7 ވަނަ ބައި

އައިޝާފެނުމުން ފާޒިލްއަކަށް ކެތެއް ނުކުރެވުނެވެ. ދުއްވައި ނުގަނެވުނީކިރިޔާއެވެ. އެހެންނަމަވެސް ހަމަޖެހިލަމުން ފާޒިލް ކުރިއަށް ހިނގައިގަތެވެ.

މާގަދައަށް ހުންއައުމުން ކަމަށް ވެދާނެއެވެ. އައިޝާ ފެނުނީ މިލާ މޯޅިވެފައިވާ ތަނެވެ. މޫނުކޮޅު ހުރީ ފިޔާތޮށިކުލައަކަށް ބަދަލުވެފައެވެ. ދެލޯ އޮތީ މެރިފައެވެ. ފާޒިލް ގުދުވެ އައިޝާގެ ނިތްކުރީގައި ކަނާތުގެ ނުފުށް ޖައްސައިލިއެވެ. ހުން މިހާރު މަޑުހެން ހީވެއެވެ. ދެން ހިންދެމިލާ ތެދުވެ ހަމަޖެހިލިއެވެ. އައިޝާ އަކީ ބަލިވެއްޖިއްޔާ ބައްޔަށް ވަރަށް ބަލިކުއްޖެކެވެ. ފާޒިލް ނެތީސް އައިޝާ ބަލިވުމުން އެކަމާ ޔަގީނުންވެސް އައިޝާ ވިސްނާނެއެވެ. ފަހަރެއްގައި ބަލިވީ ފާޒިލްއާ މެދު އެ ކުއްޖާ މާބޮޑަށް ވިސްނީމައި ކަމަށް ވެސް ވެދާނެއެވެ. ފާޒިލްއާ ނުލާ އައިޝާ އުޅޭނެ ހާލު ހިތަށް އެރުމުން ފާޒިލްގެ ދެލޮލުން ކަރުނަ ނީރައިލިއެވެ. ދެއަތުން މަޑުމަޑުން ދެލޯ ފޮހެލަމުން ގުދުވެ އައިޝާގެ ނިތުގައި ބޮސްދެވުނެވެ. އަދި އައިޝާގެ ދެއަތްތިލަ ނަގާ ފާޒިލްގެ އަތުގެ ތެރެއަށް ލައި މަޑުމަޑުން ފިރުމަން ފެށުނެވެ.

އައިޝާ ލޯހުޅުވައިލީ ފާޒިލް އައިޝާގެ އަތުގައި ފިރުމަން ފެށުމުންނެވެ. މަޑުމަޑުން ދެލޯ ހުޅުވައިލި އައިޝާއަށް އެއީ އޭނަގެ ބައްޕަކަން ޔަގީން ވުމުން ފުރަތަމަ ހީނލިއެވެ.

"ޑެޑީ!" ވަރު ދެރައަޑަކުން އައިޝާ ގޮވައިލިއެވެ. ދެވަނަ ސިކުންތުގައި އެ ކުޑަކުޑަ ދެއަތްތިލަ ގެންގޮސް އެ އައިޝާގެ މޫނުކޮޅުގައި އަޅާ ބާރުކޮށްލިއެވެ. އަދި މަޑުމަޑުން ރޯންފެށިއެވެ. ފާޒިލްއަށް ހީވީ އޭނަގެ މޭ ތޮރުފާލާފައި އައިޝާގެ ލޮލުން ފޭބި ކަރުނަތައް އޭނަގެ މޭގެ ތެރެއަށް ފޭދިގެން ދިޔަހެންނެވެ. ހިތްވަރުކުރަން ބޭނުންވިޔަސް އަނެއްކާވެސް ފާޒިލްގެ ލޯ ތެމިގެންއައެވެ.

ފާޒިލް ގުދުވީ އަނެއްކާވެސް އައިޝާގެ އެނދާ ދިމާއަށެވެ. އަދި މަޑުމަޑުން އައިޝާ ނަގާ އެނދުގެ މެދުގައި ބައިންދަމުން ފާޒިލްގެ މެޔާލާ އެކުޑަކުޑަކުއްޖާ ބޮނޑިކޮށްލިއެވެ.

