ކޮޕާ އެމެރިކާގެ ގްރޫޕު "އޭ" ގައި ޕެރޫ އަތުން 2-0 އިން މޮޅުވެ, އާޖެންޓީނާ ގްރޫޕު ސްޓޭޖުގެ ހުރިހާ މެޗެއް ކާމިޔާބު ކޮށްފިއެވެ.
ހާޑް ރޮކް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް އާޖެންޓީނާ ނިކުތީ އެ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީ ޓީމުގައި ނުހިމަނައެވެ. މީގެ ހަތަރު ދުވަސް ކުރިން ޗިލީއާ ބައްދަލު ކުރި މެޗުގައި ލިބުނު އަނިޔާއެއް ސަބަބުން މެސީ މިއަދުގެ މެޗުގައި ކުޅެފައެއް ނުވެއެވެ.
ޓީމުގެ ކެޕްޓަން ނެތް ކަމުގައިވިއަސް, އާޖެންޓީނާގެ ފަރާތުން ފެނިގެންގޮސްފައި ވަނީ ދުނިޔޭގެ ޗެމްޕިއަނުންގެ ފަރާތުން ފެންނަން ޖެހޭނެ ފަދަ ވަރުގަދަ ކުޅުމެކެވެ. އާޖެންޓީނާ ވަނީ ޕެރޫގެ ކުޅުންތެރިންގެ ފައިގައި ބޯޅަ ޖައްސާލިޔަ ނުދީ މުޅި މެޗު އެއްކޮށް ކޮންޓްރޯލު ކޮށްފައެވެ.
އާޖެންޓީނާގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ ދެވަނަ ހާފު ފެށިގެން 47 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އެންޖެލް ޑިމަރިއާ ފަހިކޮށްދިން ފުރުސަތަކުން ލައުޓާރޯ މާޓިނޭޒް ކާމިޔާބު ކުރި ލަނޑެކެވެ.
މެޗުގެ 72 ވަނަ މިނެޓުގައި އާޖެންޓީނާއަށް ވަނީ ޕެނަލްޓީއެއް ލިބި, ލީޑު އިތުރަށް ފުޅާ ކުރަން ރަނުގެ ފުރުސަތެއް ލިބިފައެވެ. ނަމަވެސް ލިއަންޑްރޯ ޕަރެޑޭސް ފޮނުވާލި ޕެނަލްޓީ އެރީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
އާޖެންޓީނާގެ ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބު ކުރި ލައުޓާރޯ މާޓިނޭޒްއެވެ. މާޓިނޭޒް މި ލަނޑު ކާމިޔާބު ކުރީ ޕެރޫގެ ޑިފެންޑަރުންގެ ފަރާތުނަ ހެދުނު ގޯހެއް ފައިދާ ނަގައިގެންނެވެ. މި ލަނޑަކީ މާޓިނޭޒް މި ކޮޕާ އެމެރިކާގައި ހާސިލުކުރި ހަތަރުވަނަ ލަނޑެވެ.
މާޓިނޭޒްގެ ދެ ގޯލާއެކު އާޖެންޓީނާ ވަނީ ގްރޫޕު ސްޓޭޖުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބު ކޮށް, ފަސޭހަކަމާއެކު ގަރޫޕުގެ އެއްވަނަ ހާސިލުކޮށްފައެވެ. އާޖެންޓީނާގެ އިތުރުން ގްރޫޕު "އޭ" އިން މުބާރާތުގެ ކުއާޓާއަށް ދަތުރު ކުރާ ޓީމަކީ މިއަދު ޗިލީ އަތުން 0-0 އިން އެއްވަރުވި ކެނެޑާއެވެ.