6 ވަނަ ބައި

ނަވާރު ދުއްވައިގަތެވެ. ސަލާމަތްކަން ހޯދުމަށެވެ. އެހެންނަމަވެސް އެމީހާ އެއަށްވުރެ މާހުށިޔާރެވެ. އެއްލިއަތުން ނަވާރުގެ އަތުގައި ހިފާ އެމީހާގެ ބާރުގެ ދަށުުގައި ނަވާރު ގައިދުކޮށްލިއެވެ. ނަވާރަށް އެއީ ކާކުކަންވެސް ބަލާލާކަށްނުކެރުނެވެ. ދެލޯ މަރާ ބާރުކޮށްގެން ހުރެ ރޮއެގަތެވެ.

ފާޒިލްގެ މައްސަލައިގެ ތެރެއަށް އެންމެ ފަހުން އިރުޝާދު ވަނެވެ. އެއަށްފަހު ފާޒިލްއާ ވަކިން ބައްދަލުކޮށް ކަންހިނގި ގޮތް އޮޅުން ފިލުވިއެވެ. އާޝިޔާ ބުނިފަދައިން ފާޒިލްއަކީ އެފާޑުގެ ކަމެއް ކޮށްފާނެ މީހެއްކަމަށް ގަބޫލުކުރަން އިރުޝާދަށް ވެސް ދަތިވިއެވެ. އެހެންނަމަވެސް މިޒަމާނުގައި ކުށްކުރާ މީހުންނަކީ ވަރަށް ސްމާޓް ބައެކެވެ. އެކަން އިރުޝާދުގެ ހަނދާނުގައި ބެހެއްޓިއެވެ.

"ފާޒިލް ތި ބުނި ގޮތަށް އެ ހިސާބުގެ ގޭގޭގައި ބޭރު މަގުމަތި ފެންނަގޮތަށް ހުރި ކެމެރާތައް އަހަރެމެން ބަލާނަން! އެކަމަކު އެކަމަށް ވަގުތުކޮޅެއް ނަގާނެ! ... އޭގެ ކުރިން ވެސް ފާޒިލްއަށް ފާޒިލްގެ ކުށެއް ނެތްކަން ހާމަކޮށްދެވިއްޖެއްޔާ މިކަމުން ސަލާމަތް ވެވިދާނެ!" ވިސްނާލަމުން އިރުޝާދު ވާހަކަ ދެއްކިއެވެ.

"ސަރ، ފުރަތަމަ އަޅުގަނޑު ޖެހޭނީ އެ އަންހެންކުއްޖާ ހޯދަން! އެކަން އަޅުގަނޑަށް ކުރެވިގެން ނޫނީ އަޅުގަނޑުގެ ކުށެއްނެތްކަން ސާބިތުކޮށްދޭން އަޅުގަނޑު ކުރާނެ މާބޮޑުކަމެއް ނޯންނާނެ! ... މިދެންނެވީ ހެއްކަކަށް އަޅުގަނޑަށް ދެއްކޭނީ ސީސީޓީ ކެމެރާތަކޭ ނުވަތަ އެ ކުއްޖާ އޭ!" މޮޅިވެރި ރާގަކަށް ފާޒިލް ބުންޏެވެ. އެ އަޑުގައިވަނީ އާދޭހެވެ.

"މިސާލަކަށް އަހަރެމެން ފާޒިލް ގެއަށް ދޫކޮށްލީޔޯ! އެހެންވެއްޖިއްޔާ ފާޒިލްއަށް އަލިމަގެއް ފެނުމުގެ ފުރުސަތު ކިހާވަރަކަށް އޮންނާނެ!" ވިސްނުންތެރިކަމާއެކު އިރުޝާދު ސުވާލުކުރިއެވެ.