"ޑެޑީއަށް މަޢާފްކުރޭ! ޑެޑީ ވަރަށް ލޯބިވޭ އައިޝާ ދެކެ! ތީ ހަމަ އެކަނި ޑެޑީގެ ކުއްޖެއްނު...ޑެޑީގެ ހިތްވަރުގަދަ އައިޝާނު! ދޯ!..." ފާޒިލް ވާހަކަދެއްކީ ހިތުގެ އަޑިންނެވެ.

"ޑެޑީ ދެން ދުވަހަކުވެސް އައިޝާ ދޫކޮށްފަކަ ނުދާނަން!... އައިޝާ އަބަދުވެސް ހުންނާނީ ޑެޑީ ކައިރީގައި! އޯކޭނު ދޯ!"

އެ ހިތަށް ކޮށްފައިވާ އަސަރު އެއީ އަސްލު ބައްޕައެއްްގެ ވެސް ހިތަށް ކުރާނެ ފަދަ އަސަރެކެވެ. ފާޒިލް ވާހަކަ ދައްކަމުން އައިޝާގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އެމަންޒަރު ދުރުން ބަލަމުން ދިޔަ ކިތަންމެ ބަޔެއްގެ ދެލޮލުންވެސް ކަރުނަ އައެވެ.

ފާޒިލް ހީކުރިގޮތަށް ނަވާރު ދިޔައީ ކެންޓިނަކަށް ނޫނެވެ. އައިޝާ އެއްވެސް އެއްޗެއް ނުކާތީ ޗިޕްސް އެއީ ކުޑަކުދިން މާ ކާހިތުން އުޅޭ އެއްޗަކަށް ވާތީ ޗިޕްސް ދަޅެއް ގަތުމަށެވެ. ނަވާރު ނެތީސް އައިޝާ ހޭލަފާނެތީ ނަވާރު އައީ ވެސް ވަރަށް ބާރަށް ހިނގާފައެވެ. އެހެންނަމަވެސް ނަވާރަށް ފާޒިލް ފެނުމުގެ ކުރިން އެ އެނދާ ދިމާއަށް މާވަރަކަށް އެހެން އެނދުތަކުގެ ކައިރީ ތިބިމީހުން ބަލާތީ ނަވާރަށް ވެސް މާދުރުން އެދިމާއަށް ބަލައިލެވުނެވެ. އެވަގުތު ނަވާރަށް ލިބުނީ ސިހުމެކެވެ. ފާޒިލްގެ ފަރާތުން ފެންނަމުން ދިޔަ ކަންކަން އެއީ ނަވާރަށް ވެސް ވަރަށް އަސަރުކުރުވި ކަމަކަށް ވިއެވެ. ހިނގުން މަޑުކޮށްލާ ތަންކޮޅެއް ހަމަޖެހިލަމުން ނަވާރު އައިސް ހުއްޓުނީ ފިޔަވަޅުގެ އަޑު ނީވޭހާ މަޑުން ފާޒިލްގެ ފުރަގަހަށެވެ. މިވަގުތު އެހެން މީހުންގެ ކަޅިމައްޗަށް ވެސް ނަވާރުގެ ސަމާލުކަން ބަހައްޓަން އެބަ ޖެހެއެވެ.

ހިތްހަމަ ޖެހޭވަރަށް އައިޝާ ގައިގާ ބޮސްދެވުނީމައި އަދި ވާހަކަ ވެސް ދެއްކުނީމާ ފާޒިލް އުޅުނީ އައިޝާ އެނދުގައި ރީތިކޮށް ބޭއްވުމަށެވެ.

