ޔޫރޯގެ ގްރޫޕު "ޑީ" ގެ ފަހު މެޗުގައި ނެދަލޭންޑްސް އަތުން 3-2 އިން މޮޅުވެ, އޮސްޓްރިއާ އެ ގްރޫޕުގެ އެއްވަނަ ހާސިލުކޮށްފިއެވެ.
ބާލިންގެ އޮލިމްޕިއާސްޓޭޑިއޮންގައި ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗުގައި އެންމެ ފުރަތަމަ ލީޑު ނަގާފައިވަނީ އޮސްޓްރިއާއެވެ. މި ލަނޑަކީ މެޗުގެ 6 ވަނަ މިނެޓުގައި ނެދަލޭންސްގެ ޑޮންޔެލް މެލެން އަތުން ބައިކޮޅަށް ވަދެގެންދިޔަ ލަނޑެކެވެ. މި ލަނޑަކީ ޔޫރޯގެ ތާރީހުގައި އެންމެ އަވަހަށް ބައިކޮޅަށް ޖެހުނު ލަނޑު ކަން ފާހަގަކޮށްލަން ޖެހެއެވެ.
އޮސްޓްރިއާ ލީޑު ނެގުމާއެކު ނެދަލޭންޑްސް ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްފައެވެ. މެޗުގެ ފުރަތަމަ ކޮޅު ހެދުނު ގޯހަށްފަހު ރަނގަޅު ކުޅުމެއް ދައްކަމުން އައި ނެދަލޭންޑްސްއަށް މެޗުގެ ނަތީހާ ހަމަހަމަ ކުރެވުނީ ދެވަނަ ހާފުގެ 47 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލިވަޕޫލަށް ކުޅެމުން އަންނަ ކޯޑީ ގަކްޕޯ ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ 59 ވަނަ މިނެޓުގައި އޮސްޓްރިއާ ވަނީ ދެވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ އެ ޓީމުގެ ފްލޯރިއަން ގްރިލިޝް ނަގަައިދިން ހުރަހަކުން ރޮމާނޯ ޝްމިޑް ކާމިޔާބު ކުރި ލަނޑެކެވެ. ޝްމިޑް, އޮސްޓްރިއާއަށް ލީޑު ނަގައިދިންތާ 16 މިނެޓު ފަހުން ނެދަލޭންޑްސްގެ މެމްފިސް ޑިޕާއޭ ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ އަނެއްކާ ވެސް ހަމަހަމަ ކޮށްފައެވެ.
ޑިޕާއޭ, ނެދަލޭންޑްސްއަށް މެޗު އެއްވަރުކޮށްދިންތާ އެންމެ ފަސް މިނެޓު ފަހުން އޮސްޓްރިއާ ވަނީ ތިންވަނަ ފަހަރަށް މެޗުގެ ލީޑު ނަގާފައެވެ. މި ފަހަރު އޮސްޓްރިއާއަށް ލީޑު ނަގައިދިނީ މާސެލް ސަބިޓްޒާއެވެ.މެޗުގެ 80 ވަނަ މިނެޓުގައި ސަބިޓްޒާ ކާމިޔާބު ކުރި މި ލަނޑާއެކު އޮސްޓްރިއާ ވަނީ މެޗު ކާމިޔާބު ކޮށްފައެވެ.
ގްރޫޕު "ޑީ" ގައި ދެން އޮތް ދެ ޓީމު ކަމުގައިވާ ފްރާންސް އަދި ޕޮލޭންޑް ބައްދަލު ކުރި މެޗު 1-1 އިން އެއްވަރުވުމުން އޮސްޓްރިއާއަށް ވަނީ ގްރޫޕުގެ އެއްވަނަ ލިބިފައެވެ. ދެވަނަ ފްރާންސްއަށް ލިބުން އިރު ތިންވަނަ ލިބުނީ ނެދަލޭންޑްސް އަށެވެ. މި ތިން ޓީމު މުބާރާތުގެ ތިންވަނައަށް ދަތުރުކޮށްފައިވާ އިރު, ހަތަރުވަނަ ލިބުނު ޕޮލެންޑް ވަނީ މުބާރާތަށް އަލްވަދާއު ކިޔާފައެވެ.