ފާޒިލްގެ މައްސަލަ ބަލާ ފުލުހުންގެ ޓީމާ ފާޒިލްއާ އެކު ވެވުނު އެއްބަސްވުމެއްގެ ދަށުން ފާޒިލް ގެއަށް ދޫކޮށްލީ ވަކި މުއްދަތަކަށެވެ. ފުލުހުން ފާޒިލް ދޫކޮށްލިޔަސް ބަރާބަރަށް ފާޒިލްގެ ކަންކަން ވަރަށް ގާތުން ބަލަމުން ގެންދިޔައެވެ.

ލިބުނު ފުރުސަތުގައި ހެއްދެވި ފަރާތަށް ޝުކުރުކޮށް ފާޒިލް ގެއަށް ދިޔައެވެ. އެއީ އެދުވަހުގެ އިރުއޮއްސެނިކޮށެވެ.

ގެއަށް ހަމަ ވަދެވުމާއެކު ފާޒިލް އަވަސްވެގަތީ އައިޝާ ހުރީ އެކޮޓަރީގައިތޯ ޔަގީން ކުރުމަށެވެ. އައިޝާ އެކޮޓަރީގައި ނެތްކަން އެނގުނު ހިނދު އެ ހިތަށް ކުރީ ބަޔާންކުރަން ދަތި އަސަރެކެވެ. އެކުޑަކުޑަ ކުއްޖާ ކޮަބައިބާވައެވެ. އެ ފަކީރުހުރީ ހެޔޮ ހާލުގައި ރައްކާތެރިކަމާއެކުގައި ބާވައެވެ. ގަޑިން ގަޑިއަށް އެކުއްޖާއަށް ކާން ލިބޭ ބާވައެވެ. ސްކޫލަށް ދެވޭބާވައެވެ. ވީދެރައިން ކޮޓަރީގެ ދޮރުމަތީ ފާޒިލްއަށް އިރުކޮޅެއްވަންދެން ގަނޑުވެފައި ހުރެވުނެވެ. އެއަށްފަހު ސިކުނޑި މަސައްކަތް ކުރަން ފެށުމުން ދެން އުޅެގަތީ ކޮޓަރީގައި ހުރި އައިޝާގެ އެއްޗެހި ހަމަތޯ ބެލުމަށެވެ.

އައިޝާގެ ބައެއް އެއްޗެހި ނެތްކަން އެނގުމުން އެ އަންހެންކުއްޖާ އައިޝާގެ ބައެއް އެއްޗެހި ގެންދިޔައީކަން ފާޒިލް ދެނެގަތެވެ. ގައިމު އައިޝާގެ ދަބަހުގައި އައިޝާގެ ފޯނުވެސް އޮންނާނެއެވެ. އެހެން ހިތަށް އެރުމާއެކު ފާޒިލްގެ ފޯނު ފާޒިލް އަތަށް އެލިބުނީ އަދި ދެންމެ އިރުކޮޅެއް ކުރިންކަން ހަނދާނަށް އައެވެ. މިހާރު ފޯނު ވެސް އެއޮތީވެސް ޗާޖް ހުސްވެ ނިވިފައެވެ.

މަޑުމަޑުން ކުރިއަށް ހިނގާލާފައި ގޮސް ފާޚާނާގެ ދޮރުހުޅުވައިލާ ފާޒިލް ބަލައިލިއެވެ. ފާޚާނާގައި ހުރި އައިޝާގެ ދަތްއުނގުޅާ ބުރުހާ އެހެން އެއްޗެހިވެސް މިހާރަކު ނެތެވެ.

އަމިއްލަ ކޮޓަރިއަށް ވަދެވުމާއެކު ވަރުބަލިކަން އިޙުސާސްވެ ނިދާލަން ބޭނުންވުމުން ކޮޓަރީގެ އެނނދުގެ މެދުގައި ދެފައި އެލުވާލައިގެން އިށީނދެ އިން ފާޒިލް ފެންވަރަން ވަނީ އެތައް އިރަކު އެހެން ފިކުރުގެ ކަނޑެއްގައި ފަތަން އިނދެފައެވެ. ވިސްނެނީ އެންމެ ކަމަކާ މެދުގައެވެ. އޭނަގެ އައިޝާއާ މެދުގައެވެ.

