5 ވަނަ ބައި
އަންހެންކުއްޖަކުހެން ފިނޑިވެ ރޯކަށް ފާޒިލް ބޭނުމެއް ނޫނެވެ. އެހެންވިޔަސް ހިތަށް ކޮށްފައިވަނީ ފުން އަސަރެކެވެ. ނުކުރާ ކުށެއްގައި ބެދި ޒުވާން އުމުރު ޖަލުގެ ތޭރިތަކުގެ ތެރޭ ހޭދަވާކަށް ފާޒިލް ބޭނުމެއް ނޫނެވެ.
އެހެންކަމުން އެ އިމާރާތުގައި ކެމެރާ ހަރުކޮށްފައިވާތީ ފާޒިލް އެދުނީ ކެމެރާތައް ޗެކްކޮށްދިނުމަށެވެ. މައްސަލަ ބަލާ ފުލުހުން ބުނަމުން ދިޔައީ މައްސަލައިން ރެކެން ބަހަނާ ދައްކަނީކަމަށެވެ. އެހެންވިޔަސް އެންމެފަހުން ފާޒިލް އެދުނުގޮތަށް ކެމެރާތައް ޗެކްކުރަން އެމީހުން އެއްބަސްވިއެވެ.
ފާޒިލްގެ ނަސީބު ވަރަށް ދެރައެވެ. އެ އިމާރާތުގައިހުރި އެއްވެސް ކެމެރާއެއް މަސައްކަތެއް ނުކުރެއެވެ. އެވާހަކަ ފުލުހުންގެ ޓީމުން ބުނި ވަގުތު އަނެއްކާވެސް ފާޒިލްގެ ހިތް މޮޅިން ފުރުނެވެ. ހަތަރު އުދަރެސް ފެނުޖެހުނެވެ. ދެން ވިސްނާލުމަށްފަހު ފާޒިލް އެދުނީ އެ ހިސާބުގެ އެހެންގެތަކުގެ ކެމެރާތައް ޗެކް ކޮށްދިނުމަށެވެ. އެއަކަށް އެމީހުން ވަކި އެއްޗެއް ނުބުނެއެވެ.
އިރުޝާދަށް އާޝިޔާގެ ފޯންކޯލް ލިބުނީ އޮފީހަށް ވަދެ ރަނގަޅަށް ގޮނޑީގައި ހަމަޖެހި ނުލެވެނީހެވެ. އާޝިޔާ އަކީ އޭނަގެ ދަރިފުޅުގެ ކުލާސްޓީޗަރެވެ.
"މިގުޅީ ވަރަށް އެހެންކަހަލަ ކަމަކު!" އާޝިޔާއާ އިރުޝާދާ ދެމެދު އޮންނަނީ ހަމައެކަނި ޓީޗަރ ޕޭރެންޓް ގުޅުމެއްނޫނެވެ. އާޝިޔާގެ ފިރިމީހާއާ އިރުޝާދާ އެއްރަށަކަށްވުމުން ދަނެ ފަރިތަކަމުގެ ގުޅުން ވެސް އެ ދެމެދުގައި އޮވެއެވެ. އެހެންކަމުން އާޝިޔާ، ފިރިމީހާ އެ ދޭތރެއަށް ނުވައްދައި ސީދާ އިރުޝާދަށް ގުޅީއެވެ.
"ކީއް ކޮށްދޭންވީ!... ކޮށްދެވޭކަހަލަ ކަމެއް ވެއްޖިއްޔާ ކޮށްދޭނެކަން އާޝިޔާއަށް އެނގޭނެނު!" އިރުޝާދުގެ އަޑުގައިވަނީ ސަމާސާ ރާގެވެ.
"އަސްލު ބޭނުމެއްނޫން މިކަހަލަ ކަންކަމުގައި އެހެންމީހުން ގާތު އެހީއަށް އެދޭކަށް ވެސް! އެކަމަކު މީގެ ތެރެއަށް ކުޑަކުއްޖަކު ވަންނާތީއާ އަދި ޚުދު އަހަރެންގެ ހިތްވެސް އެއީ ކުށެއް ނެތް މީހެއްކަމަށް ގަބޫލުކުރާތީ!..."
