ޔޫރޯގެ ރައުންޑް އޮފް 16 ގެ ފުރަތަމަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަނުން ކަމުގައިވާ އިޓަލީ 2-0 އިން ބަލިކޮށް, ސްވިޒަލޭންޑް މުބާރާތުގެ ކުއާޓާ ފައިނަލުން މިރޭ ޖާގަ ކަށަވަރުކޮށްފިއެވެ.

ބާލިންގެ އޮލިމްޕިއާ ސްޓޭޑިއޮންގައި ކުޅުނު މެޗުގައި ސްވިޒަލޭންޑުގެ ފަރާތުން ފެނިގެންދިޔައީ ތަފާތު މޮޅު ކުޅުމެކެވެ. މެޗު ފެށިގެން ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުން ދިޔަ ސްވިޒަލޭންޑް މެޗުގެ ލީޑު ނެގީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައެވެ. މި ލަނޑަކީ, ރުބެން ވާގަސް ދިން ޕާހަކުން ރީމޯ ފްރޫލާ ކާމިޔާބު ކުރި ލަނޑެކެވެ.

ސްވިޒަލޭންޑުގެ ދެވަނަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފެށިގެން ފުރަތަމަ މިނެޓުގައެވެ. މި ލަނޑަކީ, އޭރިއާގެ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ ކަނަށް ވައްދާލައިގެން ރީމޯ ވާގަސް ކާމިޔާބު ކުރި ލަނޑެކެވެ. ވާގަސްގެ ލަނޑާއެކު ސުވިޒަލޭންޑު ވަނީ ޗެމްޕިއަނުން އިޓަލީގެ ކުރިމަތީގައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ.

ސްވިޒަލޭންޑެ ދެވަނަ ލަނޑަށް ފަހު އިޓަލީ ވަނީ އެ ޓީމުގެ ކުޅުން ރަނގަޅު ކޮށް, ލަނޑެއް ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް އުފައްދާފައެވެ. އެ ގޮތުން ޒަކަޔިނީ ބޮލުން ފޮނުވާލި ބޯޅައަކުން ފަހިވި ފުރުސަތަކުން އިޓަލީގެ ސްޓަރައިކަރު ސްކަމަކާ ޖެހި ޝޮޓު ވަނީ ގޯލުގެ ދަނޑިއަށް އަރާފައެވެ.

ދެވަނަ ހާފުގައި އިޓަލީގެ ކުޅުން ރަނގަޅު ކުރި ކަމުގައިވިއަސް އެ ޓީމަށް ވަނީ ގޯލާ އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލެވޭ ގޮތް ނުވެފައެވެ. މެޗުގެ ވަގުތު ހަމަވިއިރު ވެސް ސުން ކަނޑާނުލެވުމާއެކު އިޓަލީއަށް ވަނީ ތަށި ދިފާއު ކުރުމުގެ ފުރުސަތު ގެއްލި, މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.

މި ނޮކްއައުޓް މެޗު ކާމިޔާބު ކޮށް, މި އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުން ޖާގަ ހޯދި ފުރަތަމަ ޓީމު ކަމުގައިވާ ސުވިޒަލޭންޑް ކުއާޓާގައި ނިކުންނަން ޖެހޭނީ, ރާއްޖެ ގަޑިން މާދަމާ ރޭ 21:00 ގައި އިނގިރޭސި ވިލާތް އަދި ސްލޮވޭކިއާ ބައްދަލު ކުރާ މެޗުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.

ދެވަނަ ބުރުގައި މިރޭ ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު ބައްދަލު ކުރާނީ ޖަރުމަނާއި ޑެންމާކެވެ.