ފޯނު ޗާޖަށް ޖެހުމަށްފަހު އައިޝާގެ ކުލާސްޓީޗަރަށް ގުޅާނީ އިރުކޮޅަކުންނޭ ހިތާ ދެން އުޅުނީ ފެންވެރުމާ ހެދުން ބަދަލުކުރުމާއިގެންނެވެ.

ފާޚާނާއިން ނިކުމެ ޢާންމުކޮށްވެސް ބޭނުންކުރާ ބޮޑީސްޕްރޭފުޅިން މުޅިހަށިގަނޑަށް ސްޕްރޭ ކޮށްލިއެވެ. އެއަށްފަހު ނިދަން އޮށޯތީ ހަމައެކަނި ސޯޓްބުރި ލައިގެންނެވެ. ބޭނުންވަނީ އަރާމުކޮށް އިރުކޮޅަކުނަމަވެސް ނިދާލުމަށެވެ.

ފާޒިލްއަށް ނިދާލާފަ އޮވެވޭނީ ގާތްގަނޑަކަށް ދެ ގަޑިއެއްހާ އިރަށެވެ. ކުއްލިއަކަށް ކޮޓަރީގެ ހުރިހާ ހޮޅިބުރިއެއް ދިއްލުމުން ލޮލަށް އެޅިގެން ދިޔަ ގަދަ އައްޔާއެކު ފާޒިލް ނިދިން ހޭލައްވައިލިއެވެ. ނިދިބަރުކާފައިވާ ދެލޯ ހުޅުވާލަން އިރުކޮޅެއް ވިޔަސް ދެވަނަ ސިކުންތުގައި ދެލޯ ހުޅުވަން މަޖުބޫރުވީ ކޮޓަރީގެ ތަޅުދަނޑި ތަޅުވަޅަށް ޖަހައި އަނބުރައިލި އަޑަށެވެ. ކުއްލިއަކަށް ފާޒިލްގެ ސިކުނޑި އޭގެ އެންމެ ހަލުވި ދުވެލީގައި މަސައްކަތްކުރަން ފެށިއެވެ.

ފާޒިލްއަށް ފެނުނީ ކުރީދުވަހު އައިޝާ ހަވާލުކުރި އަންހެންކުއްޖާއެވެ. މި އޮތީ ފާޒިލް ބޭނުންވި ފުރުސަތު ލިބިފައިކަން ފާޒިލްގެ ސިކުނޑިން އަންގައިދިނެވެ. އެނދުން ފުންމައިލެވުނީކަމެއް ނުވަތަ ދުއްވައިގަނެވުނީކަމެއް ވެސް ފާޒިލްއަކަށް ނޭނގުނެވެ. ހިފެހެއްޓުނީ އެ އަންހެންކުއްޖާގެ ދެ އަތުގައެވެ.

"އެ... އޭތް ...ދޫކޮށްލާ... ދޫކޮށްލާ!" ގާތްގަނޑަކަށް ނަވާރަށް ހަޅެއްލަވައިގަނެވުނެވެ.

"މަޑުކޮށްބަލަ! ކޮބާ އައިޝާ... ކޮބާ އައިޝާ. އަހަރެންގެ ދަރިފުޅު ކޮބާ!" ފާޒިލް ހީވަނީ ލަސްވެގެން އުޅޭހެންނެވެ.

"އެއީ ކަލޭގެ ދަރިއެއް ނޫން! އެހެންނޫނަސް ދޫކޮށްލާށޭނު މިބުނީ!" ނަވާރު ހުރީ ހާސްވެ ކަންބޮޑުވެފައެވެ. އެކަން އޭނަގެ މޫނުމަތީން މާރީތިކޮށްވެސް ފާޒިލްއަށް ފެންނަން ހުއްޓެވެ.