"ސީދާ ޕޮއިންޓަށް ދޭބަލަ!" އާޝިޔާގެ ވާހަކަ މެދު ކަނޑައިލުމަށްފަހު އިރުޝާދު ވާހަކަ ދެއްކިއެވެ. އެ އަޑުގައިވަނީ މިފަހަރު ސީރިއަސްކަމެވެ.
އެ ހިސާބުން ފާޒިލްގެ ވާހަކަ ވަރަށް ތަފްސީލްކޮށް އާޝިޔާ ކިޔައިދިނެވެ. އާޝިޔާގެ ވާހަކަ އަޑުއެހުމަށްފަހު އިރުޝާދު ނިންމީ އެއީ ކިހާވަރެއްގެ ހަގީގަތެއް އެކުލެވިފައިވާ ވާހަކައެއްތޯ ޔަގީންކޮށް ކުށެއްނެތް މީހަކު އަދަބުން ސަލާމަތްކޮށްދިނުމަށެވެ. އަދި އާޝިޔާ އެބުނާ ކުޑަކުއްޖާއަށް އޭނަގެ ހައްގު ހޯދައިދިނުމަށެވެ. އެހެންނަމަވެސް އެވަގުތު އުޅެގަތީ ކުރިއަށް އޮތް މީޓިންގއަށް ތައްޔާރުވުމަށެވެ.
ޖެހިގެން އައި ދުވަހު ނަވާރަށް އާޝިޔާއާ ބައްދަލުކުރެވޭނެ ގޮތެއް ނުވިއެވެ. އާޝިޔާ ސްކޫލަށް ހާޒިރުނުވާކަން އެނގުނީ އައިޝާ ބަލާ ނިމުނުގަޑީގައި ގޮސް ވެސް އާޝިޔާ ފެންނަން ނެތުުމުން އެހެންޓީޗަރެއްގެ ގާތު އަހައިލުމުންނެވެ. ވީދެރައިން ނަވާރަށް ކަރުއެލުވައިލެވުނެވެ. އެހެންނަމަވެސް ގެއަށްގޮސް ގުޅާނީއޭ ހިތައި އައިޝާ ގޮވައިގެން ހިނގައިގަތެވެ.
ގެއަށް ގޮސް އައިޝާ ކާން ބައިދާފައި ނަވާރު ގުޅީ އާޝިޔާއަށެވެ. ފޯނު ރިންގް ވެއެވެ. އެކަމަކު ޖަވާބެއް ނުދެއެވެ. އެ ހިސާބުން އާޝިޔާ ފަހުން ގުޅާނެކަމަށް ބަލައި އިތުރަށް ގުޅާކަށް ނުކެރުނެވެ.
އެ ދުވަސް ދިޔައީ އާޝިޔާގެ ޚަބަރެއްނުވެއެވެ. ޖެހިގެން އައި ދުވަހުވެސް ކަންތައް ވީއެހެންނެވެ. އެހެންކަމުން އިތުރަށް ހިތްވަރުކޮށް ނަވާރު އަނެއްކާވެސް އާޝިޔާއަށް ގުޅިއެވެ. މިފަހަރު ފޯނު އޮތީ ނިއްވާލާފައެވެ. މާޔޫސްކަން އައިސް ނަވާރު ވަށައިލީ އާޝިޔާގެ އެހީތެރިކަން ނުލިބުނުކަން ޔަގީންވުމުންނެވެ. އެހެންކަމުން ދެން ނިންމީ ފާޒިލްގެ ކޮޓަރީގައި ހުރި އައިޝާގެ ހުރިހާ އެއްްޗެއް ނަވާރުގެ ކޮޓަރިއަށް ބަދަލުކުރުމަށެވެ.
އެ ކޮޓަރީގައި ދެ ވައްތަރުގެ ދެ ޗާޖަރު ހުރިތަން ފެނުމުން ނަވާރު ވިސްނައިލިއެވެ.
"އައިޝާ، ދޫނި، އައިޝާ އަތުގައި ފޯނެއް އޮވޭތަ!" ޔަގީންކުރަން ބޭނުންވެގެން ނަވާރު އަހައިލިއެވެ. އައިޝާ އާނއެކޭ ބުނުމުގެ ގޮތުން ބޯ ޖަހައިލިއެވެ.
"ކޮބާ ފޯން!" އުންމީދުގެ އަލިކަމެއް އެ މޫނުމަތިން ފާޅުވެގެން ދިަޔއެވެ.