"އައިޝާ، ހިނގަ އޮށޯންނަން ދޯ! ކޮއްކޮ މިހާރު ދެން އަވަހަށް ރަނގަޅުވޭ! އޭރުން ގެއަށް ދެވޭނީ ވެސް!" ލޯބިން އައިޝާގެ ބޮލުގައި ފިރުމާލަމުން އަނެއްކާވެސް ފާޒިލް ބުންޏެވެ. އައިޝާ އެނދުގައި ބޭއްވުމަށްފަހު ދެންވެސް އައިޝާގެ އަތްތިލައިން ފާޒިލް ދޫކޮށެއް ނުލިއެވެ. އެއް ފަރާތުގައި ހުރި ގޮނޑި އެނދާ ކައިރިކުރަން ހިފައިލި ވަގުތު ކައިރީގައި އެހެން މީހެއް ހުރިކަމުގެ އިހުސާސްވުމުން ފާޒިލް އެފަރާތަކަށް އެނބުރިލިއެވެ. އެވަގުތު ދާދިކައިރީގައި ހުރި ނަވާރުގެ ކޮނޑުގައި ފާޒިލްގެ މޭމަތި ބީހިލިއެވެ. ނަވާރު ކުޑަކޮށް ދުރަށް ޖެހިލިއެވެ.

"ކީއްވެ އަހަރެންގެ އައިޝާ ބަލި ވާހަކަ ފުރަތަމަ ވެސް އަހަރެން ގާތު ނުބުނީ! ކޮން އިރަކު އައިޝާ ބަލިވީ!" އެއީ ރުޅިއާ ހިތްހަމަ ނުޖެހުމުން ފުރިފައިވާ އަޑެެކެވެ. އެހެންވިޔަސް އަޑުމަޑެވެ. ފަހަރެއްގައި ކައިރީގައި ތިބި މީހުންނަށް އިވިދާނެތީ ފާޒިލް ވެސް ވިސްނީއެވެ.

"މިއަދު މެންދުރު ބަލިވީ!" ހަމަ އެހާ މަޑުން ނަވާރު ޖަވާބު ދިނެވެ. މިފަހަރު އެއަޑުން ފާޒިލްއަށް މަޑުމައިތިރިކަން ފާހަގަ ކުރެވުނެވެ.

"ކޮން އިރަކު ޑޮކްޓަރަށް ގެނައީ!" އަނެއްކާވެސް ފާޒިލްގެ ސުވާލަށް ޖަވާބުދޭން ނަވާރަށް މަޖުބޫރެވެ. ނަވާރަކީ އައިޝާއާ އެއްވެސް ހައިސިއްޔަތަކުން ގުޅުމެއް އޮތް މީހެއްނޫންކަން ފުރަތަމަ ފަހަރަށް އިހުސާސްކުރެވުނެވެ.

"މިރޭ!"

"މިރެއޭ! ކީއްވެ އަހަރެންގެ އައިޝާ އެހާ ބަލިވަންދެން ގޭގަ ބޭއްވީ!" އަނެއްކާވެސް ރުޅިވެރިއަޑެކެވެ.

"ފުރަތަމަ ބެލީ ގޭގައި ފަރުވާ ދީގެން ހުންމަޑުވޭތޯ! ރަނގަޅު ނުވީމަ ... އަނެއްހެން ލަހެއް ވެސް ނޫން!" "އެހެންތަ ތީ ޑޮކްޓަރެއްތަ... ގޭގައި ފަރުވާ ދިނީޔޭ!" ހަގީގަތުގައި ވެސް ފާޒިލް ހުރީ މާބޮޑަށް ވެސް ރުޅިގަދަވެފައެވެ.

މިފަހަރު ޖަވާބު ދޭން އުޅެފަ ވެސް ނަވާރު އަނގައަކުން ނުބުންޏެވެ.

"ކޮބާ އައިޝާގެ ބޭސްތައް!" ހަމަ ޖެހިލަމުން އިރުކޮޅަކުން ނަވާރާ ދިމާއަށް ބަލައިލަމުން ފާޒިލް ސުވާލުކޮށްލިއެވެ. ފާޒިލްގެ ސުވާލަށް އަނގައިން ބުނުމުގެ ބަދަލުގައި ނަވާރު ހިނގައިގަތީ އައިޝާ އޮތް އެނދުގެ އަނެއްފަރާތަށެވެ. އެވަގުތު ނަރުސްކުއްޖަކު އައިޝާއަށް ދިނުމަށް ބޭސް ހިފައިގެން އަންނަތަން ނަވާރަށް ފެނިއްޖެއެވެ.