"ކޮބާހޭ އައިޝާ!" ތަންކޮޅެއް ހަރުކަށި އަޑަކުން އަޑުބާރުކޮށް ފާޒިލްއަށް ބުނެވުނެވެ.

ނަވާރު ގަތްބިރު އިހުނަށްވުރެ ބޮޑެވެ. ހިތަށް އެރިއެވެ. މިފެންނަނީ މީނަގެ އަސްލު ސިފައެވެ. ދެން އަރައިގަންނާނީ އަހަރެންގެ ގަޔަށް ބޮލަށެވެ. އެކަމަކު ގޮތްދޫކުރަންވީ ކީއްވެހެއްޔެވެ! އަދި މިވަރަކުން ދުލެއް ނުކުރާނަމެވެ.

"ކޮން އައިޝާއެއްހޭ! ދޫކުރޭ! މަގޭ އަތުން ދޫކުރޭ!" ކިތަންމެ ހިތްވަރުކުރިއަސް އެ ބާރުގަދަ ދެއަތުން ވީއްލިގަނެވޭހާ ބާރެއް ނަވާރުގެ ގަޔަކު ނެތެވެ.

"ކާމް ޑަވުން! ގާލް! އަހަރެމެނަށް ހަމަޖެހިގެން ވާހަކަ ދެއްކިދާނެނު!" މިފަހަރު ކުރީފަހަރާ ޚިލާފަށް ފާޒިލްގެ އަޑު މަޑެވެ. އެހެންވިޔަސް ނަވާރު ހުރީ ދޫކުރާގޮތަކަށް ނޫނެވެ.

"ކަލެއާ މަށާ ދެމެދު ދައްކާނެ ވާހަކައެއް ނޯންނާނެ!"

"އެ ކީއްވެ! ތިކުއްޖާއަށް މާރީތިކޮށް ވެސް ފެންނާނެ އެ ދުވަހުގެ އެމަންޒަރު!" މިފަހަރު ފާޒިލްގެ އަޑުގައިވަނީ ވިސްނައިދޭ ރާގެވެ.

"އެދުވަހުވެސް ބުނިން އަހަންނަކީ ކުށްވެރިއެއް ނޫނޭ! އެ ދުވަހު އެ ބުނި ގޮތަށް އަދިވެސް ބުނެވޭނީ!.... ގަބޫލުކުރޭ! އަހަންނަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާހާ ގޯސް މީހެއްނޫން! އަދި ނުފުދިހުރި މީހެއްވެސް ނޫން! .. ޕްލީސް، ގަބޫލުކުރޭ! އައިޝާއަށްޓަކައި ނަމަވެސް!" ފާޒިލްގެ އަޑަށް މަޑުމޮޅިކަން ވެރިވުމުން ފުރަތަމަ ފަހަރަށް ނަވާރަށް ބަލައިލެވުނެވެ. އެކަމަކު ދެވަނަ ފަހަރު އިސްޖަހައިލިއެވެ. އެއީ ރީތިހަށެއްގެ ވެރިއެކެވެ. އޮމާންކޮށްފައިވާ މޭމަތިން ކޮންމެވެސް ވަރަކަށް އިސްތަށި ފެޅުމުގެ އަސަރު ފާޅުވާން ހުއްޓެވެ. އެ ބަނޑުގައި އެންމެ ލޮކިމަސްކޮޅެއް ވެސް ނެތެވެ. އެހާމެ ބައްޓަން ފުރިހަމައެވެ. އެ ދެލޮލުން ނަވާރަށް ފެނުނީ އާދޭހެވެ. ގޮތްހުސްވެފައިވާ މިންވަރެވެ. ނަވާރުގެ ފަރާތުން އެހީއެއް އެދި ހުރި މިންވަރެވެ.