"އައިޝާގެ ބޭގްގަ!" ނަވާރަށް ބަލާވެސް ނުލާ ކުލަޖައްސަން އިން އައިޝާ ޖަވާބުދިނެވެ. އެ އަޑަކުން ނަވާރުގެ ސުވާލަށް އެއްވެސް ޝައުގުވެރިކަމެއް ފާޅެއް ނުވެއެވެ.
"ދައްތަ އަންނާނަން ބޭގް ހިފައިގެން. އައިޝާ ރީތިކޮށް އިނދޭ!" ނަވާރު ހިނގައިގަތީ ތިންވަނަ ފަންގެފިލާއަށް ނަވާރުގެ ކޮޓަރިއަށް ދިއުމަށެވެ.
ދިޔަ ވަރަށްވުރެ އަވަހަށް އެނބުރި ނަވާރު އައެވެ. އަދި އައިޝާ ކައިރީ އިށީނދެ ދަބަސް ހުޅުވައިލިއެވެ. ތެދެކެވެ. އެ ދަބަހުގައި ފޯނެއް އޮތެވެ. ނަވާރު އުޅުނީ އަވަސް އަވަހަށް ފޯނުހުޅުވައިލާ އޭގައި ހުރީ ކޮންނަމްބަރުތަކެއްތޯ ޗެކްކޮށްލުމަށެވެ. އެހެންނަމަވެސް ފޯނު އޮތީ ނިވިފައެވެ. ޗާޖްހުސްވެފައެވެ. ނަވާރަށް ދެއަތަކަށް ބޯހޫރައިލެވުނެވެ. ތެދުވެގެން ގޮސް އެ ފޯނުގެ ޗާޖަރުހެން ހީވާ ޗާޖަރަށް ފޯނު ގުޅައިލުމަށްފަހު އަނެއްކާވެސް އައިޝާގެ އެއްޗެހި އެއްތަންކޮށް ޕެކްކުރަން ފަށައިފިއެވެ.
ބައިގަޑިއެއްހާ އިރު ފަހުން އަނެއްކާވެސް ނަވާރުގެ ސަމާލުކަން އައިޝާގެ ފޯނަށް ހުއްޓައިލިއެވެ. އޭރު ހުރީ އެކޮޓަރިން ނިކުންނަން ވެސް ވެފައެވެ. އެހެންކަމުން ފޯނު ހިފައިިގެން އައިޝާ ގޮވައިގެން ހިނގައިގަތީ އަމިއްލަ ކޮޓަރިއަށެވެ.
ކޮޓަރީގައި ރަނގަޅަށް ހަމަ ޖެހިލުމަށްފަހު އައިޝާގެ ފޯނު ހުޅުވައިލިއެވެ. އަދި އޭގައި ހުރީ ކޮންކޮން ނަމްބަރުތަކެއްތޯ ޗެކްކޮށްލިއެވެ. އެ ފޯނަކު މާގިނަ ނަމްބަރެއް ނެތެވެ. އޮތީ އެންމެ ދެ ނަމްބަރެވެ. އެއީ ފާޒިލްގެ ނަމްބަރާ އައިޝާގެ ކުލާސް މިސްގެ ނަމްބަރެވެ. އެއީ އާޝިޔާ ނަމްބަރެވެ. ދެން ބެލީ އައިޝާގެ ފޯނުގެ ނަމްބަރބެލުމަށް ނަވާރުގެ ފޯނަށް ގުޅޭތޯއެވެ.
ދެން އަނެއްކާވެސް ވިސްނައިލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ނަވާރު ގުޅީ ޑޭޑް ޖަހާފައިވާ ނަމްބަރަށެވެ. އާޝިޔާ ބުނިގޮތުން އެއީ ބައްޕަ ނެތް ކުއްޖެކެވެ. އެހެންކަމަށްވަންޏާ އެ ވާނީ ފާޒިލްއަށެވެ. ހީކުރެވުނު ގޮތަށް އެ ނަމްބަރު އޮތީ ނިއްވާލާފައެވެ. އެއްވެސް އަލިމަގެއް ނުފެނުމުން މަޑުމަޑުން އައިޝާގެ ފޯނު އެއްފަރާތުގައި ބޭއްވިއެވެ.
