ޔޫރޯގެ ގްރޫޕު "ޑީ" ގެ ފަހު މެޗުތައް މިރޭ އޮންނާނެއެވެ.

ޔޫރޯގެ ގްރޫޕު "ޑީ" ގެ ފަހު ދެ މެޗުގައި މިރޭ ބައްދަލު ކުރާނީ ނެދަލޭންސް އަދި އޮސްޓްރިއާ އާއި ފްރާންސް އަދި ޕޮލޭންޑެވެ.

ފަހު ދެ މެޗަށް ގްރޫޕުގެ ޓީމުތައް މިރޭ ނިކުންނަ އިރު ނެދަލޭންޑްސް އަދި ފްރާންސްއަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ތިން ޕޮއިންޓާއެކު އޮސްޓްރިއާ ގްރޫޕުގެ ތިންވަނައިގައި އޮތް އިރު ގްރޫޕުގެ ހަތަރުވަނައިގައި އޮތީ, މުބާރާތުގައި ކުޅުނު ދެ މެޗުން ވެސް އެންމެ ޕޮއިންޓެއް ވެސް ނުހޯދި މުބާރާތުން ކަޓާފައިވާ ޕޮލޭންޑެވެ.

ފްރާންސް އަދި ޕޮލޭންޑް ބައްދަލުކުރާ މެޗަށް ބަލާލާއިރު މި މެޗުގެ ނަތީޖާއިން ދެ ޓީމަށް ވެސް މާ ބޮޑު ތަފާތެއް ނާންނާނެއެވެ. މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ހަގީގީ އެއް ވެސް ފުރުސަތެއް ނެތް ޕޮލޭންޑް މި ރޭގެ މެޗަށް ނިކުންނާނީ މާޔޫސްކަމުން ފުރިގެންވާ މުބާރާތަކުން ކުޑަ އުފަލެއް ލިބޭނެ ކަމުގެ އުއްމީދުގައެވެ. ޕްރާންސްއަށް މި މެޗުން އެންމެ ޕޮއިންޓެއް ހޯދިއްޖެނަމަ ދެވަނަ ބުރުގެ ޖާގަ ކަށަވަރުވާނެއެވެ.

ފްރާންސް އަދި ޕޮލޭންޑް ބައްދަލުކުރާ މެޗާ ހިލާފަށް ނެދަލޭންޑްސް އަދި އޮސްޓްރިއާ ބައްދަލުކުރާ މެޗަކީ, މުބާރާތުގެ ދެވަނަ ބުރު ކަށަވަރުކުރުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. މުބާރާތުގެ ގްރޫޕު ސްޓޭޖުގައި އެންމެ މޮޅު, ތިންވަނައަށް ދާ ހަތަރު ޓީމަށް ދެވަނަ ބުރުގެ ޖާގަ ލިބޭނެ އުސޫލުން ނެދަލޭންޑްސަ ދެވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފައިވިއަސް, އޮސްޓްރިއާއަށް މި މެޗުން ނަތީޖާއެއް ނެރުން ވަރަށް މުހިއްމެވެ. މި މެޗުން ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަމިއްލަ ބާރު އޮސްޓްރިއާއަށް ގެއްލޭނެއެވެ.

ގްރޫޕު "ޑީ" ގެ އެންމެ ފަހު ދެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން 21:00 ގައެވެ.