އީރާނުގައި ހުކުރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި، ހަމައެކަނި އިޞްލާޙީ ކެންޑިޑޭޓް މަސްއޫދު ޕެޒެޝްކިއަންއަށް ތާއީދުކުރުމަށް އީރާނުގެ ކުރީގެ ރައީސް ހަސަން ރޫހާނީ ގޮވާލައްވާފައެވެ.

ރޫހާނީ ވަނީ ބައިނަލްއަގްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ކުރިމަތިވެފައިވާ ހީނަރުކަން ކުޑަކުރުމަށް ޕެޒެޝްކިއަންގެ ގާބިލުކަން ހުރިކަމަށްބުނެ، އޭނާގެ "ތެދުވެރިކަމާއި ވަފާތެރިކަން" ފާހަގަކުރައްވާފައެވެ.

ޕެޒެޝްކިއަން އެންޑޯސް ކުރުމުގައި ރޫހާނީއާ އެކު، އެގައުމުގެ ކުރީގެ ރައީސް މުހައްމަދު ޚަތާމީ އާއި ކުރީގެ ޚާރިޖީ ވަޒީރު މުހައްމަދު ޖަވާދު ޒާރިފް ފަދަ ނުފޫޒުގަދަ އިސްލާހީ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ. ޚަތާމީ ސިފަކުރެއްވި ގޮތުގައި މި އިންތިޚާބަކީ އެގައުމުގެ މަސްލަހަތަށް ބަދަލު ގެނައުމަށް ވަރަށް މުހިންމު ދަނޑިވަޅެކެވެ.

އުމުރުން 69 އަހަރުގެ ހިތުގެ ސާޖަން އަދި ތަބްރީޒްގެ ތަޖުރިބާކާރު މަޖިލިސް މެންބަރު ޕެޒެޝްކިއަން އަކީ މުހައްމަދު ބަގޭރު ޣާލިބާފާއި ސައީދު ޖަލީލީއާ ވާދަކުރައްވާ މައިގަނޑު ތިން ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ނަމަވެސް ތަޖުރިބާކާރުން ލަފާކުރާ ގޮތުގައި ޕެޒެޝްކިއަންގެ ކެންޑިޑެސީ އަކީ އިންތިހާބުގެ ބައިވެރިވުން މަދުވެދާނެ ކަމުގެ ބިރު ހީވެފައި ވަނިކޮށް ވޯޓުލާ މީހުންގެ އަދަދު އިތުރުކުރުމުގެ ގޮތުން އެޅި ފިޔަވަޅަކަށް ވެދާނެއެވެ.

މި އިންތިޚާބަކީ މިދިޔަ މަހުގެ 19 ވަނަ ދުވަހު ހެލިކޮޕްޓަރު އެކްސިޑެންޓަކަށް ފަހު އީރާނުގެ ރައީސް އިބްރާހިމް ރައީސީ އަވަހާރަވުމާ ގުޅިގެން، ވެރިކަން ހުސްކޮން އިތުމުން އެކަން ފޫބެއްދުމަށް އަވަސް ވޯޓެއް ނެގުމަށް ބާއްވާ އިންތިޚާބެކެވެ.