އެރޭ ނިދަން އޮވެ ނަވާރު ވަރަށް ވިސްނިއެވެ. ވަޒީފާ ހަމަޖެހުން ލަސްވާތީ އެކަމާއެވެ. ވަޒީފާ ހަމަ ޖެހުނީމާ އައިޝާގެ ކަންތައް ބަލަހައްޓާނެ ގޮތަކާމެދުގައެވެ. ކޮންމެވެސް މަގެއް ދައްކަވާނެއެވެ. ނަވާރު އެދުނީ އެންމެ ފަރާތެއްގެ މަދަދަށެވެ.
ހެނދުނު ތެދުވި އިރު އައިޝާ އޮތީ ހުން އައިސްފައެވެ. ލޯވެސް ހުޅުވައި ނުލެވެއެވެ. އައިޝާގެ މުޅި މޫނު ފެންނަނީ ރަތްވެފައިވާތަނެވެ. ނަވާރު ނިންމީ އެ ދުވަހު އައިޝާ ސްކޫލަށް ނުގެންގޮސް ގޭގައި ބެހެއްޓުމަށެވެ. އަދި އައިޝާއަށް ޖޫސްފޮދެއް ދޭން އުޅެ އެކަންވެސް ނުވުމުން ނިކުތީ ފާމަސީއަކާ ދިމާއަށެވެ.
ރަނގަޅުވާނެކަމަށް ގަބޫލުކުރެވޭ ދެތިން ބޭސް ހިފައިގެން އައިސް އައިޝާއަށް ދިން ނަމަވެސް އައިޝާގެ ހުން ވިހެލާގޮތެއްނުވިއެވެ. އޭގެ ބަދަލުގައި އެއްޗެއް ނުކެވި ނުބޮވި ދާން ފެށުމުން އައިޝާގެ ވަރުދެރަވާން ފަށައިފިއެވެ. އައިޝާއާ މެދު ނަވާރު ވަަރަށް ކަންބޮޑުވެއްޖެއެވެ. އެހެންކަމުން އިރުއޮއްސުމުން ނިންމީ ޑޮކްޓަރަށް ދައްކަން ދިއުމަށެވެ.
ޑޮކްޓަރ ބެއްލެވުމަށްފަހު ބައެއް ޓެސްޓްތައް ހެދުމަށާ އަދި އައިޝާގެ ހާލަތަށް ބެލުމަށްފަހު އެޑްމިޓްކޮށްގެން ފަރުވާ ދިިނުމާމެދު ނަވާރާ މަޝްވަރާކުރިއެވެ. ރަނގަޅު ނުވެ ބަލީގައި އައިޝާ ގިނަދުވަސްވާކަށް ނަވާރު ބޭނުމެއް ނުވިއެވެ. އެހެންކަމުން ޑޮކްޓަރ އެދިލެއްވިގޮތަށް އައިޝާ އެޑްމިޓްކުރަން އެއްބަސްވިއެވެ.
އައިޝާ ގައިން ލޭނަގާ އައިވީ ގުޅާ ކަންތައްވެ ހަމައަކަށް އެޅެމުން ނަވާރު ބޭނުންވީ ބައެއް އެއްޗެހި ބަލާ ގެއަށް ދިއުމަށެވެ. އެކަމަކު އައިޝާ އެކަނި ބާއްވާފަކާ ނަވާރަކަށް އެއްވެސް ތާކަށް ނުދެވޭނެއެވެ.
އެހީތެރިކަމުގެ އަތެއް ފޯރުކޮށްދެވޭނެފަރާތަކީ ކޮބައިތޯ ވަރަށްވިސްނުމަށްފަހު ގުޅީ އެކުވެރިޔާ އަނޫޝާއަށެވެ. މިހިރީ ހޮސްޕިަޓަލުގައިކަމަށާ ދެގަޑިއެއްހާއިރަށް މިތާ މަޑުކޮށްލައިދިނުމަށް އައިސްދިނުމަށް ނަވާރު ލިޔުނީ މެސެޖެކެވެ.
މާގިނައިރެއްނުވެ އަނޫޝާ ގުޅިއެވެ. ނަވާރު ބުނީ ފޯނުން ވާހަކަ ނުދެއްކޭނެކަމަށެވެ. ވީ އެންމެ އަވަހަކަށް އައިސްދިނުމަށެވެ.
