ރާއްޖޭގައި ފުރަތަމަ ފަހަރަށް ކުދި، މެދު އަދި މައިކްރޯ ވިޔަފާރިތަކަށް (އެމްއެސްއެމްއީ) އެވޯޑެއް ތަޢާރަފުކުރާނެކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން އިޢުލާނުކޮށްފިއެވެ.

މި އިޢުލާނު ކުރީ ކުދި، މެދު އަދި މައިކްރޯ ވިޔަފާރިތަކުގެ ބައިނަލްއަޤްވާމީ ދުވަހާ ގުޅުވައިގެން، ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޟިޔާއު މުޙައްމަދު ނެރުއްވި ބަޔާނެއްގައެވެ. އެމްއެސްއެމްއީ އެވޯޑަކީ ރާއްޖޭގައި މިފަދަ ފުރަތަމަ އެވޯޑު ކަމަށްވާއިރު، މި އެވޯޑު ފަރުމާކޮށްފައިވަނީ ކުދި ވިޔަފާރިތަކުގެ މަސައްކަތްތަކާއި ކާމިޔާބީތައް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރުމަށެވެ.

ޟިޔާއު ވިދާޅުވީ މި އެވޯޑަކީ އެކި ދާއިރާތަކުން ކުދި ވިޔަފާރިތަކުން ކުރަމުން ގެންދާ މުހިންމު މަސައްކަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ދޭ އެވޯޑެއް ކަމަށެވެ. މި އެވޯޑަކީ ވިޔަފާރިތަކުގެ މަސައްކަތްތައް ފާހަގަކޮށް، އެމީހުންނަށް އިތުރު ހިތްވަރެއް ދިނުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށް ޟިޔާއު ވިދާޅުވިއެވެ.

ޟިޔާއު ހާމަކުރެއްވި ގޮތުގައި، ދިވެހި އިޤްތިޞާދަށް ބޮޑު ހިއްސާއެއް ކުރާ މިފަދަ ވިޔަފާރިތަކަށް މަގުފަހި މާޙައުލެއް އުފެއްދުމަށް މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބީސީސީ އިން ވަނީ ރާއްޖޭގެ ކުދި ވިޔަފާރިތަކަށް، ޚާއްޞަކޮށް ރާއްޖޭގައި އުފައްދާ ތަކެތި އުފައްދާ ފަރާތްތަކަށް، ރާއްޖެއާއި ރާއްޖެއިން ބޭރުގެ މާކެޓްތަކަށް ވާޞިލުވުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންކަމަށެވެ.

"އަޅުގަނޑުމެން ދަނީ ރާއްޖޭގައި އުފައްދާ ތަކެތި ބޭރު ޤައުމުތަކުގައި ވިއްކާ މި ތަކެތި ޕްރޮމޯޓްކުރުމަށް އެކި ބައިނަލްއަޤްވާމީ ހަރަކާތްތަކުގައި ބައިވެރިވަމުގެ ފުރުޞަތުތައް ހޯދަމުން" ޟިޔާއު ވިދާޅުވިއެވެ.

ޟިޔާއު އިތުރަށް ޔަޤީންކަން ދެއްވީ، ރާއްޖޭގެ އިޤްތިޞާދުގައި އަތްތެރި މަސައްކަތްތެރިންގެ ދައުރު ފުޅާކުރުމަށާއި، އެއްވެސް ޞިނާޢަތަކަށް އިސްކަން ނުދީ، ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުޞަތުތައް ފޯރުކޮށްދިނުމަށް ބީސީސީ އިން ކުރަމުންދާ މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށް ގެންދާނެ ކަމަށެވެ.