ޙައްޖު މޫސުމާ ގުޅިގެން ރޯގާ ފެތުރޭތީ، ކޮންމެހެން ބޭނުންޖެހިއްޖެ ހާލަތްތެއްގައޮ މެނުވީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ޒިޔާރާތް ނުކުރުމަށް އެ ހޮސްޕިޓަލުން އެދިއްޖެއެވެ.

އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޙައްޖު ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން ރޯގާގެ އަލާމާތްތައް ހުންނަ މީހުންގެ އަދަދު އިތުރުވުމާ ގުޅިގެން ބަލި މީހުންނާއި، މުވައްޒަފުން އަދި މުޖުތަމަޢުގެ ރައްކާތެރިކަމަށްޓަކައި ންމެހެން ބޭނުމެއް ޖެހިއްޖެ ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށެވެ.

އަދި ކޮންމެހެން ހޮސްޕިޓަލަށް އަންނަން ޖެހިއްޖެ ހާލަތެއްގައި މާސްކް އެޅުމާއި، ޚާއްސަކޮށް ރޯގާގެ އެއްވެސް އަލާމާތެއް ހުރިނަމަ މާސްކް އެޅުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އައިޖީއެމްއެޗްއިން ވަނީ އެދިފައެވެ.

މީގެ އިތުރުން އައިޖީއެމްއެޗްއިން ވިދާޅުވީ، އެއްވެސް ބޭނުމެއްގައި ހޮސްޕިޓަލަށް ޒިޔާރަތް ކުރާނަމަ، ވީހާވެސް އަވަހަށް އެންބުރި ގެއަށް ދިޔުމަށާއި، ހޮސްޕިޓަލް ތެރޭގައި އެއްވެއުޅުން ފަދަ ކަންކަމުން ދުރުހެލިވުމަށެވެ.

ޙައްޖު މޫސުމަށްފަހު އެކި ރޯގާތައް ފެތުރޭއިރު، އަދި މިދުވަސްވަރު ފެތުރޭ އެހެނިހެން ރޯގާތަކުގެ އަދަދުވެސް އިތުރުވެފައިވާއިރު، ރޯގާ ފެތުރޭ މިންވަރު ވީހާވެސް ދަށްކުރެވޭނީ އެންމެހައި ފަރާތްތަކުގެ އެއްބާރުލުން ލިބިގެންކަމަށް އައިޖީއެމްއެޗްއިން ވިދާޅުވިއެވެ.

ޙައްޖުވެރިން އަނބުރާ ރާއްޖެއަންނަ ދުވަސަވަރަކީ އާންމިކޮށްވެސް ބަލިތައް ފެތުރޭ ދުވަސްވަރަކަށް ވުމުން، މިކަމަށް ރައްކާތެރި ވުމަށް ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި ކަމާ ބެހޭ އިދާރާތަކުން އަންނަނީ އަލްތިމާސްކުރަމުންނެވެ.

ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކަމަށްވާ މެނިންގޮކޯކަލް ބަލީގެ ކޭހެއް ވެސް މިދިޔަ ހޯމަ ދުވަހު ވަނީ ފެނިފައެވެ.