ޖޯޖިއާ, އެ ގައުމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޔޫރޯގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރުމުން އެކަން ފާހަގަކުރުމުގެ ގޮތުން އެ ޓީމަށް ދިހަ މިލިއަން ޑޮލަރުގެ އިނާމެއް ދިނުމަށް ޖޯޖިއާގެ ބިލިއަނަރެއް ކަމުގައިވާ ބިޑްޒީނާ އިވަނިޝްވިލީ ނިންމައިފިއެވެ.
މި ދިޔަ ބުރާސްފަތި ދުވަހު ޖޯޖިއާގެ މީޑިއާއެއް ކަމުގައިވާ އިމެދީ ޓީވީއާ ހަވާލާދީ, ޖޯޖިއާގެ ޕްރައިމް މިނިސްޓަރުކަމުގެ މަގާމު އަދާކޮށްފައިވާ ބިޑްޒީނާ ވަނީ, ޖޯޖިއާގެ ފުޓުބޯޅަ ޓީމުގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ދިހަ މިލިއަން ޑޮލަރުއެ ޓީމަށް ހަދިޔާ ކުރަން ނިންމާފައިވާ ކަން ހާމަކޮށްފައެވެ.
އޭގެ އިތުރުން ބިޑްޒީނާ ހާމަކުރި ގޮތުގައި ޔޫރޯގެ ދެވަނަ ބުރުގައި ސްޕެއިން ބަލިކޮށް ކުއާޓާއަށް ދަތުރު ކޮށްފިނަމަ އެ އިނާމު ދެ ގުނަ އަށް އިތުރު ވެގެންދާނެއެވެ. އިވަނިޝްވިލީ ހާމަކުރި ގޮތުގައި މި އިނާމަކީ ޖޯޖިއާގެ ފުޓުބޯޅަ ތާރީހުގައި މިހާތަނަށް ލިބުނު އެންމެ ފުރިހަމަ ކާމިޔާބީ ފާހަގަކުރުމަށް ދޭ އިނާމެކެވެ.
ޖޯޖިއާ, ޔޫރޯގެ ދެވަނަ ބުރުން ޖާގަ ކަށަވަރު ކުރީ, ގްރޫޕު ސްޓޭޖުގެ ފަހު މެޗުގައި 2-0 އިން ވަރުގަދަ ޕޯޗުގަލް ބަލި ކުރުމަށް ފަހުއެވެ. މި އަހަރުގެ ޔޫރޯގެ ދެވަނަ ބުރުން ޖޯޖިއާ ޖާގަ ހޯދިކަމުގެ ކާމިޔާބީ އިތުރަށް ފުރިހަމަވާ ސަބަބަކީ, މި މުބާރާތަކީ ޖޯޖިއާގެ ތާރީހުގައި ދުނިޔޭގެ ފެންވަރުގެ މުބާރާތެއްގައި އެ ޓީމު ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވާތީއެވެ.