ގްރޫޕު "ބީ" ގެ ފަހު މެޗުގައި ކްރޭޝިއާ އަތުން 1-1 އިން އެއްވަރުކޮށް އިޓަލީއިން ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
ލެއިޕްޒިގްގެ ރެޑްބުލް އެރީނާގައި ކުޅުނު މެޗަކީ މުބާރާތުގެ ދެވަނަ ބުރަށް ދާން ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. ދެވަނަ ބުރުން ޖާގަ ކަށަވަރުކުރާނަމަ ކްރޭޝިއާއަށް މި މެޗުން މޮޅުވާން މަޖުބޫރުވާއިރު, އިޓަލީއަށް މި މެޗުން އެއްވަރުވެގެން ވެސް ދެވަނަ ބުރަށް ދަތުރުކުރެވޭނެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އިޓަލީއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. އެ ގޮތުން މެޗުގެ 28 ވަނަ މިނެޓުގައި އިޓަލީގެ ޑިފެންޑަރު ބަސްޓޯނީ ބޮލުން ގޯލުގެ ކަނަށް ފޮނުވާލި ބޯޅައެއް ކްރޭޝިއާގެ ގޯލްކީޕަރު ލިވަކޮވިޗް ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ. އިޓަލީއިން ރަނގަޅު ހަމަލާތަކެއް ފޮނުވާލި ކަމުގައިވިއަސް ފުރަތަމަ ހާފު ނިމުނީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.
ދެވަނަ ހާފުގެ 52 ވަނަ މިނެޓުގައި ކްރޭޝިއާއަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. މި ޕެނަލްޓީއަކީ, އިޓަލީގެ ޑޭވިޑް ފަރެޓެސީ އަތުގައި ބޯޅަ ޖެހުމުން ކްރޭޝިއާއަށް ލިބުނު ޕެނަލްޓީއެކެވެ. ކްރޭޝިއާގެ ކެޕްޓަން ލޫކާ މޮޑްރިޗް ފޮނުވާލި ޕެނަލްޓީ, އިޓަލީގެ ގޯލްކީޕަރު ޖިއަންލުއީޖީ ޑޮނަރުއްމާ ވަނީ ހުށިޔާރުކަމާއެކު މަތަކޮށްފައެވެ.
ޑޮނަރުއްމާ ޕެނަލްޓީ މަތަކުރި ކަމުގައިވިއަސް އޭގެ ދެ މިނެޓު ފަހުން މޮޑްރިޗް ވަނީ ޕެނަލްޓީއަށް ފަހު އައި ރީބައުންޑް ޕްލޭ އަކުން ފައިދާ ނަގައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި, ކްރޭޝިއާއަށް ލީޑު ނަގާދީފައެވެ.
ކްރޭޝިއާއިން ލީޑު ނެގުމާއެކު އިޓަލީއިން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް, ހަމަލާއަކަށް ފަހު ހަމަލާއެއް ކްރޭޝިއާގެ ގޯލަށް އަމާޒުކޮށް ފޮނުވާލާފައެވެ. އިޓަލީއިން ހިތްވަރު އެލުވާނުލައި ކުރި މަސައްކަތުގެ ނަތީޖާއަކަށްވީ, މެޗުގެ ނުވަދިހަ މިނެޓު ހަމަވެ ކުޅުނު އިތުރު ވަގުތުގެ އަށްވަނަ މިނެޓުގައި އެ ޓީމަށް ލަނޑެއް ކާމިޔާބު ކުރެވުމެވެ. މި ލަނޑަކީ ބަދަލު ކުޅުންތެރިޔެއް ގޮތުގައި އެރި, މާޓިއާ ޒަކައިނީ ކާމިޔާބު ކުރި ލަނޑެކެވެ.
ޒަކައިނީގެ ލަނޑާއެކު އިޓަލީ ވަނީ މެޗުން އެއް ޕޮއިންޓު ހޯދައި, ގްރޫޕު "ބީ" ގެ ދެވަނައިގައި ދެވަނަ ބުރަށް ދަތުރުކޮށްފައެވެ. ގްރޫޕު "ބީ" ގެ އެއްވަނައަށް ދިޔައީ ސްޕެއިންއެވެ. މެޗުން އެއްވަރުވުމާއެކު ގްރޫޕުގެ ތިންވަނަ ލިބުނު ކްރޭޝިއާއަށް ދެވަނަ ބުރުގެ ޖާގަ ލިބުން ވަރަށް ހަންޏެވެ. ގްރޫޕު "ބީ" ގެ ހަތަރުވަނައަށް ދިޔައީ, ރޭ 1-0 އިން ސްޕެއިން އަތުން ބަލިވި އަލްބޭނިއާއެވެ.