"ޑޮކްޓަރ ނަވާރު، މިހާރު އައިޝާގެ ހުންވިހެލައިފި ދެއްތޯ! އެހެންވީމާ ހީވާގޮތުން ޑޮކްޓަރ ބައްލަވާފަ މިރޭ ޕޭޝެންޓް ދޫކޮށްލާނެ! އެކަމަކު މިވަގުތު މި ބޭސްކޮޅު ދީ!" ނަރުސްކުއްޖާ ނަވާރުއަތަށް ބޭސްއެޅި ތަށިކޮޅު ދީފައި ހިނގައިގަތެވެ. ނަރުސްކުއްޖާގެ ވާހަކަ އަޑު އިވުނީއްސުރެ ފާޒިލް ހުރީ ނޭވާލާން ވެސް ހަނދާން ނެތިފައެވެ.

ނަވާރު ބޭސް ހިފައިގެން އައިޝާ އޮތް އެނދާ އިތުރަށް ކައިރިއަށް ޖެހިލަމުން ފާޒިލްއަށް ބަލާލާ ހިނިތުންވެލިއެވެ. އެއީ ފަތަހައިގެ ހިނިތުން ވުމެކޭ ފާޒިލްގެ ހިތަށް އެރިއެވެ. އެހެންވީމާ އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެ ނަވާރުގެ އަމުރެއްގެ އިންތިޒާރުގައި މަޑުކޮށްލިއެވެ.

އައިޝާއަށް ނަވާރު ގޮވަން ފެށުމުން ފާޒިލް ކުރިއަށްޖެހިލާ އައިޝާ އެނދުން ނެގޭތޯ އުޅެގަތެވެ. އެންމެ ފަހުން އައިޝާ ލޯހުޅުވައިލުމުން ބޭސް ދިނުމުގައި ނަވާރާ އެހީތެރިވެދިނެވެ.

އައިޝާއަށް ބޭސްދީ ނިންމާލުމަށްފަހު ނަވާރު ހަމަޖެހިލިއެވެ. ހިންދެމިލާ ތެދުވެލިއެވެ. އަދި ފާޒިލްއަށް ހީނލިއެވެ. ފާޒިލް އިސްޖަހައިލިއެވެ.

"ލުކް! އަހަރެން ބޭނުން.... މިބުނީ ދެން ނަވާރު ގެއަށް ދިއަޔަސް އޯކޭއޭ! އަހަރެންގެ ދަރިފުޅަށް ތި ދިން އަޅާލުމާ ތި ބެހެއްޓި ފަރުވާތެރިކަމާ ކޮށްދިން ހުރިހާކަމަކަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!... އަގެއް ބޭނުމިއްޔާ އެ އަގެއް ދެވިދާނެ!... އަހަންނަށް ރަނގަޅީ ވެސް އެ ގޮތް!" ފާޒިލް އިސްއުފުލައިލާ ނަވާރަށް ބަލައިލިއެވެ. އެ އަޑުގައިވަނީ އާދަޔާ ޚިލާފު މަޑުމައިތިރިކަމެކެވެ.

"އައިޝާ އަހަންނާ ހަވާލުކުރިއިރު އަގެއްގެ ވާހަކަ ދެއްކިންތަ!" ނަވާރު ހުރީ ފާޒިލް ދެއްކި ވާހަކައަށް ހިތްހަމަ ނުޖެހިފައެވެ.

"ނަވާ!" ފާޒިލް ކަރުކެހިލިއެވެ. އެ އަޑު އިވުމުން ނަވާރުގެ މޫނުމަތިން ފެނުނު ކުލަވަރުންނެވެ.

"މި ބުނީ... ނަވާރަށް ރަނގަޅަށް އެނގޭނެ އެ ދުވަހު ކަންތައްވީ އެއް ވެސް ވާހަކައެއް ދެއްކޭ ކަހަލަ ގޮތަކަށް ނޫންކަން!" ފާޒިލްއަށް ވާހަކަ ދެއްކުންވީ އުދަނގޫކަމަކަށެވެ.

"އަހަރެމެން ހަމަ ޖެހިލައިގެން ފަހުން ވާހަކަ ދައްކަމާ! ޕްލީޒް!" ނަވާރަށް އެ ވާހަކައާ ދެކޮޅު ހަދާކަށް ނުކެރުނެވެ. އެހެންވެ މަޑުމަޑުން ބޯ ޖަހައިލުމަށްފަހު ނަވާރުގެ އަތްދަބަސް ހިފައިގެން ބޭރަށް ނިކުންނަން ހިނގައިގަތެވެ.

