ގެވެށި އަނިޔާގެ ޝިކާރައަކަށްވި ޒުވާން އަންހެނެއްގެ ހަޔާތުގެ މައްޗަށް ލިޔެފައިވާ ހަގީގީ ވާހަކައަކަށް އުފައްދާފައިވާ ފިލްމު ''ކަމަނާ'' ގެ ޓީމުން އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރ އާއްމުކޮށް ''އަނިޔާކުރުމާ އަހަރެން ދެކޮޅު'' ނަމުގައި ކެމްފޭނެއް ފަށައިފިއެވެ.

އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރ އާއްމު ކޮށްފައިވަނީ މިމަހު 27 ވަނަ ދުވަހުއެވެ.

މީގެއިތުރުން ފިލްމު ކަމަނާގެ ޓީމުން ވަނީ ޓިކްޓޮކާއި އިންސްޓަރގްރަމްގައި ގެވެށި އަނިޔާއާ ދެކޮޅަށް ވާހަކަ ދައްކައި, ހޭލުންތެރި ކުރުވުމުގެ ވީޑިއޯ ކްލިޕްތަކެއް ނެރި އާއްމުންވެސް އެފަދަ ކްލިޕްތައް ތައްޔާރުކޮށް ޕޯސްޓްކުރުމަށްވެސް އިލްތިމާސްކޮށްފައެވެ.

''ކަމަނާ'' މި ފިލްމް ފެށެނީ ހއ. މޮޅަދޫގައި ވަރަށް ލޯބިން ދިރިއުޅެމުންދާ ދެމަފިރިން, ރިމްޝާއާއި ހައިދަރުގެ ދިރިއުޅުމަށް އިތުރު އުފާވެރިކަމެއް ލިބޭ ހިސާބުންނެވެ. ރިމްޝާއަށް ދަރިޔަކު ލިބެން އުޅޭކަން އެނގޭ ހިސާބުންނެވެ. ނަމަވެސް މި އުފާވެރިކަމަށް ހީވެސް ނުކުރާވަރު ކަޅު ބޯ ވިލާގަނޑެއްގެ ހިޔަނިއެޅި ރިމްޝާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިގެންދެއެވެ.

މި ފިލްމުގައި އަނތްބެއްގެ ކެތްތެރިކަމާއި ރާއްޖޭގައި ގެވެށި އަނިޔާ ގޮސްފައި އޮތް ބިރުވެރި މިންވަރު ފެނިގެންދާނެ އެވެ. މިއީ ހަގީގީ ހާދިސާއަކަށް އުފައްދާފައިވާ ފިލްމެކެވެ. މި ފިލްމުގެ އެންމެ ހާއްސަ އެއް ކަމަކީ ރިމްޝާގެ ރޯލަށް އައްޒަގެ ހަށިގަނޑަށް ގެންނަންޖެހުނު ބަދަލު ކަމަށާއިމިއީ އައްޒަގެ ފިލްމީ ކެރިއަރގައި އޭނާ ފެނިފައި ނުވާފަދަ ރޯލެއް ފެނިގެންދާނެ ފިލްމެއް ކަމަށްވެސް އެ ޓީމުން ބުނެފައިވެއެެވެ.

މީގެއިތުރުން މި ފިލްގައި ހައިދަރުގެ ބައި އަދާކުރަނީ ޔޫސުފް ޝަފީއު(ޔޫއްޕެ)އެވެެ. މިއީ މިފަދަ ބޮޑު ރޯލަކުން އައްޒައާއި ޔޫއްޕެ އެކުގައި ފެންނަ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި އާޝާ ފެނިގެންދާނީ ފިލްމުގެ މުޅި ނެރެޓިވް އޭނާ ބޭނުން ގޮތަކަށް އަނބުރާލާ މުހިއްމު ރޯލަކުނެވެ. މި ތިން ބައިވެރިންގެ އިތުރުން, ދަރާ ރަޝީދު, މުހައްމަދު މަނިކު އަދި ނަތާގެ ކެރެކްޓަރތަށްވެސް ފިލްމު ކުރިޔަށް ގެންދިއުމުގައި މުހިއްމު ރޯލްއެއް އަދާކުރެއެވެ.

ކިޑް ޕްރޮޑަކްޝަންއާއި ސެޓަރން ސްޓޫޑިއޯ އިން ހުށައަޅައިދޭ މި ފިލްމުގެ ޕްރޮޑިސަރުންނަކީ ކާމިޔާބު ފިލްމު ''ލޯބިވެވިއްޖެ'' ގެ ޕްރޮޑިއުސަރ ޝާނިޒް އަލީ އަދި ހުސެން މުނައްވަރު އެވެ.

ރިޝްފާ އަބްދުލްސަމަދުގެ ވާހަކައަކަށް މަހުދީ އަހުމަދު ސްކްރީން ޕްލޭ ލިޔެފައިވާ މި ފިލްމުގެ ޑައިރެކްޓަރަކީ ހުސެން މުނައްވަރު އެވެ. މިއީ މަހުދީގެ ސްކްރީން ޕްލޭގެ މައްޗަށް މުނައްވަރު ޑައިރެކްޓްކުރާ ތިންވަނަ ފިލްމެވެ. މުނައްވަރު ވަނީ މީގެކުރިން ދިވެހި ފިލްމު ''ސަޒާ'' އަދި ''ދިލަކަނި'' ވެސް ޑައިރެކްޓްކޮށްފައެވެ.

''ކަމަނާ'' ފިލްމު އޮލިމްޕަސް ސިނަމާގައި އެޅުވުމަށް ހަމަޖެހިފައިވަނީ 27 އޯގަސްޓް 2024ގައެވެ.