ކޮޕާ އެމެރިކާގެ ގްރޫޕު ސްޓޭޖުގައި ޗިލީ އަތުން 1-0 އިން މޮޅުވެ, މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކުރި ފުރަތަމަ ޓީމަށް އާޖެންޓީނާ ވެއްޖެއެވެ.

މެޓްލައިފް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި އާޖެންޓީނާގެ ފަރާތުން ފެނިގެންދިޔައީ ވަރުގަދަ ކުޅުމެކެވެ. މެޗު ފެށިގެން އާޖެންޓީނާ ވަނީ ޗިލީގެ ތަޖުރިބާކާރު ގޯލްކީޕަރު ކްލައުޑިއޯ ބްރާވޯގެ ގޯލާ އަމާޒުކޮށް އެތައް ނުރައްކާތެރި ހަމަލާއެއް ވަނީ ފޮނުވާލާފައެވެ.

އެ ގޮތުން މެޗުގެ 36 ވަނަ މިނެޓުގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ފޮނުވާލި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަރާފައެވެ. އާޖެންޓީނާގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެންދިޔަ ކަމުގައިވިއަސް ފުރަތަމަ ހާފު ނިމިގެންދިޔައީ 0-0 އިން ދެ ޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފުގައި ދެ ޓީމަށް ވެސް ވަނީ ލީޑު ނެގުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ނަމަވެސް ދެ ޓީމުގެ ގޯލްކީޕަރުން ވަނީ ހުށިޔާރުކަމާއެކު ހުރިހާ ހަމަލާތަކެއް މަތަކޮށްފައެވެ.

މެޗުގައި މޮޅު ކުޅުމެއް ދައްކަމުން ދިޔަ ބްރާވޯގެ ގޯލު ފޫއަޅުވާލާ, އާޖެންޓީނާއަށް ލީޑު ނެގުނީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މިއީ, ކޯނަރަކުން ފަހިވި ފުރުސަތަކުން ލައުޓާރޯ މާޓިނޭޒް ކާމިޔާބު ކުރި ލަނޑެކެވެ. މާޓިނޭޒްގެ ލަނޑާއެކު އާޖެންޓީނާ ވަނީ މެޗު ކާމިޔާބު ކޮށް, މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފައެވެ.

ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި އާޖެންޓީނާ ނިކުންނާނީ ޕެރޫއާ ދެކޮޅަށެވެ. މި މެޗު އޮންނާނީ 30 ޖޫން ވާ އާދީއްތަ ދުވަހު, ރާއްޖެ ގަޑިން 5:00 ގައެވެ.