ބައެއް ރަށްރަށަށް ޖަމާވެފައިވާ ކުނީގެ ތެރޭގައި ވެލީގެ ނިސްބަތް 60 އިންސައްތައަށް ވުރެ ގިނަކަމަށް ތިމާވެއްޓާ ބެހޭ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ އެހެން ކަމުން "ކުނިގޮނޑުތައް ސާފުކުރާއިރު ކުނި ފުރަތަމަ ފުރޭނުމުން އޭގެ ވޮލިއުމް ވަރަށް ބޮޑުތަން ކުޑަކުރެވޭ،" ކަމަށެވެ. "ފުރޭނުމަށްފަހު އެ ވެލި ރަށުގެ ބޭނުންތަކަށް ބޭނުންކުރެވޭ. ކުރަންޖެހޭ ހޭދަ އެތައް ގުނައެއް ކުޑަކުރެވޭ،" ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މިނިސްޓްރީން މިހެން ވިދާޅުވެފައިވަނީ ރަށްރަށުގައި އުފެދިފައިހުރި ޒަމާންވީ ކުނި ނައްތާލުމުގެ މަސައްކަތް ވެމްކޯއިން ކުރަމުން ދަނިކޮށްނެވެ. އެކިއުމިކޭޓަޑް ވޭސްޓް ކްލިއަރިންގެ ނަމުގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓުގެ ދަށުން އެ ކުންފުނިން ވަނީ މާލެ އަތޮޅު ގުރައިދޫ އާއި، ރާއްޖޭގެ އެންމެ ދެކުނުން ފުވައްމުލަކުގެ އިތުރުން ހދ.ކުޅުދުއްފުށީގައި އުފެދިފައިވާ ގިނަ ދުވަސްވީ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

ވެމްކޯއިން ބުނެފައި ވަނީ މިހާތަނަށް ހދ. ކުޅުދުއްފުށިން 400 ޓަނަށްވުރެ ގިނަ ކުނި ނަގާފައިވާ ކަމަށެވެ. އަދި އެ ކުނީގެ ތެރޭގައި ހުރި ބޭނުން ކުރެވޭ ދަގަނޑުގެ ބާވަތްތައް ސާފުކޮށް ނައްތާލުމަށް އެ ރަށަށް އިތުރު ވެސަލްއެއް ގެންދިއުމުގެ މަސައްކަތް ކުރިޔަށްގެންދާކަމަށް ވެމްކޯއިން ވަނީ ބުނެފަ އެވެ.

އަދި އެ ޕްރޮޖެކްޓުގެ ދަށުން، ކ. ގުރައިދޫގައި ހުރި އެ ފަދަ ކުނި ސާފު ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށާއި އެ ރަށުން 25،000 ޓަނުގެ ކުނި ނެގޭނެކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ވެމްކޯއިން ވަނީ ބުނެފަ އެވެ.