އައްޑޫ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރަން އައި މީހުންގެ ތެރެއިން 53 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
މިމީހުންނަކީ މިމަހުގެ 14ވަނަ ދުވަހު އިންޑިއާގެ ކޮޗިންއިން ސީދާ އައްޑޫއަށް އައި 128 މީހުންގެ ތެރެއިން ބައެކެވެ. މިއެންމެންވެސް މިވަގުތު ތިބީ ގަމުގައި ހުންނަ ދޫގަސް ކަރަންޓީނު ފެސިލިޓީގައެވެ. އަދި ބައްޔަށް ޕޮޒިޓިވް ނުވާ މީހުންވެސް އެތަނުގައި މޮނިޓާ ކުރެވެމުންދާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ. އެހެން ކަމުން 128 މީހުންވެސް އިތުރު 14 ދުވަހު މޮނިޓާރ ކުރާނެއެވެ.
އައްޑޫގައި ހަދަމުންދާ ޕޮލިސް އެކަޑަމީގެ މަސައްކަތް ކުރުމަށް ރާއްޖެ އައުމުގެ ކުރިން މިއެންމެން ޓެސްޓު ހެދި އިރު ނެގެޓިވް ކަމަށް މައުލޫމާތު ލިބެއެވެ.
މިއާއެކު އައްޑޫގައި މިވަގުތު މިބައްޔަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމްލަ އަދަދު މިވަނީ 67 އަށް އަރާފައެވެ. މީގެ ކުރިން މާލެ ސަރަހައްދުން އައިސް ހޯމް ކަރަންޓީނުގައި ތިބި ބައެއް ފަރާތްތަކުގެ ތެރެއިން 14 މީހުން ޕޮޒިޓިވް ވެފައިވެއެވެ. މިއެންމެވެސް މިހާރު ބަލިން ރަނގަޅުވެ ދޫކޮށްލާފައިވާ ކަމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން ވިދާޅުވެއެވެ.