އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީގެ ފަލަމަސްގަނޑަށް އަނިޔާވުމާއި ގުޅިގެން ސްކޮޑުން މިވަގުތަށް ވަކިވެ، އަރާމް ކުރަން އެމެރިކާގައި އޭނާ ދިރިއުޅޭ ގެ އަށް ބަދަލުވެއްޖެ ކަމަށް އާޖެންޓީނާގެ ބައެއް ރިޕޯޓުތައް ބުނެފިއެވެ.

މެސީގެ ކަނާތުފައިގެ ފަލަމަސްގަނޑަށް އަނިޔާވީ މިހާރު އެމެރިކާގައި ކުރިއަށްދާ ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި މިދިޔަ ބުދަ ދުވަހު ޗިލީ އަތުން 1-0 އިން އާޖެންޓީނާ މޮޅުވި މެޗުގައެވެ. މިމެޗުގައި މެސީ ކުޅުނީވެސް ކޮންމެވެސް ވަރަކަށް ހުންއައިސް ހުރެގެން ކަމަށް އާޖެންޓީނާ މީޑިޔާ ރިޕޯޓުތައް ބުނެއެވެ.

މީޑިޔާ ބައެއް ރިޕޯޓުތައް ބުނާ ގޮތުން މެސީގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާ ދެނެގަތުމަށް މިއަދުގެ ވަގުތެއްގައި އިތުރު ސްކޭނެއް ހަދާނެއެވެ. އަދި އެއަށްފަހު އާޖެންޓީނާ ގައުމީ ޓީމުގެ ޑޮކްޓަރުންގެ ޓީމާއެކު ކުއާޓާފައިނަލް މެޗަށް ފިޓްވުމަށް މެސީ މަސައްކަތް ފަށާނެއެވެ.

އާޖެންޓީނާގެ އިތުބާރު ހުރި މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުން އަންނަ އާދިއްތަ ދުވަހުގެ ރޭ ޕެރޫއާ ދެކޮޅަށް ކުޅޭ މެޗުގައި މެސީ ނުކުޅޭނެއެވެ. އޭގެ ބަދަލުގައި މެސީ މަސައްކަތް ކުރާނީ ކުއާޓާފައިނަލް މެޗުގައި ކުޅުމަށް ފިޓްވުމަށެވެ.

ކުޅުނު ދެމެޗުންވެސް މޮޅުވެ ގްރޫޕް "އޭ" ގެ އެއްވަނައިގައި އާޖެންޓީނާ އޮތްއިރު، ގްރޫޕުގެ އެއްވަނަ ހޯދަން ޕެރޫ އަތުން އާޖެންޓީނާއަށް ބޭނުން ވަނީ އެންމެ ޕޮއިންޓެކެވެ. ގްރޫޕުގެ އެއްވަނަ ލިބިއްޖެނަމަ ކުއާޓާގައި އާޖެންޓީނާ ބައްދަލު ކުރަން ޖެހުމުގެ ފުރުސަތު ބޮޑީ މެކްސިކޯ ނުވަތަ އިކްއެޑޯރާއެވެ.