ނުރައްކާތެރި އަދި ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން މާފުށީ ޖަލުގައި ބަންދުކޮށް ބަހައްޓާފައި ހުއްޓައި އިއްޔެ ނިޔާވި މުހައްމަދު ޖަމީލު ފަތިސް ނަމާދަށްފަހު ރޭ ވަޅުލައިފިއެވެ.
ޖަމީލު ވަޅުލާފައި ވަނީ އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް އާއިލާއިން ދެކޮޅު ހެދުމުން ޕޯސްޓްމޯޓަމް ނުހަދައެވެ.
ޖަމީލުގެ ހަށިގަނޑުގެ އެކިއެކި ތަންތަން ނޫފައިގަނެފައި ހުރި ކަމަށާއި އޭނާ މަރުވީ ޖަލު އޮފިސަރުން އަނިޔާކޮށްގެން ކަމަށް ބުނެ ސޯޝިއަލް މީޑިޔާގައި ބައެއް ފަރާތްތަކުން އަޑު އުފުލިއެވެ.
ހޯމް މިނިސްޓަރ އަލީ އިހްސާނު ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖަމީލުގެ ޕޯސްޓްމޯޓަމް ހަދާނެ ކަމަށެވެ. އެކަމަކު ޖަމީލުގެ އާއިލާއިން ޕޯސްޓްމޯޓަމް ހަދަން ދެކޮޅު ހެދުމުން އެކަން ނުވީއެވެ. ޕޯސްޓްމޯޓަމް ހެދުމަށްޓަކައި ޖަމީލުގެ ހަށިގަނޑު ގެންދިޔުމަށްޓަކައި ފުލުހުން ހުޅުމާލޭ ސަހަރާއަށްވެސް ދިޔައެވެ. އަދި ވަޒީރު އިހްސާންވެސް ވަނީ މިސަރަހައްދަށް ވަޑައިގެން ޕޯސްޓްމޯޓަމް ހެދުމާ ގުޅޭ ގޮތުން އާއިލާއާ މަޝްވަރާ ކޮށްފައެވެ. އެކަމަކު އާއިލާއިން ބޭނުންވި ގޮތަށް ޖަމީލު ވަޅުލުމުގެ ކަންކަން ކުރިއަށް ގެންދިޔައީއެވެ.
ވަޒީރު އިހްސާން ވިދާޅުވީ ސީސީޓީވީ ފުޓޭޖްތަކުން އެންމެފަހުން ފެންނަނީ ޖަމީލު ނަމާދުކުރާތަން ކަމަށާއި އޭނާ ނިޔާވެފައި އޮއްވައި ފެނުނީ ސަޖިދާގައި އޮއްވައި ކަމަށެވެ. އަދި މިމައްސަލަ ތަހްގީގު ކުރާ ހުރިހާ އިދާރާތަކަށް ސީސީޓީވީ ފުޓޭޖް ހިއްސާކުރާނެ ކަމަށް ވަޒީރު އިހްސާން ވިދާޅުވިއެވެ.