އަނޫޝާ ހޮސްޕިޓަލަށް އައީ އޭގެ ބައިގަޑިއެއްހާ އިރު ފަހުންނެވެ.
"ގުޅިއިރުވެސް އަހަންނަށް އެނގޭ އަނޫ އަންނާނެކަން!" އެތައް ދުވަހަކަށްފަހު އަނޫޝާ ފެނުމުން ކުޑަކޮށް ބައްދާލާފައި ނަވާރު ބުންޏެވެ.
"ބުނި ބައްޔޭ! ކީއްވީ! އަހަރެން މިއައީ ހޭލާއިންނަން ޖެހުނަސް އިންނަ ގޮތަށޭ!" ނަވާރުގެ އަތްތިލާގައި ހިފާލަމުން އަނޫޝާ ވާހަކަދެއްކިއެވެ.
"އަސްލު ބަލީ މަށެއްނޫން އިނގޭ! މަ ގެންގުޅޭ ކުއްޖަކު!" ލޯމެރިފައިވާ އައިޝާއަށް އިޝާރާތްކުރަމުން ނަވާރު އޮޅުން ފިލުވައިދިނެވެ.
އަނޫޝާ އައިޝާއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެެެވެ.
"ތިމާގެ ކުއްޖެއް! ... މި... މިވަގުތު އަހަރެން ގެންގުޅެނީ! އިށީނދޭ! އަހަރެން ހޯދަން އުޅެފިއްޔާ ބުނޭ ދައްތަ އެބަ އާދެއޭ ޗާޖަރު ހިފައިގެން!" އަނޫޝާގެ ކޮނޑުގައި ހިފާ ގޮނޑިއަށް ތިރިކުރަމުން ނަވާރު ހުރިހާ ވާހަކައެއް އެއްފައްޗަކަށް އަމުނައިލިއެވެ. އެއަށްފަހު އަތްދަބަސް ނަގައި ކޮނޑުގައި އަޅުވަމުން އަތުގައި އޮތް ފޯނު އެއަށް ލަމުން ނަވާރު ހިނގައިގަތެވެ.
އަނޫޝާ ބީރައްޓެހި ނަޒަރަކުން ސުވާލުމާކެއްހެން ނަވާރަށް ބަލަހައްޓައިގެން އިނެވެ. ނަވާރު ގާތަށް އައީ ލާނެއް ހިންޏެކެވެ.
ޓެކްސީއިން ފޭބި ނަވާރު ފުރަތަމަ ބޭނުންވީ ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލުމަށެވެ. އެ ހެންނަމަވެސް ވީއެންމެ އަވަހަކަށް އަނޫޝާ ގެއަށްފޮނުވަން އެނބުރިދާން ވެސް ޖެހޭނެއެވެ. އެކަންވެސް ހަނދާނުގައި ބަހައްޓަމުން ކޮޓަރީގެ ދޮރުހުޅުވައިލާ އެތެރެއަށް ވަނެވެ. ދެން އިރުކޮޅަކަށް އެނދުގައި އިށީނދެލިއެވެ. އެއަށްފަހު ތުވާލި ހިފައިގެން ވަނީ ފާޚާނާއަށެވެ. ހޫނުފެނުން ފެންވަރައިލުމުން މުޅިމީހާއަށް ތާޒާކަން ލިބުނެވެ. ހިތަށް ވެސް ހަމަޖެހުން ލިބިގެންދިޔަކަން އިހުސާސްކުރެވުނެވެ. އެއަށްފަހު މެންދުރު ގެނައި ބައެއް ކާއެއްޗެހި ހުރުމުން އެއިން ރޭގަނޑުގެ ކެއުން ހަމަޖައްސައިލާ ބާކީވި ބައި ޑަސްބިނަށް ލިއެވެ. އަދި އައިޝާއަށް ބޭނުންވާ ބައެއް އެއްޗެހި ވެސް ކުޑަ ދަބަހަކަށް ލިއެވެ. އެއަށްފަހު އައިޝާގެ ފޯނު ނަވާރުގެ ދަބަހަށްލުމަށްފަހު އޭގެ ޗާޖަރު ހޯދައިލިއެވެ. ޗާޖަރު އެފަހަރުވެސް ނުގެނެވޭ ހަނދާންވީ އެވަގުތުއެވެ. މި ރޭގަނޑެއްގައި އެ ކޮޓަރިއަށް ވަންނާކަށް ވެސް އަސްލު ނަވާރު ބޭނުމެއްނޫނެވެ. އެހެންނަމަވެސް ފުރަތަމަ ރެއަށްފަހު އެ ކޮޓަރިއަށް އެއްވެސް މީހަކު ވަދެފައިވާކަމުގެ ނިޝާނެއް ނުފެންނާތީ އެހެން ހިތަށް އަރުވައިލާ ހިތް ހަމަޖައްސައިލިއެވެ.
