ސިފައިންގެ މަޖިލީހަށް ލަފާ ދިނުމަށް ފުރަތަމަ އަންހެން އޮފިސަރުންސިފައިންގެ ލަފާދޭ މަޖިލީހަށް ސީނިއަރ ރޭންކުގެ އަންހެން ދެ އޮފިސަރަކު އައްޔަން ކުރައްވައިފިއެވެ. މިއީ ދިވެހި ސިފައިންގެ ތާރީޚުގައި ވެސް އެމަޖިލީހަށް ލަފާ ދިނުމަށް އަންހެން އޮފިސަރުން އައްޔަން ކުރެއްވި ފުރަތަމަށް ފަހަރެވެ.

ސިފައިންގެ ލަފާދޭ މަޖިލީހަށް އައްޔަން ކުރެއްވި އަންހެން ސީނިއަރ ދެ އޮފިސަރުންގެ ތެރޭގައި ހިމެނެނީ ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީން އާއި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމެވެ. މި އޮފިސަރުންގެ ތެރެއިން ލެފްޓިނެންޓް ކާނަލް ޙައްވާ ޝެނީންއަކީ ސިފައިންގެ ކޯޕަރޭޓިވްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އެވެ. އަދި ލެފްޓިނެންޓް ކާނަލް ޑރ.ފާތިމަތު ތަޙުސީނާ އިބްރާހީމަކީ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާއެވެ.

ސިފައިންގެ ލަފާދޭ މަޖިލިސް:

ސިފައިންގެ ޤާނޫނު ނަންބަރު 2008/1 ގެ 14 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ގޮތުން ސިފައިންގެ ލަފާދޭ މަޖިލީހަކީ ސިފައިންގެ އިދާރީ އަދި އޮޕަރޭޝަނަލް ކަންކަމުގައި ސިޔާސަތު ކަނޑައެޅުމުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް މަޝްވަރާ އާއި ލަފާ ދިނުމަށް ސިފައިންގެ ލަފާދޭ މަޖިލީހެއް، ސިފައިންގެ އިސް އޮފިސަރުންގެ ތެރެއިން މިނިސްޓަރު ޢައްޔަން ކުރަންވާނެއެވެ. މި މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނީ ޗީފް އޮފް ޑިފެންސް ފޯސް އެވެ.

އަދި މި މާއްދާގެ (ށ) ގައި ސިފައިންގެ އިދާރީ ކަންކަމުގެ ސިޔާސަތު ކަނޑއެޅުމުގައި މި މާއްދާގެ (ހ) ގައި ބުނެފައިވާ މަޖިލީހުގައި މިނިސްޓަރަށާއި ޗީފް އޮފް ޑިފެންސް ފޯސް އަށް ހަމައެކަނި މަޝްވަރާ ދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ ދިފާޢާ ސަލާމަތާބެހޭ ކަންކަން ކުރުމަށް މަސްއޫލުވާ ވުޒާރާގެ އެންމެ އިސް ވެރިންގެ ތެރެއިން މިނިސްޓަރަށް ފެންނަ ބަޔަކު ބައިވެރިކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ލިބިގެން ވެއެވެ.