"އަހަރެން އަތުން ދޫކޮށްލާ!" ނަވާރުގެ އަޑު މަޑުވެ ކިޔަމަންތެރިކަން ފާޅުވުމުން ފާޒިލް ވެސް ދެކޮޅުވެރިކަމެއްނެތި މިފަހަރު ނަވާރުގެ ދެއަތް މިނިވަން ކޮށްދިނެވެ. އެހެންނަމަވެސް ގޮސް ކޮޓަރީގެ ދޮރުފަތުގައި ބުރަކަށިޖައްސައިގެން އެއްފައި ދޮރުފަތުގައި ވިއްދާލައިގެން ހުއްޓިހުރެއްޖެއެވެ.

އެ ހުރިތާ ހުރިގޮތަށް ނަވާރު އިރުކޮޅަކު ހުއްޓެވެ. ދެން ތިރިއަށް ދެއަތް އެލުވާލައިގެން ގޮސް ބަސްއަހާ ކުޑަކުއްޖަކު ފަދައިން އެނދުގައި އިށީނދެއްޖެއެވެ. ދެންމެ ފާޒިލް ތެދުވެގެން ދުވެ އައި އެނދުގައެވެ.

ނަވާރަށް ބަލަަހައްޓައިގެން އިރުކޮޅަކު ފާޒިލް ހުއްޓެވެ. ދެން ހިނގާލާފައި އައިސް ހަމަ އެ އެނދުގައި އިށީނދެއްޖެއެވެ. އެކަމަކު ނަވާރާ ވީ އެންމެ ދުރެއްގައެވެ. އެ އަންހެންކުއްޖާއަށް ފާޒިލްގެ ފަރާތުން އެއްްވެސް ނުރައްކަލެއް ނެތްކަން ޔަގީންކޮށްދޭން ފާޒިލް ބޭނުމެވެ.

ދެމީހުންކުރެ އެކަކުވެސް އެއްވެސް ވާހަކައެއް ނުދައްކާ ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ނަވާރު ބަލައިލީ ފާޒިލްއަށެވެ.

"އެދުވަހު ވެސް ބުނި ފަދައިން އަހަންނަކީ ފާޒިލް! އަދި އަހަންނަކީ ކުށްކުރަމުން ކުށަށް އަރަމުން ދުވާމީހެއް ނޫން! މިއީ ހައްޤު ތެދު!" ފާޒިލް ބޭނުންވީ އަނެއްކާ ވެސް އޭނައަކީ ކުށްވެރިއެއް ނޫންކަން އެ އަންހެންކުއްޖާއަށް ޔަގީންކޮށްދިނުމަށެވެ. ނަވާރު ދެވަނަ ފަހަރަށްވެސް ފާޒިލްއާ ވީފަރާތަށް މޫނު އަނބުރައިލިއެވެ. މިފަހަރު އެ މޫނަކަށް ނުބަލައެވެ. ކަޅި ހުއްޓައިލީ އުނގުމަތީ ބާއްވާލައިގެން އިން ފާޒިލްގެ އަތާހަމާގައެވެ.

"އަހަންނަށް ލަސްވޭ!" މަޑުމައިތިރި އަޑެެކެވެ.

"ފޮނުވައިދޭނަން ވީ އެންމެ އަވަހަކަށް! އޭެގެ ކުރިން އަހަރެން އެންމެ އޮޅުންފިލުވަން ބޭނުމީ އަހަރެންގެ ދަރިފުޅު ވީތަނެއް!" ފާޒިލް ގާތްގަނޑަކަށް އާދޭސްކުރަނީއެވެ.

"އައިޝާ ހުރީ އަހަރެންގެ ބެލެހެއްޓުމުގެ ދަށުގައި!" ކޮންމެވެސް އެއް ދުވަހަކުން މި ވަގުތު އަންނާނެކަން ޔަގީން ވާތީ ނަވާރު ތެދަށް ޖަވާބުދިނެވެ.

ފުންމައިގެން އައިސް ފާޒިލްއަށް ހިފުނީ ނަވާރުގެ ދެއަތުގައެވެ. އުފަލުންނެވެ.