"ނަމްބަރު ދެވިދާނެ؟" ދުރުވަމުން ދިޔަ ނަވާރުގެ ފިޔަވަޅަށް ހުއްޓުމެއް އައެވެ. އެހެންނަމަވެސް ފަސް އެނބުރި ބަލައިނުލާ ނަވާރު ދިޔައީއެވެ.

ފާޒިލްއަށް ކުރެވުނީ ވަރަށް ތަފާތު އިހުސާސެކެވެ. ކޮންކަހަލަ ގޮތް ދޫނުކުރާ ކުއްޖެއްހެއްޔެވެ! އެހެންވިޔަސް އޭނައާ ހަވާލުކުރި އަމާނާތް އޭނަ ރަނގަޅަށް ބަލަަހައްޓައިފިއެވެ. ވަރަށް ފުރިހަމައަށެެވެ. ހަމަޖެހިލައިގެން ފާޒިލް އިށިނީ ގޮނޑީގައެވެ. އެއަށްފަހު އަނެއްކާވެސް އައިޝާގެ ނިތުގައި އަތުގެ ނުފުށް ޖައްސައިލާ ޗެކްކޮށްލިއެވެ. ކުރިއަށްވުރެން ވެސް އައިޝާގެ ހުން މަޑުހެން ހީވެއެވެ.

ހީކުރިގޮތާ ޚިލާފަށް ޑޮކްޓަރ ހެނދުނު ދުރުވެފައި ވެސް އައިޝާ ގެއަށް ފޮނުވާލާކަށް ބޭނުމެއް ނުވިއެވެ. އަދި އިތުރު ބައެއް ޓެސްޓްތައް ހަދަން ބޭނުންވެލެއްވީއެވެ.

ހެނދުނު ނަވާރު އެނދުން ހިއްލައިލީ ނުވައެއް ޖަހަން އުޅެނިކޮށެވެ. ނަވާރު ނިންމީ ހެނދުނު ސައިބޮއެ ކަންތައް ކޮށްނިމިގެން އައިޝާ ދެކިލަން އެރޫމަށް ދިއުމަށެވެ. އެހެންވެ އެގާރަ ޖަހަންދެން މަޑުކުރުމަށްފަހު ނަވާރު ހިނގައިގަތީ ފާޒިލްގެ ކޮޓަރިއަށެވެ. ފަހަރެއްގައި ފާޒިލް ވެސް އެ ގަޑީގައި އޮންނާނީ ނިދާފައެވެ. އެހެންވިޔަސް އައިޝާގެ ހާލު ބަލައިލެވިދާނެއެވެ.

ފާޒިލްގެ ކޮޓަރީގައި ނަވާރު ޓަކި ދިނީ ވަރަށް މަޑުންނެވެ. ނިދަން ތިބިއްޔާ އުދަނގޫ ކުރާކަށް އަސްލު ނަވާރު ބޭނުމެއް ވެސް ނޫނެވެ. އެހާ ވަރުބަލިވެފައި ހުރިއިރު ވެސް އައިޝާޔާ ނުލާ ރޭގެ ނިިދި ވެސް ރަނގަޅަކަށް ނަވާރަކަށް ނުލިބުނެވެ. އިހުސާސްވަނީ ހަށިގަނޑުން ބައެއް މަދުކަމަށެވެ. ނިދިފައި އެތައް ފަހަރަކު ނަވާރަށް ހޭލެވުނެވެ. އައިޝާ ހަނދާންވާތީއެވެ. ހޮސްޕިޓަލުގެ ކަންކަން ރަނގަޅަށް ދާކަން ޔަގީން ނުވާތީއެވެ. އެހެންވިޔަސް ނަވާރުގެ އަތުގައި ފާޒިލްގެ ނަމްބަރ އޮތަސް ގުޅާކަށް ނަވާރު ބޭނުން ނުވީއެވެ.

