ޣައްޒާގެ އުތުރުގައި އޮންނަ ބެއިތް ލަހިޔާގައި އޮންނަ ގެއަކަށް ބުދަ ދުވަހު ފަތިހު އިސްރާއީލުގެ އަސްކަރިއްޔާއިން ދިން ވައިގެ ހަމަލާއެއްގައި 15 މީހަކު ޝަހީދުވެފައިވާކަން ކަށަވަރުވެއްޖެއެވެ. އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ވަފާ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހަމަލާ އަމާޒުކޮށްފައިވަނީ އަބޫ އަވާދު އާއިލާގެ ގެއަށެވެ. އަބޫ އައްވަދަކީ ފަލަސްތީނުގެ މަޝްހޫރު ސުލްހައިގެ އެކްޓިވިސްޓެއް އަދި ނޫސްވެރިއެކެވެ.

ފުރަތަމަ ރިޕޯޓުތަކުން އެނގުނު ގޮތުގައި ވައިގެ ހަމަލާއަށް ފަހު އެތައް ބަޔަކު ވަނީ އިމާރަތް ދަށުވެ، ފަޅުލެވިފައެވެ. އަލްޖަޒީރާގެ ފުޓޭޖްތަކުން ސިވިލް ޑިފެންސްގެ ޓީމުތައް ސަލާމަތްވި މީހުން އެތަނުން ނެރުމުގެ މަސައްކަތް ކުރަމުންދާ މަންޒަރާއި އަދި އާންމުންގެ ބައެއް މީހުން އެމީހުންގެ ފޯނު ބޭނުންކޮށްގެން ވަޅުލެވިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ މަންޒަރު ފެނިގެންދިޔައެވެ.

މީގެ އިތުރުން، އިއްޔެ އިސްރާއީލުގެ އަސްކަރިއްޔާއިން ވަނީ އިންސާނީ އެހީ ފޯރުކޮއްދޭ އުމުރުން 33 އަހަރުގެ ފިޒިއޮތެރަޕިސްޓް އަދި ތިން ކުދިންގެ ބައްޕަ، ފާދީ އަލް ވަދިޔާ ޝަހީދުކޮށްލާފައެވެ. މި ހާދިސާ ހިނގީ އޭނާ ކްލިނިކަށް ޑިއުޓީ އަދާކުރަން ދިޔަ މަގުމަތީގައެވެ. މި ހަމަލާގައި ތިން ކުޑަކުދިންނާ އެކު އިތުރު ފަސް މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ޑޮކްޓާސް ވިތައުޓް ބޯޑާސް (އެމްއެސްއެފް) އިން ވަނީ އެ ހަމަލާ ކުށްވެރިކޮށް ފަލަސްތީނުގެ ސިއްހީ ހިދުމަތްތެރިންނާއި އާންމުންނަށް އަމާޒުކޮށް ހިންގާ ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލަފައެވެ.

މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި އެމްއެސްއެފްގެ 6 މުވައްޒަފެއް އިސްރާއީލުން ވަނީ މަރާލާފައެވެ.