ރާއްޖެއިން ބޭރުގެ ފަރާތްތަކުން ނަގާފައިވާ ދަރަނިތައް ނުދެއްކޭނެ ކަމަށް ބަލައި އެމެރިކާގެ ކްރެޑިޓް ރޭޓިން އޭޖެންސީ, ފިޗުގެ ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ ޕްލަސް" އަށް ދަށްކޮށްފިއެވެ.

ފައިނޭސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވާގޮތުން ފިޗުން ރޭޓިން ދަށްކުރި މައިގަނޑު ސަބަބަކީ ބޭރުން ފައިނޭންސިން ކުރުމަށް އޮތް ދަތިތަކާ ދަރަނި ބޮޑުވުމާ ގުޅިގެންނެވެ. އަދި، ރާއްޖޭގެ ފޮރިން ރިޒާވް ބަލިކަށިވުމާއި ބޭރުގެ ދަރަނިތައް އިތުރުވުމަކީ ސަރުކާރަށް އެ ދަރަނިތައް އަދާކުރުމަށާއި، ޑޮލަރުގެ އަގު ހިފެހެއްޓުމަށް ވެސް ގޮންޖެހުންތައް ހުރި ކަމެއް ކަމަށް ފިޗްއުން ފާހަގަކުރިއެވެ.

ފިޗުން އިތުރަށް ބުނީ ދަރަނި މެނޭޖްކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް ތަންފީޒުކޮށްފިނަމަ މާލީ ހާލަތު ރަނގަޅުވެ، ފައިނޭންޝަލް ރޭޓިންގ މަތިވެގެންދާނެކަމަށެވެ. އަދި ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭއިރު ބޭރުން ފައިސާ ހޯދާ މިންވަރު މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު މި ސަރުކާރުން ކުރިއަށް އޮތްތާ ކުޑަ ކުރާނެ ކަމަށް ބެލެވޭ ކަމަށްވެސް އެ އޭޖެންސީން ބުންޔެވެ.

ރާއްޖެއިން އެކި ފަރާތްތަކަށް ދައްކަންޖެހޭ ދަރަނި ދެއްކުމުގައި އެއްވެސް ލަސްވުމެއް ނާންނާނެކަމުގެ ޔަގީންކަން އެބައޮތްކަމަށްވެސް ދިވެހި ސަރުކާރުން މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. ސަރުކާރުން ދަނީ ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަޒީރުންގެ މަޖިލީހުން މިދިޔަ އާދިއްތަ ދުވަހު މާލީ އިސްލާހީ އެޖެންޑާއެއް ފާސްކޮށްފައިވާއިރު، ފިޗްއިން މިކަން ފާހަގޮށް މިކަމުން ސަރުކާރުން ދަރަނި ތިރިކުރަން ކުރާ މަސައްކަތް ދައްކުވައިދޭކަމަށްވެސް ބުނެފައިވެއެވެ. މީގެ އިތުރުން ފިނޭންސް މިނިސްޓްރީން މިހާރު ވަނީ 2028 ވަނަ އަހަރާ ހަމައަށް އާމްދަނީ އިތުރު ކުރުމަށް އަޅާނެ ފިޔަވަޅުތަކުގެ ސްޓްރެޓެޖީއެއް އާންމުކޮށްފައެވެ. އޭގެ ތެރޭގައި ޖީއެސްޓީ ނެގުން ފުޅާކޮށް، އިމްޕޯޓް ޑިއުޓީ އާއި ޓެލެކޮމް ރޭޓަށް ބަދަލުތައް ގެނައުން ހިމަނައިފައިވެއެވެ.

މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހު ފިނޭންސް މިނިސްޓްރީން ވަނީ ސަރުކާރުން ޚަރަދުކުޑަކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ. އަދި އެ ފިޔަވަޅުތަކުގެ ސަބަބުން މިހާތަނަށް 2.5 ބިލިއަން ރުފިޔާ ސަލާމަތް ކުރެވިފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވިއެވެ.