މަސް ގަތުމަށްޓަކައި ދައުލަތުން ސަބްސިޑީގެ ގޮތުގައި މިހާތަނަށް 270 މިލިއަން ރުފިޔާ މިފްކޯއަށް ދީފައިވާ ކަމަށާއި އަދި މި ސަރުކާރުން ތެލާއި އައިސްގެ ސަބްސިޑީ ހިމެނޭހެން ޖުމްލަ 933 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެންސީ ހައުސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިނިސްޓަރ ޝިޔާމް ވިދާޅުވީ މަސްވެރި ސިނާއަތް ފިޔަވައި އެހެން ހުރިހާ ސިނާއަތެއްގެ ލޯތަކާއި އިނގިލިތައް އަމާޒުވެފައި ހުންނަނީ މަސްވެރިންނަށްދޭ ސަބްސިޑީއަށް ކަމަށްވާތީކަމަށާއި މި ސަރުކާރުން ބޭނުން ރާއްޖޭގެ ކަޅުބިލަމަހުގެ މަސްވެރިން އެ އިނގިލިތަކުން ސަލާމަތްކުރަން ކަމަށެވެ.

އަދި އެ ބޭފުޅުންނަކީ ސަބްސިޑީއާ ނުލައި މަސްވެރިކަން ކުރާ ބަޔަކަށް ހައްދަވަން ބޭނުންވާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވައިގެން މިހާރު ކުރަމުންދާ އެއް މަސައްކަތަކީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމުގެ މަސައްކަތް ކަމަށާއި، މި ހަފުތާގައިވެސް އެ މަސައްކަތް ކުރިއަށްދާނެކަމަށެވެ.

މީގެއިތުރުން އެމަނިކުފާނު ވަނީ މަސްވެރިކަމުގެ ސިނާއަތަށް ގެއްލުންވާ ގޮތަށް މީގެ ކުރީގެ ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެގޮތުން ޝިޔާމް ވަނީ ނިމިދިޔަ ސަރުކާރުން މަސް ކިލޯއެއްގެ އަގު ސަތާރަ ރުފިޔާއަށް ބޮޑުކުރުމަށްފަހު މަސްވެރިންނަށް ފައިސާ ދެއްކީ ނެތް ފައިސާއެއް ޗާޕުކޮށްގެން ކަމަށާއި އަދި ރިޔާސީ އިންތިހާބުގެ ދެވަނަބުރާ ދިމާކޮށް މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކުރުމަށްފަހު އައު ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް ކުރީގެ ސަރުކާރުން މަސްވެރިންނަށް އެއްވެސް ފައިސާއެއް ދީފައި ނުވާކަމަށްވެސް ވިދާޅުވެފައެވެ.

އަދި މި ގެއްލުމުގައި މަސް ގަތުމުގެ ސަބަބުން މިއަހަރުގެ ފުރަތަމަ ކުއާޓަރާ ހަމައަށް މިފްކޯއަށް 1.6 ބިލިއަން ރުފިޔާގެ ގެއްލުން ވެފައިވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެއިތުރުން މި ދުވަސްވަރަކީ އިގްތިސާދީގޮތުން ދަތި ދުވަސްވަރެއް ކަމަށާއި އެހެން ނަމަވެސް މަސްވެރިންނަށް ނުދެވި ހުރި ފައިސާ ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އިސްކަންދެއްވާކަން މިނިސްޓަރ ޝިޔާމްގެ ވާހަކަފުޅުގައި ފާހަގަކުރައްވާފައިވެއެވެ.