ދެވަނަ ފަހަރު ވެސް ނަވާރު އެ ކޮޓަރީގައި ޓަކިދިނެވެ. ތަޅުދަނޑި ނެގީ އޭގެފަހުންނެވެ. ނަވާރަށް ލިބުނީ ހައިރާންކަމެކެވެ. ކޮޓަރި ހުރީ ހުހަށެވެ. ނަވާރަށް ބަލައިލެވުނީ ފާޒިލްގެ އެނދަށެވެ. ރޭގައި ފާޒިލް ނިދަން އޮތީ އެ އެނދުގައެވެ. އެ ކޮޓަރިން އެންމެ ފުރަތަމަ ދުވަހު ވެސް ނަވާރަށް ފާހަގަ ކުރެވުނު ތަރުތީބުކަމާ ސާފުކަން މިވަގުތުވެސް ނަވާރަށް ފާހަގަ ކުރެވުނެވެ. އެނދުގެ ބެޑްޝީޓްގައި އެންމެ ރުލެއްވެސް ނެތެވެ. ފާޒިލްގެ ގައިމަތީ އަޅާ ކަވަރު ވެސް އޮތީ ރީތިކޮށް ފަށްޖަހާލާ އެއްފަރާތުގައި ބާއްވާފައެވެ. މިއީ ފާޒިލްގެ ފަރާތުން ނަވާރަށް ފެނުނު ވަރަށް ކަމުދިޔަ ސިފައެކެވެ.

ކޮޓަރީގައި ފާޒިލް އަދި އައިޝާ ވެސް ނެތްކަން އެނގުމުން ދެންވެސް ފާޒިލްއަށް ގުޅާކަށް ނަވާރު ބޭނުމެއް ނުވިއެވެ. އެ ކޮޓަރީގެ ދޮރު ލައްޕާ ތަޅުލުމަށްފަހު ނަވާރު ނިކުތީ ބޭރަށެވެ. އެރީ ޓެކްސީއަކަށެވެ.

އައިޝާ ބާއްވާފައި އޮތް ވޯޑަށް ނަވާރު ވަދެގެން ދިޔައީ އެތާ އަދިވެސް އައިޝާ އޮތްކަން ޔަގީން ކުރުމަށްފަހުއެވެ. އައިޝާ ފެނުމުގެ ކުރިިިން އެނދުގެ މަގަތުގައި ބޯއަޅާލައިގެން އިން ފާޒިލް ނަވާރަށް ފެނިއްޖެއެވެ. ފާޒިލް އެ އިނީ ނިދިފައިކަން ނަވާރަށް ގާތްގަނޑަކަށް ޔަގީނެވެ. އެހެންކަމުން މަޑު ފިޔަވަޅުތަކެއްގައި ގޮސް ފާޒިލްގެ އެއްފަރާތުގައި މަޑުކޮށްލިއެވެ. ފުރަތަމަ އައިޝާއަށް ބަލައިލިއެވެ. އައިޝާ ވެސް އޮތީ ނިދިފައެވެ. ދެން ފާޒިލްއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. އެއީ ބުޅި ބޮލެއް ނޫނެވެ. ފަނެއްވެސް ނޫނެވެ. ފާޒިލްގެ ޓީޝާޓްގެ ކަރުން ނުފޮރުވިހުރި ފާޒިލްގެ ދޮން ކަނދުރާއަށް ނަވާރުގެ ސަމާލުކަން ހުއްޓައިލެވުނީ ގަސްތަކު ނޫނެވެ. ދެން މަޑުމަޑުން ފާޒިލްގެ ކޮނޑުގައި އިނގިލި ޖައްސައިލިއެވެ. އެވަރުން ފާޒިލް ހޭނުލެވުމުން ފާޒިލްގެ ނަމުން ގޮވައިލިއެވެ.

"ފާޒިލް!" ފާޒިލްއަށް ހީވީ ކޮންމެވެސް ގާތް މީހަކު ވަރަށް ލޯބިން އެނަން ކިޔައިލިހެންނެވެ. ދެވަނަ ފަހަރަކު ނަވާރު ގޮވައިލުމުގެ ކުރިން ފާޒިލް މަޑުމަޑުން ލޯހުޅުވައި ބަލައިލިއެވެ.

-ނުނިމޭ-