ދެވަނަ ފަންގިފިލާއަށް ނަވާރު ދިޔައީ ހޮސްޕިޓަލަށް ގެންދަން ބޭނުންވާ ހުރިހާ އެއްޗެއް ހަމަކޮށްގެންނެވެ. އެއީ ދެވަނަ ފަހަރު މައްޗަށް ނާރަންވެގެންނެވެ.
އަތްދަބަސްހުޅުވައިލާ ފާޒިލްގެ ކޮޓަރީގެ ތަޅުދަނޑި ނަގައި ދޮރުހުޅުވައިލަމުން އެތެރެއަށް ވަނެވެ. އަދި ސްވިޗްތައް ހުންނަތަން އެނގޭތީ ސްވިޗްތައް ޖައްސައިލާ ހޮޅިބުރިތައް ދިއްލައިލިއެވެ. އޭރު ނަވާރަށް ހުރެވުނީ ދޮރާދިމާއަށް ކުރިމަތިލައިގެންނެވެ. ބޭނުންވަނީ އެވަރު ވަގުތުކޮޅަކަށް ވަނަސް ދޮރު ތަޅުލައިގެން ހުރުމަށެވެ. އެހެންކަމުން ބޮކި ދިއްލުމުން ދޮރުފަތުގެ އެތެރެއިން ތަޅުލުމަށްފަހު ޗާޖަރު ހުރި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ނަވާރުގެ ނޭފަތުގައި ޖެހުނީ އެންމެ ފުރަތަމަ ނަވާރު އެކޮޓަރިއަށް ވަން ވަގުތު ނޭފަތުގައި ޖެހުނު މީރުވަހެވެ. އެހެންނަމަވެސް ނަވާރު ވަނީ ޗާޖަރު ނަގައިގެން އަވަސް އަވަހަށް ނިކުންނަން ކަމަށްވާތީ ޗާޖަރާދިމާއަށް ކުރިއަށް ހިނގައިގަތެވެ. އެވަގުތު މީހަކު ފުންމައިގެން އައިސް ނަވާރުގެ ކުރިމަތީ ހުއްޓުނުކަން ނަވާރަށް އެނގުނެވެ. މަންމާއޭ ކިޔައި ނަވާރަށް ބާރަކަށް ހަޅެއްލަވައިގަނެވުނެވެ. ގަންނާކުރެއްވި ބިރުން މޭގަނޑު ނެގިނެގިފައި ޖެހެއެވެ. މުޅިމޫނުމަތި ހުދު ކަފަކޮޅަކަށްވެ މީހާގެ ހެއަށް ވެސް ގޮތްވާހެން ހީވިއެވެ. ނަވާރު ދުއްވައިގަތެވެ. ސަލާމަތްކަން ހޯދުމަށެވެ. އެހެންނަމަވެސް އެމީހާ އެއަށްވުރެ މާހުށިޔާރެވެ. އެއްލިއަތުން ނަވާރުގެ އަތުގައި ހިފާ އެމީހާގެ ބާރުގެ ދަށުުގައި ނަވާރު ގައިދުކޮށްލިއެވެ. ނަވާރަށް އެއީ ކާކުކަންވެސް ބަލާލާކަށްނުކެރުނެވެ. ދެލޯ މަރާ ބާރުކޮށްގެން ހުރެ ރޮއެގަތެވެ.
ވާހަކަ ރީތި ނަމަވެސް ވާހަކަ ގެއްލިގެން ހޯދަންޖެހޭ. އަންނާނެ ދުވަހަކަށް އިންތިޒާރުކުރަންޖެހޭ ދުވަސް މާގިނަ
އަނެއްކާ ކާކުބާ! ނަވާރު ސަލާމަތްވާނެބާ!