ކޮޕާ އެމެރިކާގެ ގްރޫޕު "ޑީ" ގައި ކޮސްޓަރީކާ އަތުން 3-0 އިން މޮޅުވެ ކޮލަމްބިއާއިން ކުއާޓާފައިނަލުގެ ޖާގައެއް ރޭ ހޯދައިފިއެވެ.
ފީނިކްސް ޔުނިވާސިޓީ ސްޓޭޑިއަމްގައި ކުޅުނު މެޗުގައި ކޮލަމްބިއާގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. ކޮލަމްބިއާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ 31 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން ލިވަޕޫލަށް ކުޅެމުން އަންނަ ލުއިސް ޑިއާޒް ކާމިޔާބު ކުރި ލަނޑެކެވެ. ޑިއާޒް ކާމިޔާބު ކުރި ޕެނަލްޓީއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-0 އިން ކޮލަމްބިއާ ކުރީގައި އޮވެގެންނެވެ.
ދެވަމަ ހާފުގެ 59 ވަނަ މިނެޓުގައި ކޮލަމްބިއާގެ ޑިފެންޑަރު ޑޭވިންސަން ސަންޗޭޒް ވަނީ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން ޔޮން ކޯޑޮބާ ވަނީ ލަނޑު ޖަހާ ކޮލަމްބިއާގެ ލީޑު ތިން ގޯލަށް ފުޅާ ކޮށްފައެވެ.
މެޗުގައި އާދައިގެ ކުޅުމެއް ފެނިގެންދިޔަ ކޮސްޓަރީކާއަށް ސުން ކަނޑާނުލެވުނު އިރު, ކޮލަމްބިއާގެ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއް ވެސް ފޮނުވާލެވިފައެއް ނުވެއެވެ. މި މެޗުން ބަލިވުމާއެކު ކޮސްޓަރީކާއަށް ވަނީ މުބާރާތުގެ ކުއާޓާއިން ޖާގަ ލިބުމުގެ ފުރުސަތު ވަރަށް ހަނިވެފައެވެ.
މެޗުން ލިބުނު މޮޅާއެކު ކޮލަމްބިއާ ވަނީ ވަރުގަދަ ބްރެޒިލް ފަހަތަށް ޖައްސާލައި ގްރޫޕު "ޑީ" ގެ އެއްވަނަ ދިފާއުކޮށްފައެވެ. ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި ބްރެޒިލް އަދި ކޮލަމްބިއާ ވާދަކުރާ އިރު, މި މެޗަކީ ގްރޫޕުގެ އެއްވަނައިގައި ގްރޫޕު ސްޓޭޖު ނިންމާލުމަށް ދެ ޓީމަށް ވެސް ވަރަށް މުހިއްމު މެޗެކެވެ. ގްރޫޕުގެ އެއްވަނައިގައި ކުޅުނު ދެމެޗުވެސް ކާމިޔާބުކޮށް ކޮލަމްބިއާ އޮތީ 6 ޕޮއިންޓާއެކުއެވެ. ބްރެޒިލް ދެވަނައިގައި އޮތީ 4 ޕޮއިންޓާއެކުއެވެ.