ޔޫރޯގެ ރައުންޑް އޮފް 16 ގައި ޑެންމާކް އަތުން 2-0 އިން މޮޅުވެ ޖަރުމަނުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސިގްނަލް އިޑޫނާ ޕާކްގައި ކުޅުނު މެޗުގައި ޖަރުމަނުގެ ފަރާތުން ފެނިގެންގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެ ގޮތުން މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ޝްލޮޓާބެކް ވަނީ ލަނޑެއް ކާމިޔާބު ކޮށްފައެވެ. ނަަމަވެސް ގޯލުގެ ކުރިން ޖޯޝުއާ ކިމިޗް ޑެންމާކްގެ ކުޅުންތެރިޔަކަށް ފައުލު ކޮށްފައިވާ ކަމަށް ބަލާ, ރެފްރީ ވަނީ އެ ގޯލު ސައްހާ ނޫން ކަމަށް ނިންމާފައެވެ.

މެޗުގެ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައި ޑެންމާކްގެ ޔޯޝިމް އެންޑާސަން ވަނީ ޑެންމާކަށް ލަނޑެއް ކާމިޔާބު ކޮށްދީފައެވެ. ނަމަވެސް ގޯލު ޖެހުމުގެ ކުރިން ޑެންމާކްގެ ތޯމަސް ޑެލަނީ އޮފްސައިޑުގައި ކަމަށް ބަލާ, ރެފްރީ ވަނީ އެ ގޯލު ސައްހަ ނޫން ކަމަށް ނިންމާފައެވެ.

ޑެންމާކްގެ ގޯލު ސައްހަ ނޫން ކަމަށް ނިންމިތާ ތިން މިނެޓު ފަހުން ޖަރުމަނުން ވަނީ ލަނޑު ޖަހާ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑަކީ ލިބުނު ޕެނަލްޓީއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އާސެނަލްއަށް ކުޅެމުން އަންނަ ކައި ހަވާޓްޒް ކާމިޔާބު ކުރި ލަނޑެކެވެ.

މެޗުގެ ލީޑު ނެގުމާއެކު ޖަރުމަނުން ވަނީ އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަ ކޮށް, ޑެންމާކްގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެ ގޮތުން މެޗުގެ 68 ވަނަ މިނެޓުގައި, މި ޔޫރޯގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ޖަރުމަނުގެ ޒުވާން ތަރި ޖަމާލް މުސިއާލާ ވަނީ ލަނޑު ޖަހާ އެ ޓީމުގެ ލީޑު ދެ ގޯލަށް އިތުރުކޮށްފައެވެ.

މުސިއާލާގެ ގޯލާއެކު ޖަރުމަނަށް ވަނީ ފަސޭހަކަމާއެކު މެޗު ނިންމާލައި, ކުއާޓާ ފައިނަލުގެ ޖާގަ ކަށަވަރުވެފައެވެ. ޖަރުމަނުން ކުއާޓާ ފައިނަލުގައި ނިކުންނާނީ, ރާއްޖެ ގަޑިން މިރޭ ދަންވަރު 00:00 ގައި ސްޕެއިން އަދި ޖޯޖިއާ ވާދަކުރާ މެޗުން މޮޅުވާ ބަޔަކާ ދެކޮޅަށެވެ.

ޔޫރޯގެ ރައުންޑް އޮފް 16 ގައި ދެން އޮންނާނީ އިނގިރޭސި ވިލާތާއި ސްލޮވޭކިއާ ބައްދަލު ކުރާ މެޗެވެ. މި މެޗު އޮތީ މިރޭ 21:00 ގައެވެ.