އޮކްޓޫބަރު 7 ގެ ފަހުން މިހާތަނަށް ޣައްޒާގައި 21،000 އަށް ވުރެގިނަ ކުޑަކުދިން ވަނީ ގެއްލިފައި ކަމަށް "ސޭވް ދަ ޗިލްޑްރެން" އެއިޑް ގްރޫޕުން ބުނެފިއެވެ.

"ސޭވް ދަ ޗިލްޑްރެން" އެއިޑް ގްރޫޕުން ވަނީ ޣައްޒާއަށް އިޒްރޭލުން ދެމުންދާ ހަމަލާތަށް ހުއްޓާލުމަށް ފަހު ގެއްލިފައިވާ ކުދިން ހޯދަން ގޮވާލާފައެވެ. މީގެއިތުރުން އުތުރު ޣައްޒާގައި ހުންނަ ކަމާލް އަދްވާން ހޮސްޕިޓަލުގައި ތުއްތު ދެކުދިން ވަނީ ބަނޑުހައި ހޫނު ކަމުގެ ސަބަބުން މަރުވެފައެވެ. މި ދެކުދިންނާއި އެކު ބަނޑުހައިހޫނު ކަމުގެ ސަބަބުން މަރުވި ތުއްތު ކުދިންގެ އަދަދު ވަނީ 31 އަރާފައެވެ.

މިދިޔަ އޮކްޓޫބަރު 7ގެ ފަހުން މިވީ ހަތްމަސް ދުވަސް ތެރޭގައި އިޒްރޭލުން ވަނީ 37،000އަށް ވުރެގިނަ ފަލަސްތީނުން ޝަހީދު ކޮށްލައިފައެވެ. ޝަހީދުވި މީހުންގެ ތެރެއިން 15،000 ގިނަ ކުޑަކުދިން ހިމެނެއެވެ. އަދި އިޒްރޭލުންގެ ހަމަލާތަކުގައި ޒަހަމްވެފައިވާ މީހުންގެ އަދަދު މިހާރު 86،000 އަށް އަރާފައިވާއިރު 21،000 އަށް ވުރެގިނަ ކުދިން ވަނީ ގޮތްނޭނގި ގެއްލިގެން ގޮސްފައެވެ.