވިދާނެދޯ!" ނަވާރު އާޝިޔާއަށް އަލުން ގުޅި ސަބަބު އޮޅުން ފިލުވައިދިނެވެ.
"އާން!... ނަވާރު ތި ކިޔައިދިން ވާހަކައިން ތިކަން ކުރެވެން އޮތީ ނަވާރަށް! އެއީ ތިކަން ހިނގިގޮތް ސާބިތުކޮށްދެވެން ހުރި މީހަކީ ނަވާރުކަމަށް ވާތީ ... މިބުނީ އެމީހާ އެ ޕެކެޓްތައް ފާޒިލްގެ އަތަށް ލައްވައިދިންތަން ފެނުނު މީހަކީ ނަވާރޭ!"
"ތިބުނީ ރަނގަޅަށް!... މަށަށް ހީވަނީ މަޑުކޮށްފަ އޮތްކާރުގެ ޑްރައިވަރަށް ވެސް ފެންނާނެހެން... އެކަމަކު އޭނަ އިނދެދާނެ މާދުރަށް ވެސް ބަލަހައްޓައިގެން ދޯ! އަނެއްކޮޅުން ފެނުނަސް އޭނަ އެއީ މާބޮޑުކަމަކަށްވެސް ނަހަދަފާނެ! ... އެހެންނޫނަސް އެ ޑްރައިވަރު އަހަރެން ހޯދާނީވެސް ކޮންތާކުން ... އެ ނުވާނެ ފަސޭހަ ކަމަކަށްވެސް!" އެއްނޭވާއިން ހަނދާނަށް ބާރުލަމުން ވާހަކަަ ދައްކާ ނަވާރު ނިންމައިލިއެވެ.
"އެހެންވީމަ އަހަރެން އެބައުޅެން ތިކަން ކޮޅެއްގައި ޖެއްސޭނެގޮތަކީ ކޮބައިތޯ ބަލަން!" އާޝިޔާ ވާހަކަ ކުރުކޮށްލިއެވެ.
ނަވާރަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ކުޑަދޮރު ލައްޕާލުމުގެ ކުރިން އަނެއްކާވެސް ބޭރަށް މާދުރަށް ދެމިފައިވާ މާސިންގާ ކަނޑަށް ނަޒަރުހުއްޓައިލިއެވެ. މިހާރު ނަވާރުގެ ތުންފަތުގައި ވަނީ ލުއި ލުއި ހިނިތުންވުމެކެވެ. ހަށިގަނޑުގެތެރޭގައި ހުރި ހުރިހާ އުދާހެއް ބޭރުވެ ސާފުވެއްޖެކަން އެ މޫނުމަތިން އެކަނިވެސް ފާހަގަކުރެވެއެވެ.
ނަވާރު ކުޑަދޮރުކައިރިން ދުރަށްޖެހިލީ ކުޑަދޮރު ލައްޕާލަމުންނެވެ. އެއަށްފަހު ޚިޔާލެއް ފިކުރެއްނެތި ނަވާރުގެ އެނދުގެ އެއްފަރާތުގައި ނިދާލާފައި އޮތް އައިޝާއަށް ބަލައިލިއެވެ. އަދި މަޑުމަޑުން ހިނގާލާފައި ގޮސް އައިޝާގެ މަގަތުން އިށީނދެ އެ ކުޑަކުޑަ މައުސޫމު މޫނަށް ބަލައިލިއެވެ. ލޯބި ކުއްޖެކެވެ. މިހާލުގައި އުޅެން ޖެހުން... އެ ކުއްޖާ ފަކީރުގެ އޮތީ ކޮން ކުށެއްހެއްޔެވެ! އެހެންވިޔަސް ހުރިހާ އުދަނގުލެއް، ތަކުލީފެއް އުފުލަން މިޖެހެނީ އެކުއްޖާފުޅަށެވެ.
ނަވާރު ތެދުވެގެން ހިނގައިގަތީ ފާޚާނާއާ ދިމާއަށެވެ. ހެދުން ބަދަލުކޮށްގެން ނިދުމަށް ތައްޔާރުވުމަށެވެ. ހައްޓަށާ ސިކުނޑިއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބިފައިވާތީއެވެ.
"އަޅުގަނޑުކުށެއް ނުކުރަން! އަޅުގަނޑު ދޫކޮށްދެއްވާ!" ތަކުރާރުކޮށް ފާޒިލް ބުނަމުން ދިޔައީ އެއްވާހަކައެކެވެ. "އެއީ އަޅުގަނޑު ދުވަހަކު ލޮލުން ވެސް ދުށްމީހެއްނޫން! އޭނަގެ ސަލާމަތްހޯދަންކަންނޭނގެ އަޅުގަނޑު އަތަށް އެ ޕެކެޓްތައް ލައްވާލާފަ އޭނަ ދިޔައީ! މިކަން އެނގޭނެ އެތާހުރި އަންހެންކުއްޖާއަށް ވެސް ... އަދި ޑްރައިވަރަށް ވެސް.. އަޅުގަނޑު އުޅުނީ ދަރިފުޅަށް ކާންދެން ބޭރަށްދާން!" ފާޒިލް ކިތަންމެ އާދޭހެއްކުރިޔަސް އެ ވާހަކަ އަޑުއަހާނެ މީހަކު އެތާ ހުރިހެނެއް ހިއެއްނުވެއެވެ. ތި ކިޔަނީ ކީކޭތޯވެސް މީހަކު އަހައިލީ އެރޭ ދަންވަރުއެވެ.
ފާޒިލް ކަންހިނގިގޮތް ވަރަށް ރަނގަޅަށް ކިޔައިދިނެވެ. އަދި އޭނަގެ ބެލެހެއްޓުމުގެ ދަށުގައި ކުޑަކުޑަކުއްޖަކު ހުރި ވާހަކައާ އެކުއްޖާ ހަވާލުކުރެވުނީ ކާކާކަން ޚުދު އޭނައަށް ވެސް ނޭނގޭ ވާހަކައެވެ. އަދި އޭނަގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ އެއްފަރާތަކީ އެ އަންހެންކުއްޖާކަމަށް ވެސް ފާޒިލް ބުނަމުންދިޔައީ އުންމީދާއެކުގައެވެ.
އެތައް އާދޭހަކަށްފަހު ފާޒިލް ގޮވައިގެން ފުލުހުންގެ ޓީމް ފާޒިލްގެ ކޮޓަރިއަށް ދިޔަ އެއް ބޭނުމަކީ ފާޒިލް އެ ބުނާ ފާޒިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ ކުއްޖާގެ ވާހަކައަކީ ތެދުތޯ ކަށަވަރުކުރުމެވެ. އަނެއް ބޭނުމަކީ އެ ކޮޓަރި ބަލާ ފާސްކުރުމެވެ. އަނެއް ބޭނުމަކީ އޭނަގެ ކުށެއް ނެތްކަން ސާބިތުކޮށްދެވޭނެ ފަރާތްކަމަށް ފާޒިލް އެ ބުނާ ފަރާތާ ބައްދަލުކުރުމެވެ. އެހެންނަމަވެސް ފާޒިލްގެ ކޮޓަރިން ފުލުހުންނަށް ފެނުނީ ހުސްކަމެވެ. އެބުނާ އޭނަގެ ބެލެހެއްޓުމުގެ ދަށުގައިވާ ކުޑަ އަންހެންކުއްޖާއެއް ވެސް ނެތެވެ. އަދި އޭނަގެ ކުށެއްނެތްކަން ސާބިތުކޮށްދޭނެ ފަރާތްކަމަށް އެބުނާ މީހަކު ވެސް އެކޮޓަރިއަކު ނެތެވެ. ފާޒިލްއަށް ސަލާމާތްވެވޭނެކަމުގައި އޮތް އުންމީދުގެ ހުޅުކޮޅު ކަނިވެގެން ދިޔައެވެ. ވީދެރައިން ބިިޑިއަޅުވާފައިވާ އޭނަގެ ދެއަތް ހިއްލާލާ ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އިނގިލިތައް މަހާލެވުނެވެ.
"އަހަރެން ދޮގެއް ނަހަދަން!... އަހަރެންގެ ދަރިފުޅު! އައިޝާ!" ފާޒިލްގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. އަންހެންކުއްޖަކުހެން ފިނޑިވެ ރޯކަށް ފާޒިލް ބޭނުމެއް ނޫނެވެ. އެހެންވިޔަސް ހިތަށް ކޮށްފައިވަނީ ފުން އަސަރެކެވެ. ނުކުރާ ކުށެއްގައި ބެދި ޒުވާން އުމުރު ޖަލުގެ ތޭރިތަކުގެ ތެރޭ ހޭދަވާކަށް ފާޒިލް ބޭނުމެއް ނޫނެވެ.
(ނިނިމޭ)
ފާޒިލް ދެކެ ލޯބި ނުވައްޗޭ
ދެންވާނީ ކިހިނެއް