މި ވާހަކައަކީ ފުވައްމުލަކުގައި ތުންތުންމަތިން ކިޔަމުން އަންނަ ފޯކުލޯރ ވާހަކައެކެވެ. ވާހަކައިގަ ކިޔާ ގޮތުން ޝަހީދުކުޅަ ބަންޑާރައިން، ޣިޔާސުއްދީނު ރަދުންގެ ދަރިކަލުން އިބުރާހިމް ފާމުލަދޭރިކިލެގެފާނު ފުވައްމުލަކަށް އަރުވާލެވިފައި ހުންނެވި ދުވަސްވަރު ވަލިދަޑި އާމިނާ މަނިކުފާނާއި ކައިވެނި ކުރައްވައިގެން އައިސާ ދީދީ (ދޮން ދީދީ) ކިޔާ ދަރިކަނބަލަކު ލިބިވަޑައިގެންނެވިއެވެ. އޭނާ ފުރާވަރަށް އެރީމާ އެ ރަށު އެޅެތޮށިގޭ އަލި ތައްކާނާއި ދެވިއެވެ.
އެ ކައިވެންޏަށް ދެ ކުދިން ވެސް ލިބުނު ފަހުން ދޮން ދީދީ މުދިންގޭ ކަތީބުގެ ދަރި އިބުރާހިމް ފުޅާ ހިތްޕުޅާވެއްޖެއެވެ. ވާހަކާގައި ބުނާ ގޮތުން އިބުރާހިމް ފުޅަކީ ވަރަށް ރީތި ފިރިހެނެކެވެ. ދޮން ދީދީ ބޭނުންފުޅުވީ އަލި ތައްކާނު ކައިރިން ގަދަކަމުން ވިޔަސް ވަރިވެގެން އިބުރާހިމް ފުޅާ ކައިވެނި ކުރައްވާށެވެ. އެހެނަސް އަލި ތައްކާނު ވަރިކުރާކަށް އެއްބަހެއް ނުވިއެވެ. ކިލެގެފާނު ވެސް އެ ވަރިއަކަށް އެއްބަސްވެވަޑައެއް ނުގެންނެވިއެވެ. މިކަމުގެ ހިތާމައިގާ ދޮން ދީދީ، ކަރައްޔަ ގަނޑުވަރުގައި ބައްޕަ ގެންގުޅުއްވި އަލިމަހެއް ފަރީކުޅުއްވައިގެން އަމިއްލަފުޅަށް އަވަހާރަވީއެވެ. 2
އިބުރާހިމް ފުޅު، ދޮންދީދީގެ ޖަނާޒާގައި ބައިވެރިވެ ކަށްވަޅު ކޮންނަން ވެސް އެހީވިއެވެ. ސަންދޯއް ވަޅަށް ތިރިކުރިއިރު އޭނަ ވެސް ވަޅަށް ފޭބިއެވެ. އަދި ވަޅުން އަރާކަށް ނޫޅުނެވެ. އޭނާ ވަޅުން ނަގަން ޖެހުނީގަދަކަމުންނެވެ. ވަޅަށް ފަސްލައި ނިމުނީމައި ވެސް އިބުރާހިމް ފުޅު މަހާނަކައިރިން ދުރަކަށް ނުދިޔައެވެ. ރޭގަނޑު ނިދަނީ ވެސް މަހާނަ މަތީގައި މަދިރިގެއެއް ޖަހައިގެންނެވެ.
މިހެން މޮޔަކޮށް އޭނާ އުޅޭތީ ބައްޕަ މުދިންގޭ ކަތީބަށް އެކަން ބޮޑުވެގެން އިބުރާހިމް ފުޅު ރަށުން ބޭރަށް ފޮނުވާލަން ވިސްނިއެވެ. އެކަމަށް އޭނާ ތަވީދެއް ހަދައި ކާޅެއްގެ ފިޔައިގަ ބަނެވެ. އެއީ ކާޅު ދާ ތަނަކަށް އިބުރާހިމް ފުޅު ދާގޮތަށެވެ. ކާޅު އުދުހިފައި ގޮސް ޖެއްސީ އައްޑޫ މަރަދުވަށެވެ. އޭގެ ދެ ދުވަހެއް ފަހުން ރަސްގެފަންނުން އައްޑުވަށް ފުރި ދޯންޏަކަށް އަރައިގެން އިބުރާހިމް ފުޅު މަރަދުވަށް ހިނގައްޖެއެވެ. އޭނާ އެ ރަށުގައި ވަޒަންވެރިވީއެވެ. މިހާރު ވެސް އޭނާގެ ދަރިފަސްކޮޅު އެރަށުގައި އެބަ އޮތްކަމަށް ބުނެވެއެވެ. 4
މީ ވާހަކައަކީ ފޯކުލޯރ ވާހަކައަކަށްވާ ހިނދު އޭގެ ޒާތުން، މި ވާހަކައިގެ ވެސް ތަފާތު ރިވާޔަތްތައް ހުރެއެވެ. މި ޕޯސްޓުން މި ވާހަކައަކީ ހަޤީޤަތެއް ކަމަކަށް ދައުވާއެއް ނުކުރެއެވެ. އެހެނަސް ވާހަކައިގަ ނަންގަނެވޭ ކިލެގެފާނާއި އޭނާގެ ދަރިކަނބަލުންނަކީ ހަޤީޤަތުގައި ވެސް ފުވައްމުލަކުގައި އުޅުއްވި ބޭފުޅުންކަން ތާރީޚުން ސާބިތުކުރެވެއެވެ. މިކަން ފިޔަވައި މި ވާހަކައިގަ ބަޔާންކުރާ އެއްވެސް ހާދިސާއަކީ މިހެން ސާބިތުކުރެވޭ ވާހަކަތަކެއް ނޫނެވެ.