ކޮޕާ އެމެރިކާގެ ގްރޫޕު "ޑީ" ގައި ޕެރެގުއޭ ދެކޮޅަށް ކުޅުނު މެޗު 4-1 އިން ބްރެޒިލް ކާމިޔާބުކޮށް ފާޑުކިޔުންތަކަށް ވަރުގަދަ ރައްދެއް ދީފިއެވެ،

އެލީޖިއަންޓް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ބްރެއިލް ނިކުތް އިރު އެ ޓީމަށް ވަނީ އެކި ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައެވެ. ކޮޕާ އެމެރިކާގެ ފުރަތަމަ މެޗުގައި ކޮސްޓާރީކާ އަތުން 0-0 އިން އެއްވަރުވުމުން ބްރެޒިލްގެ ކުޅުންތެރިންނަށް މީޑިއާތަކާއި އެހެނިހެން ފަރާތްތަކުގެ ނުރުުހުން ވަނީ ރައްދުވެފައެވެ.

ރާއްޖޭ ގަޑިން މިއަދު ހެނދުނު ކުޅުނު މެޗުގައި ބްރެޒިލްގެ ފަރާތުން ފެނިގެންގޮސްފައި ވަނީ ވަރުގަދަ ކުޅުމެކެވެ. އެ ގޮތުން މެޗުގެ 35 ވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ވަނީ ލަނޑު ޖަހާ އެ ޓީމަށް ލީޑު ނަގާދީފައެވެ.

އޭގެ އަށް މިނެޓު ފަހުން ސާވިއޯ ވަނީ ބްރެޒިލްގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފުގެ ވަގުތު ހަމަވެ ކުޅުނު އިތުރު ވަގުތުގައި ވިނީޝިއަސް ޖޫނިއާ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާ ބްރެޒިލްގެ ލީޑު ތިން ގޯލަށް އިތުރު ކޮށްފައެވެ. ވިނީޝިއަސްގެ މި ލަނޑާއެކު ބްރެޒިލް ފުރަތަމަ ހާފު ނިންމާލީ 3-0 އިން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ތިން މިނެޓު ތެރޭ ޕެރެގުއާއީގެ ޑިފެންޑަރު އުމަރް އަލްޑަރޭޓޭ ވަނީ ލަނޑު ޖަހާ އެ ޓީމަށް ސުން ކަނޑާލަދީފައެވެ. ޕެރެގުއާއީ, ބްރެޒިލްގެ ލީޑު ދެ ގޯލަށް ކުޑަ ކުރި ކަމުގައިވިއަސް މެޗުގެ 65 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ލޫކަސް ޕަކޭޓާ ކާމިޔާބު ކުރި ލަނޑާއެކު ބްރެޒިލް ވަނީ އަނެއްކާ ވެސް ތިން ގޯލަށް ލީޑު ފުޅާ ކޮށްފައެވެ.

ފަރަގު ކުޑަ ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔަ ޕެރެގުއާއީއަށް ކަންކަން ގޯހުން ގޯބަށް ދިޔައީ މެޗުގެ 81 ވަނަ މިނެޓުގައި އެ ޓީމުގެ އަންޑްރޭސް ކިއުބަސްއަށް ރަތް ކާޑު ދެއްކުމުންނެވެ. 10 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުނު ޕެރެގުއާއީ އަތުން ބްރެޒިލް ވަނީ 4-1 އިން މެޗު ކާމިޔާބު ކޮށް, ފާޑު ކީ ހުރިހާ ފަރާތްތަކަށް އެ ޓީމުގެ ފެންވަރު ދައްކާލާފައެވެ.

މި މެޗުން މޮޅުވުމާއެކު ބްރެޒިލް އޮތީ, ކުޅުނު ދެ މެޗުން ލިބުނު 4 ޕޮއިންޓާއެކު ގްރޫޕު "ޑީ" ގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން 6 ޕޮއިންޓު ހޯދާފައިވާ ކޮލަމްބިއާއެވެ. ތިންވަނައިގައި ކޮސްޓާރީކާ އޮތް އިރު ހަތަރުވަނައިގައު އޮތީ ޕެރެގުއާއީއެވެ. ކޮސްޓާރީކާއަށް ދެވަނަ ބުރަށް ދިއުމުގެ ކުޑަ ފުރުސަތެއް އޮތް ކަމުގައިވިއަސް ޕެރެގުއާއީ ވަނީ މުބާރާތުން ކަޓާފައެވެ.