ރަސްމީ ފާލަމަކީ ވަރަށް ގިނަ ޓޫރިސްޓް ރިސޯޓުތަކުން ފީ ދައްކައިގެން ދައުލަތަށް އާމްދަނީ ލިބޭގޮތަށް ބޭނުންކުރާ ފާލަމަކަށްވުމާއެކު އެފާލަން ރަނގަޅު ފެންވަރަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް އިމާރާތްކުރުމާ ބިނާރާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެއެވެ.

އިމާރާތްކުރުމާ ބިނާރާބެހޭ ވަޒީރު މިހެން ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ވަރަށް ބޮޑަށް ގޯސްވެފައި ވުމުން ދަޢުލަތުގެ ޚަރަދު ކުޑަކުރުމަށް ސަރުކާރުން ނިންމާފައިވާ ދަނޑިވަޅެއްގައި، ފާލަން ހެދުމަށް ހޭދަތަކެއް ކުރާތީ އާންމުން ކަންބޮޑުވުން ފާޅުކޮށް ދައްކާ ވާހަކަތަކާއި ގުޅިގެނެވެ.

ގައުމުގައި ހިންގާނެ ފައިސާއެއް ނެތް އިރު، ނުވަތަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި "ހަޒާނާ ލޫޓުވާލާފައި" ދިޔަ ކަމަށް ބުނާ އިރު، ވަރުގަދަކޮށް ހަދާފައި ހުރި ފާލަމެއް ތަޅައި ސުންނާފަތިކޮށްލައި ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ ގޮތަށް ބޭކާރު ހަރަދުތައްކޮށްފައި އަލުން އަނެއްކާ އާ ރަސްމީ ފާލަމެއް ހެދުމުގެ ބޭނުމަކީ ކޮބައިތޯ ބައެއް އާންމުން ދަނީ ސުވާލު ކުރަމުންނެވެ.

މިކަމަށް ރައްދުދެއްވަމުން ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވީ ރަސްމީ ފާލަން މަރާމަތުކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެކު އެއްބަސްވުން ހަދާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 14 ވަނަ ދުވަހުކަމަށެވެ. އަދި ރަސްމީ ފާލަން މަރާމާތުނުކޮށް އަހަރެއްވުމުގެ ސަބަބުން، ފާލަމުގެ މަތީބައި ހަލާކުވެ، ނުރައްކާތެރި ހާލަތަކަށް ދިޔަ ކަމަށެވެ.

އަލަށް ތަރައްގީ ކުރާ ރަސްމީ ފާލަމަކީ ދިވެހިންގެ ގައުމިއްޔަތާއި ސަގާފަތް ރަމްޒުކޮށްދޭ އަދި ގިނަ ދުވަހު ބޭނުންކުރެވޭ ފަދަ ފެންވަރު ރަނގަޅު ފާލަމަކަށްވާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. ރަސްމީ ފާލަން އަލުން ތަރައްގީކުރުމުގެ މަޝްރޫއަށް 11.7 މިލިއަން ރުފިޔާ ހޭދަވާނެއެވެ. މި މަޝްރޫއުގެ ދަށުން ކުރީގެ ޖެޓީ ރޫޅާލުމާއި އާ ޖެޓީގެ ކޮންކްރީޓް މަސައްކަތާއި ސްޓީކް ސްޓްރަކްޗަރ ފަރުމާކުރުމާއި ލަކުޑި އަދި މަތިވަޑައިމުގެ މަސައްކަތް ހިމެނެއެވެ.

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރުފުރުމުގެ މުނާސަބާތާ ގުޅިގެން، ފާލަމުގެ ޑިޒައިނަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށްފަހު އަލުން ހުޅުވީ 2015 ވަނަ އަހަރުއެވެ. ފާލަން ފަރުމާކޮށްފައިވަނީ އިހުޒަމާނުގައި ދަތުރުފަތުރުކުރުމަށް ބޭނުންކުރެވުނު އޮޑިދޯނިފަހަރާއި ބައްތެލީގެ ރިޔާތައް ރަމްޒުކޮއްދޭ ގޮތަށެވެ. މި ފާލަމުގެ މަސައްކަތް އެންމެ ފަހުންވެސް ކުރީ އެމްޓީސީސީއެވެ.