"އަހަރެންގެ ދަރިފުޅު ރުއިތަ! އަހަރެން ނައިސްގެން ދެރަވަގެން އުޅުނުތަ! އައިޝާ ހުރީ ރަނގަޅަށް ކައިގެންތަ!" އެއްފަހަރާ އެތައް ސުވާލެއް އެ ދެތުންފަތުގެ ތެރެއިން ނިކުމެގެން އައެވެ. އެވަގުތު ނަވާރު އިނީ ފާޒިލް ހިފަހައްޓައިގެން އިން އޭނަގެ ދެއަތަށް ނަޒަރު ހުއްޓާލައިގެންނެވެ.

"ނުއެއް ރޮއޭ! ރަނގަޅަށް ކައިގެން ހުރީ!" ފާޒިލްގެ އަތަށް ބަލަހައްޓައިގެން އިނދެ ނަވާރަށް ބުނެވުނެވެ.

"ދެން އަހަރެން ދިޔަދީ!" ތެދުވަން އުޅެމުން ނަވާރު ބުނެލިއެވެ.

"އަދި އެއް ކަމެއް ސާފުކޮށްދީ!" ތެޅިގެންފައި ފާޒިލްއަށް ބުނެވުނެވެ.

ކޮޅަށް ތެދުވެ ހިނގައިގަންނަން ތައްޔާރުވި ނަވާރުގެ ހަރަކާތަށް ހުއްޓުމެއް އައެވެ.

"އަހަރެންގެ ކުށެއް ނެތްކަން ސާބިތު ކޮށްދީ!"

ނަވާރު ބަލައިލީ ފާޒިލްގެ މޫނަށެވެ! ކިހިނެއްހޭ އެހިކަލައެވެ.

އެއްވެސް ޖަވާބެއްނުދީ ނަވާރު ހިނގައިގަތެވެ. އެހަރަކާތުގައި ވަނީ ފަރުވާ ކުޑަގޮތެވެ.

އަދި މިހެން މި އަންހެންކުއްޖާ ގޮތް ދޫނުކުރާނެކަން އެނގުމުން އަނެއްކާވެސް ފާޒިލް ހިފީ ނަވާރުގެ އަތުގައެވެ.

"އޯކޭ، އުމުރުދުވަހުވެސް އަހަރެން ޖަލުގަ އޮވެދާނަން! އަހަރެންގެ ދަރިފުޅު އަހަންނާ ހަވާލުކުރޭ!"

ދެއަތް ފޮޅުވާލާފައި ދާން ހިނގައިގަންނަމުން ނަވާރު ކިޔައިދިނީ ފޯނު ނަމްބަރެކެވެ. އެކަމަކު ޝަރުޠެއް ކުރަމުންނެވެ.

"މާދަމާ ހެނދުނުން ގުޅާ! އޭގެ ކުރިން ގުޅިއަސް ޖަވާބެއް ނުލިބޭނެ!" ދޮރުހުޅުވާލާފައި ނަވާރު ނިކުމެގެން ދިޔައިރުވެސް ފާޒިލް ހުރީ ހަރަކާތް ހުއްޓިފައެވެ. މިއީ ކޮންކަހަލަ އަންހެން ކުއްޖެއް ބާވައެވެ. އަހަންނަކީ ވެސް ހާދަ ފިނޑި މީހެކެވެ.

ފާޒިލް ދުއްވައިގަތެވެ. އެކަމަކު އޭރު ލިފްޓް ދަތުރު ފަށައިފިއެވެ. އަނބުރާ ދުވެގޮސް ފާޒިލްވަނީ ކޮޓަރިއަށެވެ. ފޯނުނަގައި ހުޅުވައިލަމުން ނަވާރު ނިކުންނާނެ އިރަކަށް އިންތިޒާރުގައި މަޑުކޮށްލިއެވެ.

ބޭރަށް ނިކުތް ނަވާރު އެރީ މަގުގެ އަނެއް ފަރާތަށެވެ. އެއީ ކާރަށް އަރަން ފަސޭހަ ވާނީ އޭރުން ކަމަށް ވާތިއެވެ. ވަގުތުގެ ބޭނުންކޮށް ފާޒިލް ދެތިންގަނޑު ފޮޓޯ ނަގައިފިއެވެ. އަދި ނަވާރު މަޑުކުރި ޓެކްސީގެ ނަމްބަރުވެސް ވަރަށް ހާލަކުން ހިތުގައި ނޯޓްކޮށްލިއެވެ. ދެން ގުޅައިގެން ބެލީ އެ ނަމްބަރުގެ ޓެކްސީ ދުއްވަނީ ކޮން ޓެކްސީ ސެންޓަރަކުންތޯއެވެ. ނަސީބުކަންދިމާކުރިގޮތުން ރައްޓެއްސަކު ޑިއުޓީގައި އިން ސެންޓަރެއްގެ ކާރަކަށް އެ ކާރު ވުމުން ފާޒިލްއަށް އެ ކާރު މަޑުކުރީ އައިޖީއެމްއެޗަށްކަން ޔަގީން ވެއްޖެއެވެ.

އެ ހިސާބުން ފާޒިލްގެ ހިތް ތެޅިލިއެވެ. އަނެއްކާ އައިޝާއަށް ކަމެއް ވީބާވައެވެ. އައިޝާ ބަލިވީ ބާވައެވެ. އެހެންކަމަށްވަންޏާ އެ އަންހެންކުއްޖާ އެހެން ނުބުނީ ކީއްވެބާވައެވެ.

ފާޒިލް ނިކުތެވެ. އެރީ ޓެކްސީއަށެވެ. ހޮސްޕިޓަލަށް ވަދެ އައިޝާގެ މައުލުމާތު ލިބުމުން އެންމެ ފަސޭހައިން އައިޝާވީ ހިސާބަކަށް ދެވޭނެ މަގު ހޯދިއެވެ. އެތައް ސުވާލަކަށް ޖަވާބު ދޭން ޖެހުނަސް ބޭނުންވި މަގު ސާފުވުމުން ހިތަށް ލިބުނީ ހަމަޖެހުމެކެވެ. ދެން މަޑުކުރީ ތަންކޮޅެއް ލަސްކޮށްލުމަށެވެ. އެ ވޯޑުގެ ކުރިމަތީގައެެވެ. ގަޑިން ގާތްގަނޑަކަށް ބާރަ ޖެހުމުން ނަވާރު އެ ވޯޑުން ނިކުތްތަން ފާޒިލްއަށް ފެނުނެވެ. ހީވާގޮތުން ނަވާރު ދިޔައީ ކެންޓީނަށެވެ.

ފާޒިލް ތެދުވެގެން ކުރިއަށް ހިނގައިގަތެވެ. އެމަރޖެންސީ ވޯޑްގެ އަރިމަތީހުރި ފުލުސްކުއްޖާ ކައިރީ އެދުމުން މާބޮޑުކަމަކަށް ނަހަދާ ފާޒިލްއަށް އެތެރެއަށް ވަނުމުގެ ހުއްދަ ދިނެވެ. ދެތިން ދިމާލަކަށް ނަޒަރު ހިންގައިލިފަހުން އައިޝާ ތަންކޮޅެއް ދުރުން ފާޒިލްއަށް ފާހަގަކުރެވުނުވެ. އައިޝާފެނުމުން ފާޒިލްއަކަށް ކެތެއް ނުކުރެވުނެވެ. ދުއްވައި ނުގަނެވުނީކިރިޔާއެވެ. އެހެންނަމަވެސް ހަމަޖެހިލަމުން ފާޒިލް ކުރިއަށް ހިނގައިގަތެވެ.

-ނުނިމޭ-