ކައުންސިލް އޮން ފޮރިން ރިލޭޝަންސްގެ އިންޓަރެކްޓިވް ސެޝަނެއްގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފިއެވެ. މި ސެޝަންގައި ވަޒީރު ވަނީ ދިވެހި ސަރުކާރުން އިސްކަންދެއްވާ މުހިންމު ކަންތައްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެގޮތުން މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖެއިންކުރާ މަސައްކަތްތައް ހިއްސާކޮށްފައިވެއެވެ.

މިއީ ޚަރިޖީ ވަޒީރު އެމެރިކާއަށް މިމަހު 24 ވަނަ ދިވަހު ފެއްޓެވެ ރަސްމީ ދަތުރުފުޅުގައި ތާވަލްކުރެވިފައިވާ ބައްދަލިވުމެކެވެ.

މި ބައްދަލުވުމުގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު، ވޮޝިންޓަން ޑީސީގައި ތިއްބެވި ދިވެހިންނާ މިއަދު ބައްދަލުކުރައްވައި، ރަޙްމަތްތެރި ކަމުގެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގެން، އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް ޚާރިޖީ ޚިދުމަތްތައް ފޯރުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިއެވެ. އެމަނުކުފާނު ވަނީ އެމެރިކާގެ ކޮންގްރެސް މެމްބަރުންނާ އެކު ވެސް މުހިންމު ބައްދަލުވުންތަކެއް ބާއްވައިފައެވެ.

ކޮންގްރެސް ގެ މެމްބަރު އަމީ ބޭރާއާ އެކު ބޭއްވި މަޝްވަރާތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދެއްވީ ރާއްޖެ-އެމެރިކާ ގުޅުން ދެގައުމަށް ފައިދާވާނެގޮތަކަށް ބަދަހި ކުރުމާ ބެހޭގޮތުންނެވެ. މީގެ އިތުރުން ވަޒީރު ޒަމީރު ވަނީ ކޮންގްރެސް ގެ މެންބަރު މައިކަލް މެކްކައުލްއާ ބައްދަލުކުރައްވައި، ދެޤައުމުގެ މަސްލަހަތު ޙިއްޞާކުރައްވައި، މުސްތަޤްބަލުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތައް ބައްލަވާލައްވާފައެވެ.

ޚާރިޖީ ވަޒީރު ވަނީ ކޮންގްރެސްވުމަން ޔަންގް ކިމްއާ އެކުވެސް މަޝްވަރާކުރައްވައި، ކުރިއަށް އޮތްތާނގައި ރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އެއްމަސްލަޙަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު މިހާރުވަނީ ނިއުޔޯކަށް ވަޑައިގަންނަވާފައެވެ. ނިއު ޔޯކްގައި އދ.ގެ ސެކެޓްރީ ޖެނެރަލާއި، އދ.ގެ އިކޮނޮމިކް އަދި ސޯޝަލް އެފެއަރޒްގެ އަންޑަރ-ސެކެޓްރީ-ޖެނެރަލާ ވަޒީރު ބައްދަލުކުރައްވާނެއެވެ. އަދި ނިއުޔޯކާއި ނުއުޖާޒީގައި ދިރިއުޅޭ ދިވެހިންގެ އިތުރުން ނިއު ޔޯކްގައި އުޅޭ ޓުއަރ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.