ޖަރުމަނުގައި މިހާރު ކުރިއަށްދާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ވަރުގަދަ ޕޯޗުގަލްގެ މައްޗަށް 2-0 އިން ހޯދި ތާރިހީ މޮޅާއެކު ކުޑަކުޑަ ޖޯޖިއާ މުބާރާތުގެ ދެވަނަ ބުރުން މިރޭ ޖާގަ ހޯދައިފިއެވެ.
މިމެޗަށް ނިކުތްއިރުވެސް ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ދެވަނަ ބުރުން ޖާގަ ޔަގީންވެފައިވާތީ ޕޯޗުގަލްގެ ކޯޗް މާޓިނޭޒް ޖޯޖިއާ ދެކޮޅަށް ނެރުނީ ރޮނާލްޑޯ އާއި ކީޕަރު ޑިއޯގޯ ކޮސްޓާ ފިޔަވައި މުޅިންވެސް ބަދަލު ކުޅުންތެރިން ގޮތުގައި މީގެ ކުރިން ފެނުނު ކުޅުންތެރިންނެވެ.
މެޗް ފަށައިގެން ޕޯޗުގަލް ސިއްސުވާލުމަށްފަހު ޖޯޖިއާއަށް ލީޑް ނަގައިދިނީ ދެވަނަ މިނެޓުގައި ހުނަރުވެރި އެޓޭކިންގ މިޑްފީލްޑަރު ޚަވިޗާ ކަވްރަޓްސްޚޭލިޔާއެވެ. ފުރަތަމަ ހާފް ނިމުނީ މިނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފް ފަށައިގެން ލަނޑެއް ޖެހޭތޯ ޕޯޗުގަލްއިން މަސައްކަތް ކުރަމުންދަނިކޮށް ޖޯޖިއާގެ ނަސީބު އަތުގައި ހިފީ 56 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބުމުންނެވެ. ޕެނަލްޓީ ކާމިޔާބުކޮށް ޖޯޖިއާގެ ލީޑް ފުޅާކޮށްދިނީ ފްރާންސްގެ ދެވަނަ ޑިވިޜަނުގެ ކްލަބެއް ކަމުގައިވާ އެފްސީ މެޓްޒަށް ކުޅެމުން އަންނަ ފޯވާޑް ޖޯޖް މިކައުޓަޑޭޒެވެ.
މެޗުގެ އުސްއަލިތައް:
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ޕޯޗުގަލްއިން ގިނަބަދަލުތަކެއް ގެނައިނަމަވެސް، ޖޯޖިއާގެ ޑިފެންސް ލައިނާއި ކީޕަރު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. ޕޯޗުގަލްއިން އުފެއްދި ނުރައްކާތެރި ހަމަލާތައް ހުއްޓުވުމުގައި ޖޯޖިއާގެ ކީޕަރު، ސްޕެއިނުގެ ވެލެންސިޔާއަށް ކުޅެމުން އަންނަ ޖިއޯޖީ މަމާޑަޝްވިލީގެ ފަރާތުން ފެނުނު މޮޅެތި ސޭވްތައް ވަރަށް ބޮޑަށް ފާހަގަ ކޮށްލެވެއެވެ.
އަނެއްކޮޅުން މިމެޗުގައި ލަނޑެއް ނުޖެހި ރޮނާލްޑޯ ނިންމާލަން ޖެހުމުން، މިމުބާރާތް ވެފައި މިވަނީ ރޮނާލްޑޯގެ ކެރިޔަރުގައި މިހާތަނަށް ގްރޫޕް ސްޓޭޖުގައި ލަނޑެއް ނުޖެހި ނިންމާލަން ޖެހުނު ހަމައެކަނި މުބާރާތަށެވެ. މީގެ ކުރިން ރޮނާލްޑޯ ވަނީ 2004، 2008، 2012، 2016 އަދި 2020 ވަނަ އަހަރުގެ ޔޫރޯ އާއި 2006 ، 2010، 2014، 2018 އަދި 2022 ވަނަ އަހަރުގެ ވަރލްޑް ކަޕުގެ ގްރޫޕް ސްޓޭޖުގައި ލަނޑު ކާމިޔާބު ކޮށްފައެވެ.
މިއީ ބައިނަލްއަގުވާމީ ވަރުގަދަ ފުޓްބޯޅަ މުބާރާތެއްގެ ގްރޫޕް ސްޓޭޖުގައި ޖޯޖިއާއިން ވާދަކުރި ފުރަތަމަ ފަހަރެވެ. ވާދަކުރި ފުރަތަމަ ފަހަރުވެސް އެގައުމުން މިވަނީ ދެވަނަ ބުރުން ޖާގަ ހޯދާފައެވެ.
ދެވަނަ ބުރުގައި ޖޯޖިއާ ނިކުންނާނީ މިމުބާރާތުގައި އެންމެ މޮޅު ކަމަށް ފެންނަ ވަރުގަދަ ސްޕެއިންއާ ދެކޮޅަށެވެ. ދެވަނަ ބުރުގައި ޕޯޗުގަލް ބައްދަލު ކުރާނީ ރޭ އިނގިރޭސިން މޮޅުވިޔަ ނުދީ ހިފެހެއްޓި ސްލޮވީނިޔާއެވެ.