މިއަހަރު މިހާތަނަށް ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް 519 މިލިއަން ރުފިޔާ ޖަމާކޮށްފިއެވެ.

އެސްޑީއެފް އުފެއްދީ ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި 2017 ވަނަ އަހަރު، ކުއްލި ޙާލަތެއްގައި ސަރުކާރަށް ލޯނު އަނބުރާ ދެއްކުމުގެ ޤާބިލުކަން ދިނުމަށްޓަކައެވެ.

އިޤްތިޞާދީ ލޮޅުމެއްގެ ތެރޭގައި ބޮޑެތި ތަރައްޤީގެ މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް މި ފަންޑުން އެހީތެރިވެދޭނެއެވެ. މިއަހަރު މި ފަންޑަށް ޖަމާކުރުމަށް އަމާޒުކުރެވިފައިވަނީ 1 ބިލިއަން ރުފިޔާއެވެ.

ފިނޭންސް މިނިސްޓްރީގެ މަޢުލޫމާތު ދެއްވާގޮތުގައި، 519 މިލިޔަންއަކީ މިމަހުގެ 20 ވަނަ ދުވަހާ ހަމައަށް މި ފަންޑަށް ޖަމާކުރެވިފައިވާ ޖުމްލަ އަދަދެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ފަންޑަށް ޖަމާކުރެވުނު 499 މިލިއަން ރުފިޔާއަށްވުރެ 4 އިންސައްތައިގެ އިތުރުވުމެކެވެ.

2025 އަދި 2026 ވަނަ އަހަރު ދަރަނި އަދާކުރުމަށް ސޮވަރިން ފަންޑު ބޭނުންކުރުމަށް ސަރުކާރުން ވަނީ ނިންމާފައިވެއެވެ.