ކޮޕާ އެމެރިކާގެ ގްރޫޕު "ބީ" ގައި މެކްސިކޯ އަތުން 1-0 އިން މޮޅުވެ ވެނެޒުއޭލާ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރު ކޮށްފިއެވެ.
އެމެރިކާގެ ސޯފައި ސްޓޭޑިއަމްގައި ކުޅެވިގެންދިޔަ މި މެޗުގައި ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތައް ދެ ޓީމަށް ވެސް ލިބިގެންދިޔަ ކަމުގައިވިއަސް އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ހިފިފައެއް ނުވެއެވެ.
މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ވެނެޒުއޭލާއިން ކާމިޔާބު ކުރީ ދެވަނަ ހާފުގެ 57 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން ސޮލޮމޮން ރޮންޑޮން ކާމިޔާބު ކުރި ލަނޑެކެވެ.
ވެނެޒުއޭލާއިން ލީޑު ނެގުމާއެކު ކުޅުން އިތުރަށް ރަނގަޅުކުރި މެކްސިކޯއަށް ވަނީ މެޗުގެ 85 ވަނަ މިނެޓުގައި ޕެނަލްޓީއެއް ލިބިފައެވެ. ނަމަވެސް މެކްސިކޯގެ އޯބެލިން ޕިނޭޑާ ފޮނުވާލި ޕެނަލްޓީ ވެނެޒުއޭލާގެ ގޯލްކީޕަރު ރަފައެލް ރޯމޯ ވަނީ މަތަކޮށްފައެވެ. މެޗުގެ ނަތީޖާ ހަމަހަމަކުރަން ލިބިގެންދިޔަ ރަނުގެ ފުރުސަތު ގެއްލުމާއެކު މެކްސިކޯއަށް ވަނީ ވެނެޒުއޭލާ އަތުން ބަލި ގަބޫލު ކުރަށް ޖެހިފައެވެ.
މި މެޗު ކާމިޔާބު ކުރެވުމާއެކު ވެނެޒުއޭލާ ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ލިބިފައެވެ. ގްރޫޕުގައި އަދި އެއް މެޗު ކުޅެން އޮތް ކަމުގަވިއަސް ވެނެޒުއޭލާ މިހާ ތަނަށް މުބާރާތުގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބު ކޮށްފައިވާތީ އެ ޓީމަށް ވަނީ ކުއާޓާއިން ޖާގައެއް ކަށަވަރުވެފައެވެ.
ކުޅުނު ދެ މެޗުން ލިބުނު 3 ޕޮއިންޓާއެކު ގްރޫޕުގައި ދެވަނަ އަދި ތިންވަނައިގައި އޮތް މެކްސިކޯ އަދި އިކުއަޑޯއަށް ކުއާޓާއިން ޖާގައެއް ހޯދުމުގެ ފުރުސަތު އޮތް ކަމުގައިވިއަސް, އަދި މި މުބާރާތުގައި ޕޮއިންޓެއް ނުހޯދި, ގްރޫޕުގެ ހަތަރުވަނައިގައި އޮތް ޖަމައިކާ ވަނީ މުބާރާތުން ކަޓާފައެވެ.