ސްލޮވާކިއާގެ ކޯޗު, ފްރެންޗެސްކޯ ކަލްޒޯނާގެ ތައުރީފުގެ ބަސްތައް އިނގިރޭސި ވިލާތުގެ ޓީމަށް ރައްދު ވެއްޖެއެވެ.

މިއަދު ޔޫރޯގެ ރައުންޑް އޮފް 16 ގައި އިނގިރޭސި ވިލާތާ ސްލޮވޭކިއާ ބައްދަލު ކުރާ މެޗުގެ ކުރިން ވާހަކަދައްކަމުން ކަލްޒޯނާ ބުނީ އޭނާ ދެކޭ ގޮތުގައި ޔޫރޯގައި އެންމެ ވަރުގަދަ ސްކޮޑު އޮތީ އިނގިރޭސި ވިލާތުގައި ކަމަށެވެ. އިނގިރޭސި ވިލާތުގެ ފުރިހަމަ ކުޅުން ފެނިއްޖެ ނަމަ ބަލިނުކުރެވޭނެ ކަމަށް ވެސް ކަލްޒޯނާ ބުންޏެވެ.

"އަހަރެން ދެކޭ ގޮތުގައި ޔޫރޯގައި އެންމެ ވަރުގަދަ ސްކޮޑު އޮތް ޓީމަކީ އިނގިރޭސި ވިލާތް. އެ ޓީމު ރަނގަޅަށް ކުޅޭ ދުވަހެއްގައި ބަލި ކުރުމަކީ ނާދިރުކަމެއް. އަހަރެމެން މި ނޮކްއައުޓް މެޗު ކާމިޔާބު ކުރަންޏާ ޖެހޭނީ އެ ޓީމުގެ ބަލި ފައިގައި ހިފޭތޯ މަސައްކަތް ކުރަން" މިއަދު ކުޅޭ ފޯރިގަދަ މެޗުވެ ކުރިން ވާހަކަދައްކަމުން ކަލްޒޯނާ ބުންޏެވެ.

ކަލްޒޯނާގެ ތައުރީފު އިނގިރޭސި ވިލާތަށް ރައްދުވި ކަމުގައިވިއަސް, މީޑިއާތަކާއި ސަޕޯޓަރުންގެ ފަރާތުން ހެޔޮ ބަހެއް މި ޔޫރޯގައި އަދި އިނގިރޭސި ވިލާތަށް ލިބިފައެއް ނުވެއެވެ. އެ ޓީމާ އަޅާ ބަލާއިރު ފެންވަރުގެ ގޮތުން ދަށް ޓީމުތަކާ އެއް ގަރޫޕެއްގައި އޮތް އިނގިރޭސި ވިލާތަށް ގްރޫޕު ސްޓޭޖުން މޮޅުވެވިފައިވަނީ އެންމެ މެޗަކުންނެވެ.

މި ރޭގެ މެޗަކީ, ސައުތުގޭޓުގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިނގިރޭސި ވިލާތަށް މީޑިއާތަކާއި ސަޕޯޓަރުންގެ ނަޒަރު އަނބުރާލަން ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ. އަނެއްކޮޅުން މި ރޭގެ މެޗަށް ސްލޮވޭކިއާ ނިކުންނާނީ ވަރުގަދަ އިނގިރޭސި ވިލާތް ބަލިކޮށް, ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށް, އެ ގައުމުގެ ފުޓުބޯޅަ ތާރީހުގެ ސަފްހާތަކުގައި ރަން އަކުރުން ފަވާލުމުގެ އުއްމީދުގައެވެ.

އިނގިރޭސި ވިލާތާއި ސްލޮވޭކިއާ ބައްދަލު ކުރާ މި ފޯރިގަދަ މެޗު އޮތީ ރާއްޖެ ގަޑިން މިއަދު 21:00 ގައެވެ.