ޚާރިޖީ ވަޒީރު މޫސާ ޒަމީރު އެމެރިކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބުކަމާއެކު ނިންމާލައްވާ ނިއުޔޯކްއިން ފުރާވަޑައިގެންފިއެވެ.

މިނިސްޓަރ ޒަމީރު ވޮޝިންޓަން ޑީސީއަށް ކުރެއްވި ދަތުރުފުޅުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެންއާ ބައްދަލުކުރައްވައި، ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާ އާއި ހައުސް ކޮމިޓީ އޮން ފޮރިން ރިލޭޝަންސްގެ ޗެއާމަން މައިކަލް މިކައުލް އާއި ހައުސް ސަބް ކޮމިޓީ އޮން އިންޑޯ ޕެސިފިކްގެ ޗެއާވުމަން ކަމަށްވާ ކޮންގްރެސްވުމަން ޔަންގް ކިމް އަދި އިންޑޯ ޕެސިފިކްގެ ހައުސް ސަބް ކޮމިޓީގެ ރޭންކިން މެމްބަރު އަމީ ބޭރާއާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

ވަޒީރު ވަނީ އެމެރިކާގެ މަޝްހޫރު ތިންކް ޓޭންކް، ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްކަންދެއްވާ ކަންކަމާއި ޚާރިޖީ ސިޔާސަތާ ބެހޭގޮތުން އިންޓަރެކްޓިވް ޑިސްކަޝަންއެއް ކުރައްވާފައެވެ. ނިއުޔޯކަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު ޒަމީރު ވަނީ ވޮޝިންޓަންގައި ދިރިއުޅޭ ދުވެހިންނާ ބައްދަލުވެސް ކުރައްވާފައެވެ.

އެއަށްފަހު ވަޒީރު ނިއުޔޯކަށް ކުރެއްވި ދަތުރުފުޅުގައި އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި އދ ގެ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒްގެ އަންޑަރ ސެކްރެޓަރީ ޖެނެރަލް ލީ ޖިންހުއާ އާއި އދ. އަށް ފަލަސްތީނުގެ ދައުލަތުގެ ދާއިމީ އޮބްޒާވަރު ޑރ. ރިޔާދް މަންސޫރް އާއެކު ބައްދަލުވުންތަކެއް ބާއްވާފައިވެއެވެ. ވަޒީރު ވަނީ ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާއި ނިއުޔޯކްގައި ހުންނަ ދާއިމީ ރެޕްރެޒެންޓޭޓިވްސްގެ ގްރޫޕަކާ އެކުވެސް ހަރަކާތްތެރިވެފައެވެ. ވަޒީރު ޒަމީރުގެ މި ދަތުރުފުޅުގައި ނިއުޔޯކާއި ނިއު ޖާޒީގައި ދިރިއުޅޭ ދިވެހިންނާ ވެސް ވަނީ ބައްދަލުކުރައްވާފައެވެ.

އދ. ގެ ސެކެޓަރީ ޖެނެރަލްއާއެކު ބޭއްވި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ މަލްޓިލޭޓަރަލް އެޖެންޑާގެ މައްޗަށް އަލިއަޅުއްވާލަ، ހަތަރުވަނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް4) ގައި ކުރެއްވި މަސައްކަތް އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ޚާރިޖީ ވަޒީރު ފާހަގަކުރެއްވިއެވެ.

އަންޑަރ ސެކްރެޓަރީ ޖެނެރަލް ފޮރ އިކޮނޮމިކް އެންޑް ސޯޝަލް އެފެއާޒްއާ އެކު ބޭއްވެވި ބައްދަލުވުމުގައި ޚާރިޖީ ވަޒީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކުރިމަތިވެފައިވާ ތަރައްޤީގެ ގޮންޖެހުންތައް ޙައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ތަރައްޤީއަށް ބޭނުންވާ އަގުހެޔޮ އަދި އެކަށީގެންވާ މާލީ ވަސީލަތްތައް ފޯރުކޮށްދިނުމަށާއި ކްލައިމެޓް އެޑަޕްޓޭޝަނަށް ރާއްޖެއާއި އ.ދ. އާ ދެމެދު ގުޅުން ބަދަހިކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

މީގެ އިތުރުން، ވަޒީރު ވަނީ ފަލަސްޠީނުގެ ސަފީރު ރިޔާދު މަންސޫރާ ބައްދަލުކުރައްވައި ފަލަސްޠީނުގެ މިނިވަން ދައުލަތެއް ޤާއިމް ކުރުމަށް ކުރާ މަސައްކަތުގައި އަބަދުވެސް ރާއްޖެ ބައިވެރިއެއް ގޮތުގައި އޮންނާނެ ކަމަށާއި، ޣައްޒާގައި ހިނގަމުންދާ ޤަތުލްޢާމް ވަގުތުން ނިމުމަކަށް ގެނައުމަށް ރާއްޖެއިން ފަލަސްޠީނަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ފަލަސްތީނަކީ އދ. ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބަލައިގަތުމަށް ތާއީދު ކުރައްވާ ކަމަށް ވެސް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ނިއުޔޯކް، ނުއުޖާޒީ ގައި ދިރިއުޅެ ދިވެހިންނާވެސް ވަޒީރު ބައްދަލުކުރެއްވިއެވެ. އެމެރިކާގައި ދިރިއުޅޭ ދިވެހިންނާ އެކު ބޭއްވެވި މި ބައްދަލުވުންތަކުގައި އެފަރާތްތަކުގެ ކަންބޮޑުވުންތަކަށް އަލިއަޅުއްވާލައްވައި، އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް އަލްވަދާއު ދެންނެވީ ރާއްޖެއިން އދ އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ. މިނިސްޓަރ ޒަމީރުގެ އަރިހުގައި ސެކްރެޓަރީ، ބައިލެޓަރަލް ޑރ. ހާލާ ހަމީދާއި ސީނިއަރ އަންޑަރ ސެކްރެޓަރީ ޙަސަން ޙުސައިން ޝިހާބު ބައިވެރިވެވަޑައިގެންނެވިއެވެ.